Wednesday, May 15, 2013

islam revision 1 - jawaabuthah - grade 7

އިސްލާމް  ގްރޭޑް 7 / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޤުރުއާނުގެބައި، ޢަޤީދާގެ ބައި، ޢިބާދާތު
1) ﷲ ވަޙީކުރެއްވިއެވެ: ((وَالْعَصْرِ)) މާނައީ:[ޒަމާން ގަންދެއްވަމެވެ] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަ: ﷲ އަށް ކޮންމެ އެއްޗެއްވެސް ގަންދީ ހުވާ ކުރެވޭނެކަން / ޒަމާނުގެ މުހިންމުކަން / ޢަޞްރު ވަގުތުގެ މާތްކަން
2) ސޫރަތުލް ޢަޞްރު ގެ ކުރު ޚުލާޞާއެއް ލިޔާށެވެ؟
ޖ: ޒަމާން ގަންދެއްވާ ﷲ ހުވާ ކުރެއްވުމަށްފަހު ވަޙީކުރައްވަނީ 4 ސިފައެއް ލިބިގެންވާ މީހުން ނޫން އެހެންމީހުންވަނީ ގެއްލުމެއްގެ ތެރޭގައިކަމެވެ. އެ 4 ސިފައަކީ އީމާންވުމާއި، ހެޔޮޢަމަލުކުރުމާއި، ޙައްޤަށް ވަޞިއްޔަތް ކުރުމާއި ކެތްތެރިވުމަށް ވަޞިއްޔަތް ކުރުމެވެ.
3) ﷲ ވަޙީކުރެއްވިއެވެ: ((أَلْهَاكُمُ التَّكَاثُرُ)) މާނައީ:[(މުދަލާއިދަރިން) ގިނަކަމަށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ] ތިޔަދަރިވަރު މިއާޔަތަށް އީމާންވެ ޢަމަލީގޮތުން ޢަމަލުކުރާނީ ކިހިނެތްހެއްޔެވެ؟
ޖ: އެއީ މުދަލާއި ދަރިންވިޔަސް އަދި ﷲ ދެއްވި އެހެން ނިޢުމަތެއްވިޔަސް އަޅުގަނޑަށް ކިތަންމެ ގިނައިން އެ ނިޢުމަތެއް ލިބުނު ކަމުގައިވިޔަސް ﷲ ގެ މަތިން ހަދާން ނައްތުވާ އެއްޗަކަށް އެއެއްޗެއް ވިޔަކަ ނުދޭނަމެވެ.
4) ﷲ ވަޙީކުރެއްވިއެވެ: ((كَلاَّ لَوْ تَعْلَمُونَ عِلْمَ الْيَقِينِ)) މާނައީ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: މިއާޔަތުން ދޭހަވަނީ : އެދުވަހުގެ ޢަޛާބު ލިބުން އޮންނަގޮތް ޔަގީންކަމާއިއެކު އެނގޭނަމަ ﷲ ހަނދުމަކޮށް ރަނގަޅަށް އުޅުނީސްކަން /ﷲ ޢަޛާބުގެ ގަދަފަދަކަން
5) ތިޔަދަރިވަރު މީހަކަށް ދީނީ ނަޞޭޙަތެއް ދެމުން ދެކެވުނު ވާހަކައަކަށް ދަލީލު ދެއްކުމުގެ ގޮތުން އާޔަތަކާއި އޭގެ މާނަ ކިޔައިދިނެވެ. އެއީ:  ((ثُمَّ لَتُسْئَلُنَّ يَوْمَئِذٍ عَنِ النَّعِيمِ))   މާނައީ: [ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) ނިޢުމަތްތަކާއިމެދު ، ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެކަން ކަށަވަރެވެ.] މިއާޔަތް ކިޔެވުމުގެ ކުރިން ތިޔަދަރިވަރު ދެއްކީ ކޮން ވާހަކައެއްކަން ބުނެދޭށެވެ؟
ޖ: އަޅުގަނޑު އޭނާއަށް ދިން ނަޞޭޙަތަކީ ﷲ ދެއްވާ ނިޢުމަތްތަކަށް ޝުކުރުވެރިވެ އެތަކެތި ހެޔޮގޮތުގައި ބޭނުންކުރުމުގެ ވާހަކައެވެ.
