Tuesday, May 14, 2013

revision2 -ibadha,seera,akhlaaq-grade 6


އިސްލާމް / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޢިބާދާތުގެ ބައި، ސީރަތުގެ ބައި، އަޚްލާޤުގެ ބައި
1) ނަޖިސްތަކެތީގެ ގޮތުގައި ކަނޑައެޅިފައިވާ ޢަފޫ ނުވާ ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކުރަންޖެހޭނީ ކޮންކަމެއްހެއްޔެވެ؟
2) ނަޖިސްތަކުގެ ތެރެއިން ޢަފޫވަނިވި ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކަންކުރަންޖެހޭ ގޮތަކީ ކޮބައިހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟
3) މީހަކު ކުނިގޮނޑަށް ވަދެފައި ނިކުންނައިރު އެތަނުގައި ހުންނަ ހިރަފުސް ގައިގައި ހަރުލާފައިހުންނާނެކަން ޔަގީނެވެ. އަދި ނަޖިސްވަސް ދުވުމުން އެނގެނީ ނޭފަތުގައާއި އަދި ގައިގެ އެހެންތަންތަނުގައިވެސް ނަޖިސް ހުންނާނެކަމެވެ. ދެން ގޮނޑަށް ވަދެފައި ގެއަށްދާ ކޮންމެ ފަހަރަކު ފެންވަރަން ޖެހޭނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
4) ކުރަފި ހޯނު އުކުނު ފަދަތަކެތީގެ ލޭ ދޮންނަން ޖެހޭ ނަޖިހުގެ ތެރޭގައި ނުހިމެނެނީ ކީއްވެހެއްޔެވެ؟
5) ރިޝްވާން އަކީ ދަތުރުވެރިއެއް ނޫނެވެ. އޭނާ ފައި ދޮވެގެން ފުރިހަމަ ވުޟޫއެއް ކުރުމަށްފަހު އިސްޓާކީނަށް އަރައިގެން ސްކޫލަށް ދިޔައެވެ. އަދި މެންދުރުވަގުތު ޖެހުމުން ވުޟޫކުރިއިރު ފައިދޮވުމުނގެ ބަދަލުގައި އިސްޓާކީނުގައި ފެންފުހެގެން ވުޟޫކުރިއެވެ. ގެއަށްދެވުނީ ޢަޞްރުފަހުންނެވެ. އޭރުވެސް ވުޟޫގެއްލޭ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. ވީމާ ރިޝްވާނު ވުޟޫނުކޮށް އިސްޓާކީނުވެސް ނުބާލާ ނަމާދު ކުރިއެވެ. ތިރީގައި ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- ރިޝްވާނުގެ މެންދުރު ނަމާދު ރަނގަޅުހެއްޔެވެ؟
ށ- ރިޝްވާނުގެ ޢަޞްރުނަމާދު ރަނގަޅުހެއްޔެވެ؟
ނ- ރިޝްވާނަށް އެގޮތަށް އިސްޓާކީނަށް އަރައިގެން ކިހާދުވަހަކު އިސްޓާކީނުގައި ފެންފުހެވޭނެ ހެއްޔެވެ؟
ރ- މިގޮތަށް އިސްލާމްދީނުގައި މިކަން ހުއްދަ ކުރައްވާފައި އޮތުމުން އެކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ބ- އިސްޓާކީނުގައި ފެންފުހުން ބާތިލުވާނީ ކިހިނެތް ވީމަހެއްޔެވެ؟
ޅ- އިސްޓާކީނުގައި ނުވަތަ ޚުއްފުގައި ފެންފުހުން ޞައްޙަވުމަށް އޭގައި ހުންނަންޖެހޭ ޝަރުތަކީ ކޮބައިހެއްޔެވެ؟
6) ތަޔައްމުމް ކުރުމަކީ ކޮބާހެއްޔެވެ؟ އަދި އެއީ ކޮންކަމެއް ކުރުމުގެ ބަދަލުގައި ކުރާ ކަމެއް ހެއްޔެވެ؟
7) ތިޔަދަރިވަރު ފެނުގައި ޖެހެން ބޭނުން ނުވުމުން ތަޔައްމުމް ކުރެވޭނެހެއްޔެވެ؟ ތަޔައްމުމް ކުރެވޭނީ ކިހިނެތްވީމާކަން ބުނެދޭށެވެ؟
8) އާސިމް ވެއްޓި ގައިގެ އެތަންމިތަން މަށައިގެން ދިޔުމުން ޑޮކްޓަރު އޭނާގެ ގައިގައި ބޭސްއަޅުމަށްފަހު، ގައިގެ އެއްވެސް ތަނެއްގައި ފެންޖެއްސުން މަނާކުރިއެވެ. ދެން ތަޔައްމުމު ކުރިފަހުން މަޣްރިބު ނަމާދު ވަގުތުވުމުން ނަމާދު ކުރިއެވެ. އަދި ހަމަ އެތަޔައްމުމްގައި ޢިޝާ ނަމާދު ކުރިއެވެ. ތިރީގައިވާ ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- އާސިމްގެ ތަޔައްމުމް އެކުރީ ތަޔައްމުމް ކުރެވޭނެ ކަހަލަ ޙާލަތެއްގައި ހެއްޔެވެ؟ އާއެކޭނަމަ، އޭގެ އިތުރަށް ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟ ނޫނެކޭނަމަ، ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟
ށ- އާސިމްގެ މަޣްރިބު ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ނ- އާސިމްގެ ޢިޝާނަމާދު ރަނގަޅުހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟
ރ- ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެއްޔާއި ޠާހިރު ވެލީން ތިޔަބައިމީހުން ތަޔައްމުމް ކުރާށެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ބ- ތަޔައްމުމް ކުރުމުގެ ކުރިން ހަށިގަނޑުގައި ހުރުން ލާޒިމް ޝަރުތެއް ބުނެދޭށެވެ؟
ޅ- ތަޔައްމުމް ކުރުމުގެ ކުރިން ވެލީގައި ހުންނަން ޖެހޭ 2 ޝަރުތު ބުނެދޭށެވެ؟
9) ދެޢީދު ދެނަމާދު ކުރުމަށް ޤުރުއާނުގެ ދަލީލަކާއި އަދި ރަސޫލާގެ ސުންނަތުގެ ދަލީލެއް ކިޔައިދޭށެވެ؟
10) އަންހެނުންނަށާއި ފިރިހެނުންނަށާއި ކުޑަކުދިންވެސް ޢީދު ނަމާދަށް ދިއުމަށް ރަސޫލާވަނީ އަމުރުކުރައްވާފައެވެ. މިކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
11) ދިވެހިރާއްޖޭގައި ކުޑަޢީދުގައިވެސް އަދި ބޮޑުޢީދުގައިވެސް ޢީދުނަމާދު ކުރަނީ ގަޑިން 7:30 ގައެވެ. ދީނުގައި ޢީދުނަމާދު ކުރުމަށް އަންގަވަނީ ކޮންވަގުތަކު ހެއްޔެވެ؟ ދިވެހިރާއްޖޭގައި ކުރާޢީދުނަމާދު ރަނގަޅުވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
12) ޢީދުނަމާދާއި ހުކުރުނަމާދާއި އިސްތިސްޤާ ނަމާދުގައި އެއްގޮތް ކަންތައްތަކަކާއި ތަފާތުވާ ކަންތައްތަކެއް ވެއެވެ. މިތިންނަމާދުގެ އެއްގޮތްކަމަކީ ކޮބާހެއްޔެވެ؟ އަދި މިތިން ނަމާދުގެ ތަފާތެއް ކިޔައިދޭށެވެ؟
13) ތަރާވީޙުނަމާދަކީ ކޮންމަހެއްގައި ކުރާނަމާދެއްހެއްޔެވެ؟
14) ޔޫނުސް ރޯދަމަހު ދަންވަރު ތެދުވެ ތަރާވީޙުނަމާދު އެކަނިކުރިއެވެ. ޔޫނުސް އެކަނި އެނަމާދުކުރުމުން ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟ ޔޫނުސް އެގަނޑީގައި ނަމާދުކުރުމުން ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
15) ރަސޫލާ ޙަދީޘްކުރެއްވިއެވެ: ((مَن قَامَ رَمَضَانَ إِيْـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ﷲ ގެ ޙަޟްރަތުން ޘަވާބުލިބުމަށް އެދި އިޚްލާޞްތެރި ކަމާއެކު ރޯދަމަހުގެ ރޭއަޅުކަމުގައި ޤާއިމްވެ ހުރެއްޖެ މީހާގެ އިސްވެދިޔަ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ.] މިޙަދީޘުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