6) އަންނަނިވި ސޫރަތް ރަނގަޅަށް ކިޔުމަށްފަހު ތިރީގައިބުނެފައިވާ ވައްތަރުތަކުގެ މައްދު ހޯދުމަށްފަހު ލިޔާާށެވެ:
((لِإِيلاَفِ قُرَيْشٍ. إِيْلاَفِهِمْ رِحْلَةَ الشِّتَآءِ وَالصَّيْفِ. فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ. الَّذِي~أَطْعَمَهُم مِّن جُوعٍ وَءَامَنَهُمْ مِّنْ خَوْفٍ))
(ހ) އަސްލީ މައްދުގެ ކޮންމެ އަކުރަކަށް މިސާލެއް: ا : ءَامَنَهُمْ        و : جُوعٍ              ي : إِيْلاَفِهِمْ
(ށ) ލީނުގެ ކޮންމެ އަކުރަކަށް މިސާލެއް: و : خَوْفٍ       ي :  قُرَيْشٍ / الصَّيْفِ / الْبَيْتِ
(ނ) ފަރުޢީ މައްދުގެ ތެރެއިން ވާޖިބު މައްދެއް : الشِّتَآءِ (މިތަނުގައި މައްދުގެ ފަހަތުގައި އޮތް ހަމްޒާ އޮތީ އެއްކަލިމައެއްގައި)
(ރ) ފަރުޢީ މައްދުގެ ތެރެއިން ޖާއިޒު މައްދެއް : الَّذِي~أَطْعَمَهُم (މިތަނުގައި މައްދުގެ ފަހަތުގައި އޮތް ހަމްޒާ އޮތީ އެހެން ކަލިމައެއްގައި)
7) ސައިމަން އަކީ ނަޞާރާ (ކްރިސްޓިއަން) އެކެވެ. އޭނާވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަންތައްތަކެއް ވެއެވެ. އިބްރާހީމް އަކީ މުސްލިމެކެވެ. އޭނާވެސް ހިތުގެ އަޑިން ޤަބޫލުކުރާ ކަންތައްތަކެއް ވެއެވެ. މިދެކަންތަކަށްވެސް ކިޔަނީ ޢަޤީދާ އެވެ. ދެން މިދެމީހުންގެ ޢަޤީދާ ތަފާތުކުރަން ބޭނުންކުރާނީ ކޮން ޢިބާރާތެއްހެއްޔެވެ؟
ޖ: ސައިމަންގެ ހިތުގައި އެވަނީ ޢަޤީދާ އެވެ. އިބްރާހީމްގެ ހިތުގައި އެވަނީ އިސްލާމީ ޢަޤީދާ އެވެ.
8) ސަލީމް އާއި ސާލިމްއަކީ ދެ މުސްލިމު ކުދިންނެވެ. ދެކުދިންވެސް ޤަބޫލުކުރާގޮތުގައި މައިންބަފައިންނަށް އިޙްސާންތެރި ވާންޖެހޭނެކަން ޤަބޫލުކުރެއެވެ. އެގޮތުން ސަލީމްއަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ ކުއްޖެކެވެ. ނަމަވެސް ސާލިމްއަކީ މައިންބަފައިންނަށް ގޯސްކޮށް ހިތާ ކުއްޖެކެވެ. ދެކުދިންގެ އީމާންކަން އެއްވަރުވާނެ ހެއްޔެވެ؟ އީމާންކަމުގެ ތަޢާރަފަށް (ޑެފިނީޝަނަށް) ބަލައިގެން އެއީ ކީއްވެކަން ބުނެދޭށެވެ؟
ޖ: ދެކުދިންގެ އީމާންކަން އެއްވަރެއް ނުވާނެއެވެ. އެއީ ތަޢާރަފު ގައި އޮންނަނީ އީމާންކަމަކީ: "ހިތުގެ އަޑިން ޤަބޫލުކުރުމާއެކު ޢަމަލުން އެކަން ދެއްކުމެވެ" ވީމާ ޤަބޫލުކުރުމަށްފަހު ހެޔޮ ޢަމަލު ކުރާ މީހެއްގެ އީމާންކަން ގަދަވާނެއެވެ. ވީމާ ސާލިމް އެކަން ޤަބޫލު ކުރިއަސް އެކަން ނުކުރާނަމަ އޭނާގެ އީމާންކަން ކުޑަވާނެއެވެ.