16) "އިސްތިސްޤާ" އާއި "އިސްތިސްޤާ ނަމާދު" ގެ މާނައިގައި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟
17) މާލެއަށް ވާރޭނުވެހި ދަތިވުމުން އިސްލާމިކް މިނިސްޓްރީން އިސްތިސްޤާ ނަމާދު ކުރުމަށް ނިންމައިފިއެވެ. މާލޭގައި އިސްތިސްޤާ ނަމާދު ކުރުން އެންމެ ރަނގަޅުވާނެ ތަންތަނުގެ ތެރެއިން ތަނެއް ބުނެދޭށެވެ؟ ތިޔަދަރިވަރު އެނަމާދަށް ނުގޮއްސިނަމަ ފާފަވެރި ވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
18) ސާރާގެފާނުގެ ވާހަކައިން އެކަމަނާ އިބްރާހިމްގެފާނަށްޓަކައި ޤުރުބާން ކުރެއްވި އަމިއްލަ އެދުމެއް ބުނެދޭށެވެ؟
19) ސާރާގެފާނާއި އިބްރާހީމްގެފާނާ ދެބޭފުޅުންނަށް ﷲ ދެއްކެވި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކެއް ބުނެދޭށެވެ؟
20) ސާރާ ބިންތު ހާރާނު ހައްރާނުން ހިޖުރަކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ އެހިޖުރަ ކުރެއްވީ ކީއްވެހެއްޔެވެ؟
21) ސާރާ ބިންތު ހާރާނު ގެ ޢިއްފަތްތެރިކަން ހާމަވާ ވާހަކައެއް ކިޔައިދޭށެވެ؟
22) ހާޖަރުގެފާނުގެ ކެތްތެރިކަމާއި ޢަޒުމްވަރުގަދަކަމާއި އީމާންކަމުގެ ވަރުގަދަކަން އަންގައިދޭ ޙާދީޘާ އެއް ކިޔައިދޭށެވެ؟
23) ހާޖަރުގެފާނަކީ އިބްރާހީމްގެފާނާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ކޮން ދަރަޖައެއްގެ ބޭކަނބަލެއްހެއްޔެވެ؟ އަދި މިކަމުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
24) ހާޖަރުގެފާނާއި އިސްމާޢީލުގެފާނު މައްކާ އަށް ވަޑައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަނަށް އެތައް ޤަބީލާތަކެއް އައިސް އެތަން އާބާދުވުމުގެ މަގު ﷲ ތަނަވަސްކޮށްދެއްވިއެވެ. އެމަގު ﷲ ތަނަވަސްކޮށްދެއްވީ ކިހިނެއްހެއްޔެވެ؟
25) އާސިޔަތުގެ އީމާންކަމުގެ ވަރުގަދަކަން ހާމަވާ ގޮތެއްބުނެދޭށެވެ؟
26) އާސިޔަތުގެ ފިރިކަލުން އަންހެން ކުދިން ނުމަރާ ހަމައެކަނި ފިރިހެން ކުދިން މެރީ ކީއްވެހެއްޔެވެ؟ އަދި ފިރިހެންކުދީންގެ ތެރެއިން ހަމައެކަނި ބަނީއިސްރާއީލްގެ ކުދިން މެރީ ކީއްވެހެއްޔެވެ؟
27) މަރިޔަމް ބިންތު ޢިމްރާނުގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ޙާދިޘާ އެއް ބުނެދޭށެވެ؟
28) މަރިޔަމްގެފާނު ތުއްޕުޅު ޢީސާގެފާނު ވިހައިގެން ޔަހޫދީންގެ ތެރެއަށް ނިކުތުމުން އެމީހުން އެކަމަނާގެ ބޮލުގައި ތަފާތު ތުހުމަތުތައް އެޅުވިއެވެ. ނަމަވެސް ﷲ އެމީހުންގެ އެތުހުމަތުތަކުން އެކަމަނާ ސަލާމަތްކޮށްދެއްވުމުގެ ގޮތުން ޔަހޫދީންނަށް ވަރަށް އާދަޔާޚިލާފުކަމެއް ދެއްކެވިއެވެ. އެކަމަނާ އެކަމުން ސަލާމަތް ކޮށްދެއްވި ގޮތް ކިޔައިދޭށެވެ؟