9) ތިޔަދަރިވަރު ﷲ އަށް އީމާންވާނަމަ، ތިޔަދަރިވަރު ޤަބޫލުކުރާނެ 3 ކަމެއް ނޯޓުކުރާށެވެ؟
ޖ: މިކާއިނާތުގައި ވާހާ ތަކެތި އުފައްދެވީ ﷲ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ.
   އެންމެ ބޮޑަށް ލޯބިވާންޖެހޭނީ ﷲ އަށްކަން އަޅުގަނޑު ޤަބޫލުކުރަމެވެ.
   ﷲ ނޫންފަރާތަކަށް އެއްވެސް އަޅުކަމެއް ކޮށްގެން ނުވާނެކަން އަޅުގަނޑު ޤަބޫލުކުރަމެވެ.
10) ރިޝްވާން ޤުރުއާނުގެ ތަރުޖަމާ ރަނގަޅަށް ކިޔުމަށްފަހު ﷲ އަށް އީމާންވެއްޖެއެވެ. އަދި ޝަހުދާން ދުނިޔެއާއި އިރާއި ހަދާއި އުޑުތަކާއި ބިމާއި މެދު ވިސްނާ ފިކުރު ކުރުމަށްފަހު ﷲ އަށް އީމާންވެއްޖެއެވެ. ﷲ އަށް އީމާންވެވޭ ދެ ގޮތަކީ ކޮބާ؟ އަދި ރިޝްވާނާ ޝަހުދާން އީމާންވީ އެތަނުން ކޮން ގޮތަކަށްކަން ބުނެދޭށެވެ؟
ޖ: ދީނީ ގޮތުންނާއި، ބުއްދީގެ ގޮތުންނެވެ. ރިޝްވާނު އެއީމާންވީ ދީނީ ގޮތުންނެވެ. އަދި ޝަހުދާން އެއީމާންވީ ބުއްދީގެ ގޮތުންނެވެ.
11) އަބީލުގެ ގާތުގައި، ގަލަމެއް ދޫކޮށްލުމުން މައްޗަށް ނާރާ އޭތި ތިރިއަށް ވެއްޓެނީ އެއީ ތިރިއަށް ގަލަން ދަމާތީ އާއި އެ ވެއްޓޭވެއްޓުން ގްރެވިޓީ ފޯސް ނުފެނުނަސް އެއީ ވާއެއްޗެއްކަން ހެކިދޭވާހަކަ ސްޓެފަން ބުންޏެވެ. އެކަމަކު ﷲ އެއީ ވާ ފަރާތެއްކަން ހެކިދޭ އެއްވެސް ކަމެއް ތިމަންއަށް ނުފެންނަ ކަމަށް ވެސް ސްޓެފަން ބުންޏެވެ. އަބީލް އެކަން ބުނެދޭނީ ކިހިނެއްހެއްޔެވެ؟
ޖ: ﷲ އީ ވާފަރާތެއްކަން ހެކިދެނީ އެކަލާނގެ އުފައްދަވާފައިވާ ޚަލްޤުތަކެވެ. އުޑުތަކާއި ބިމާއި ރޭގަނޑާއި ދުވާލާއި އިރާއި ހަނދު ފަދަ މަޚްލޫޤުތަކަކީ އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތަކެވެ.
12) ހަތްއުޑުގެ މަތީގައިވާ ބާރުވަންތަ ގަދަފަދަ އިލާހުގެ ޒާތުފުޅަށް ޚާއްޞަވެފައިވާ ނަންފުޅަކީ ކޮބައިހެއްޔެވެ؟
ޖ: ﷲ އެވެ.
13) ﷲ އަށް ލިބިގެންވާ ސިފަފުޅެއް ބުނެދޭށެވެ؟ އަދި އެސިފަފުޅު ތިޔަދަރިވަރު ޤަބޫލުކުރާނެ ގޮތް ތަފްޞީލްކޮށްދޭށެވެ؟
ޖ: ބައްލަވާވޮޑިގަތުން. އަޅުގަނޑު އެސިފަފުޅު ޤަބޫލުކުރަނީ އެސިފަފުޅުގެ އެންމެ ފުރިހަމަ ވާނެ ކަމުގައެވެ. އިންސާނުންވެސް ބަލައެވެ. ނަމަވެސް އިންސާނުންގެ ބެލުމުގައި ﷲ ގެ ބެއްލެވުމާ ޚިލާފަށް ޢައިބާ އުނިކެން ވެއެވެ. އަދި ﷲ ގެ ބެއްލެވުން ވަނީ ކިހިނެތް ކަމެއް ނޭނގޭނެކަން ޤަބޫލުކުރަމެވެ. އެއީ އެކަލާނގެ އާ އެއްފަދަ އެހެން އެއްވެސް ފަރާތެއް ނުވާތީއެވެ.
14) ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތައް ދަސްކުރަންޖެހޭ 2 ބޭނުމެއް ބުނެދޭށެވެ؟
ޖ: އެއީ ﷲ ގެ މަތިވެރިކަމާއި ހައިބަވަންތަކަން ދެނެގަތުމަށާއި، އެކަލާނގެ އަށް ދުޢާ ކުރުމުގައި އެނަންފުޅުތަކާއި ސިފަފުޅުތައް ބޭނުންކުރުމަށެވެ.
15) ތިޔަދަރިވަރުގެ ރަޙްމަތްތެރިއެއް ކައިރީ، ﷲ އީ ބައްލަވާވޮޑިގަންނަވާ އިލާހޭ، ބުނުމުން، އޭނާ ބުންޏެވެ: ތިކަމަކީ ކިހިނެތް އެނގުނު އެއްޗެއް ހެއްޔެވެ؟ ދެން ތިޔަ ދަރިވަރު ދޭނެ ޖަވާބެއް ބުނެދޭށެވެ؟
ޖ: އެއީ ޤުރުއާނާއި ޙަދީޘުން އެނގުނު ކަމެކެވެ.
16) ދުނިޔޭގައިވާ ތަކެތި ފެނުމުން ﷲ ވޮޑިގެންވާކަން ޤަބޫލުކުރެވޭ ގޮތެއް ބުނެދޭށެވެ؟
ޖ: އެއީ އެތަކެތި އަމިއްލައަށް ނުއުފެދޭނެކަން ބުއްދި ޤަބޫލުކުރެއެވެ. ވީމާ މިކާއިނާތުގައިމިވާ އުޑުތަކާއި ބިމާއި ފަރުބަދަތަކާއި އިރާއި ހަނދު މީ އެކަނި އުފެދިފައިވާ ތަކެތިކަމަށް ބުއްދި ޤަބޫލެއް ނުކުރެއެވެ. ވީމާ އެތަކެތި އުފެއްދެވި ފަރާތަކީ ﷲ ނޫން އެހެންފަރާތެއް ނޫނެވެ.
17) ކޮންމެ އިންސާނެއްގެ ހިތުގައި ﷲ ވޮޑިގެންވާ ކަން ﷲ ވަނީ ލައްވަވާފައެވެ. މިކަން އެނގޭ ގޮތެއް ބުނެދޭށެވެ؟
ޖ: އެކަން އެނގެނީ ކޮންމެ މީހަކުވެސް ދެރައަކާ ހިތާމައެއް ޖެހުމުން ދުޢާ ދަންނަވަނީ ﷲ އަށެވެ.