29) ކަރާމާތަކީ ރަސޫލުންނާ ނަބީބޭކަލުން ނޫން އެހެން މީހުންނަށް ﷲ ދައްކަވާ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެވެ. ރަސޫލުބޭކަލުންނާ ނަބީބޭކަލުންނަށް ދައްކަވާ އާދަޔާ ޚިލާފު ކަންތައްތަކަށް ކިޔަނީ މުޢުޖިޒާތެވެ. މަރިޔަމްގެފާނަށްވެސް ﷲ ވަނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކަވާފައެވެ. އެކަންކަމަށް ކިޔާނީ މުޢުޖިޒާތް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
30) މަރިޔަމްގެފާނަށް ދެއްކެވި އާދަޔާޚިލާފު ކަންކަމަށް ކިޔާނީ ކޮންނަމެއްހެއްޔެވެ؟ އެފަދަ ކަންކަމުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ކަންތައް ބުނެދޭށެވެ؟
31) މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާމެދު ނަޞާރާއިންނާއި މުސްލިމުން ޤަބޫލުކުރާގޮތް ތަފާތެވެ. އެތަފާތު ބުނެދޭށެވެ؟
32) ޢީސާގެފާނާއި މެދު ނަޞާރާއިން ބުނާގޮތަކީ ވަރަށް ހަމަނުޖެހޭ ބާޠިލް ގޮތެއްކަން ބުއްދިން އެކަނި ވިސްނާލިޔަސް އެނގެއެވެ. އެއީ ކިހިނެތްކަން ބުނެދޭށެވެ؟
33) ފާޠިމަތުގެފާނަކީ މިއުންމަތުގެ އަންހެން ބޭކަނބަލުނަށް ވާ ނަމޫނާ ބޭކަނބަލަކަށް ވަނީ ކީއްވެގެންކަން ބުނެދޭށެވެ؟
34) ފާޠިމަތުގެފާނުގެ ފިލާވަޅުން ތިޔަދަރިވަރަށް ލިބޭ 5 ފިލާވަޅެއް (މޯރަލް) ބުނެދޭށެވެ؟
35) އުންމު އައިމަން މާތް އަންހެން ބޭކަނބަލަކަށް ވި 4 ސަބަބެއް ލިޔާށެވެ؟
36) ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [އޭ އީމާންވީ މީހުންނެވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ!] ތަޤްވާވެރިވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި ތިޔަދަރިވަރު ތަޤްވާވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައް ބުނެދޭށެވެ؟
37) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި ކަންތައް ކުރުމަށެވެ] މިއާޔަތުން ދޭހަވާކަމެއް ބުނެދޭށެވެ؟
38) އިސްލާމްދީނަކީ އެންމެ ޢަދުލުވެރި ދީންކަމުގައި ވަނީ ކީއްވެގެން ހެއްޔެވެ؟
39) ފޮތުގައި ތެދުވެރިކަމާ ބެހޭ ގޮތުން އޮވެއެވެ: [ތެދުވެރިކަން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހެޔޮކަންތައް ސުވަރުގެއަށް މަގުދައްކައެވެ] މިއީ ޤުރުއާނުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ރަސޫލާގެ ޙަދީޘްފުޅެއްހެއްޔެވެ؟ އަދި ބަސްފުޅުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
40) ތިޔަދަރިވަރު އަމާނާތްތެރި ކުއްޖަކަށް ވުމަށްޓަކައި ކުރެވިދާނެ ތަފާތު 3 ކަމެއް ބުނެދޭށެވެ؟
41) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ނޯޓު: މިސުވާލުތައް މިހުރިގޮތަށް ޓާރމް ޓެސްޓަކަށް ނާންނާނެއެވެ. ކޮންމެ ސުވާލަކުންވެސް މުހިންމީ އެދެވޭ މަޢުލޫމާތެއް އަމިއްލައަށް ވިސްނި ދަސްވުމެވެ. އަދި ފޮތް ކިޔުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.

No comments:

Post a Comment