18) ﷲ ދިރިދެމިވޮޑިގެން ވާންޖެހޭ ކަން ބުއްދީގެ ގޮތުން ޤަބޫލުކުރެވެނީ ކިހިނެތްހެއްޔެވެ؟
ޖ: އެންމެހާތަކެތި މަރުވުމާއި ފަނާވެ ދިއުމަށް މެދުވެރިކުރެއްވި ސަބަބުތައް ލެއްވީ ﷲ އެވެ. ވީމާ އެކަލާނގެއީ ދާއިމަށް ދިރިދެމިވޮޑިގެންވާ އިލާހަކަށް ވާންޖެހެއެވެ. / ކާއިނާތުގެ ކަންކަން ހިނގާލެއް ފުރިހަމަކަމާއި އަބަދާއި އަބަދުވެ މިކަންކަން މިހާފުރިހަމައަށް ހިނގަމުން މިދަނީ މިކަންކަން ހިންގަވާ ބަލަހައްޓަވާ ކުޅަދުންވަންތަ އިލާހަކު ވާތީއެވެ. ވީމާ އެއީ އެކަލާނގެ ދިރިދެމިވޮޑިގެންވާކަމުގެ ހެއްކެކެވެ.
19) ޒަކީ ހިނައިގަތުމަށްޓަކައި ފާޚާނާއަށް ވަދެއްޖެއެވެ. ދެން އަންނަނިވި ސުވާލުތަކަށް ޖަވާބުލިޔާށެވެ؟
       ހ- ޒަކީ ފެންވަރަށް ޖެހުނީ ކީއްވެކަން ބުނެދޭށެވެ؟
       ށ- ޒަކީ ގެ ފެންވެރުން ޞައްޙަ ކުރުމަށްޓަކައި ކުރަންޖެހޭ 3 ކަންތައް ބުނެދޭށެވެ؟
       ނ- ޒަކީ ގެ ހިނައިގަތުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރާނެ 3 ކަމެއް ބުނެދޭށެވެ؟
       ރ- ޒަކީ ހިނައިގަތުމަށްފަހު ކުރިން ނުކުރެޭ ކިތަންމެކަމެއް ކުރެވޭނެއެވެ. އެގޮތުން ޒަކީއަށް ކުރެވިދާނެ 3 ކަމެއް ބުނެދޭށެވެ؟
       ބ- އަންހެނުންނަށް ހިނައިނުގަނެ ނުކުރެވޭ ބައެއް ކަންކަން ޒަކީ އަށް ކުރެވެއެވެ. އެގޮތުން ކުރެވޭ 1 ކަންތައް ލިޔާށެވެ؟
ޖ:     ހ- އެއީ މަނިބޭރުވުމުގެ ސަބަބުން ނުވަތަ ޖިމާޢުވުމުގެ ސަބަބުންނެވެ.
       ށ- ނިޔަތް ގަންނަންޖެހޭނެ / ނަޖިސްތައް ފިލުވަންޖެހޭނެ / މުޅިގައިގައި ފެން ޖައްސަން ޖެހޭނެ
       ނ- ފެށުމުގެ ކުރިން ބިސްމި ކިޔުން / ވުޟޫކުރުން / ގައިގައި އަތް ހިންގުން / ގައި ދޮވުމުގެ ކުރިން ފުރަތަމަ ބޯދޮވުން / ގައިގެ ކަނާތް ފަރާތް އިސްކުރުން / ތިންފަހަރު ކޮންމެ ގުނަވަނެއް ދޮވުން / ނިމިގެން ފައިދޮވެލުން / މުވާލާތު ކުރުން
       ރ- ނަމާދުކުރެވޭނެ / މިސްކިތަށް އެރޭނެ / ޤުުރުއާނުގައި ބީހެވޭނެ / ޠަވާފުކުރެވޭނެ
       ބ- ރޯދަ ހިފޭނެ އެވެ.

No comments:

Post a Comment