އިސްލާމް
ގްރޭޑް 7 / ރިވިޝަން ޕޭޕަރު / ފުރަތަމަ
ޓާރމް 2013 / ޢިބާދާތުގެ ބައި
1)
ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން ގިނަގިނައިން
ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުންދެކެވެސް
އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.] މިއާޔަތާ ހިނައިގަތުމާ ހުރި ގުޅުމަކީ ކޮބައިކަން
ބުނެދޭށެވެ؟
ޖ:
ހިނައިގަތުމަކީ ނިޔަތާއި މުޅިގައިގައި ފެންޖެއްސުމެވެ. އެއީ ސާފު ޠާހިރު ވުމުގެ
ތެރެއިން ވާކަމެކެވެ.
2)
ހިނައިގަތުމަށްޓަކައި މޫދަށް ފުންމާލުމަށްފަހު އަޑިއަށް ގޮސް އަރާއިރު ހުންނާނީ
ގައިގެ ހުރިހާ ނަޖިހެއް ފިލާފައެވެ. އަދި މުޅި ގައިގައި ފެންވެސް ޖެހިފައެވެ. ވީމާ
އެއީ ހިނައިގަތުމަކަށް ފުދޭނެ ހެއްޔެވެ؟ ސަބަބަކީ ކޮބާހެއްޔެވެ؟
ޖ:
ނުފުދޭނެއެވެ. ސަބަަބަކީ އޭނާ ނިޔަތް ނުގަނެއެވެ.
3)
ޖުނުބުވެރިޔާ އާއި ޙައިޟުނިފާސްވެރިޔާގެ އެއްގޮތް ކަމަކާއި ތަފާތު ކަމެއް
ބުނެދޭށެވެ؟
ޖ:
އެއްގޮތްކަމަކީ ދެމީހުންވެސް އެތިބީ ބޮޑުޙަދަޘްވެރިވެފައެވެ. ތަފާތުކަމަކީ
ޖުނުބުވެރި ވަނީ ފިރިހެނުންނާ އަންހެނުންނެވެ. ނަމަވެސް ޙައިޟުނިފާސް ވާނީ
އަންހެނުން އެކަންޏެވެ.
4)
ޖުނުބުވެރިޔާ އާއި ޙައުޟުނިފާސް ވެރިންނަށް ޙަރާމްވާން ކަންކަމުގައި
އެއްގޮތްކަންކަމާއި ތަފާތު ކަންކަން ހުރެއެވެ. އޭގެ ތެރެއިން އެއްގޮތް 2
ކަންތަކާއި ތަފާތު 1 ކަންތައް ބުނެދޭށެވެ؟
ޖ:
އެދެމީހުންނަށްވެސް ނަމާދެއް ޠަވާފެއް ނުކުރެވޭނެއެވެ. ޤުރުއާނުގައި
ނުބީހެވޭނެއެވެ. މިސްކިތަކަށްވެސް ނޭރޭނެއެވެ.
ތަފާތު
ކަމަކީ: ޖުނުބުވެރިޔާއަށް ރޯދައަށް ހުރެވުނަސް ޙައިޟުނިފާސްވެރިޔާއަށް ރޯދަ
ނުހިފޭނެއެވެ.
5)
ނަމާދު ޤަޞްރުކުރެވޭނީ ކޮންބަޔަކަށް ހެއްޔެވެ؟
ޖ:
ނަމާދު ޤަޞްރުކުރެވޭނީ ދަތުރުވެރިންނަށެވެ.
6)
ނަމާދު ޖަމްޢު ކުރެވޭނީ ކޮން ބަޔަކަށް ހެއްޔެވެ؟
ޖ:
ނަމާދު ޖަމްޢުކުރެވޭނީ ދަތުރުވެރިންނަށާއި ބައްޔެއްފަދަ ބޮޑުކަމެއް ދިމާވާ ޢުޛުރުވެރިންނަށެވެ.
7)
ޙައްޖާއި ޢުމްރާގެ ރުކުންތަކުގައި ހުރި ތަފާތުތައް ބުނެދޭށެވެ؟
ޖ:
ޙައްޖުގައި ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތަށް ދިއުން އޮވެއެވެ. ނަމަވެސް
ޢުމުރާގައި އެކަމެއް ނޯވެއެވެ.
8)
ޙައްޖާއި ޢުމްރާގެ ވާޖިބުތަކުގައި ހުރި އެއްގޮތް ކަންތައް ކިޔައިދޭށެވެ؟
ޖ:
ޙައްޖުގައާއި ޢުމްރާގައިވެސް މީގާތު ހުރަސްކުރުމުގެ ކުރިން ނިޔަތްގަތުމަކީ
ވާޖިބެކެވެ. ޙައްޖުގައާއި ޢުމްރާގައިވެސް އިޙްރާމްބަނުމަށް ފަހު ކުރުން ޙަރާމް
ކަންކަމުން ދުރުވެ ހުރުމަކީ ވާޖިބެކެވެ.
9)
ތިރީގައިވާ ވާހަކަކޮޅު ކިޔުމަށްފަހު ހުރިހާ ސުވާލުތަކަށް ޖަވާބުލިޔާށެވެ:
ތިޔަދަރިވަރު ޙައްޖުމަހުގެ 8 ވަނަދުވަހު
ޙައްޖަށް ނިޔަތްގަނެ އިޙްރާމް ބަނީއެވެ.
(ހ)
ދެން ތިޔަދަރިވަރަށް ނުކުރެވޭނެ 4 ކަމެއް ކިޔައިދޭށެވެ؟
ޖ:
ނިޔަފަތިކެނޑުން / އިސްތަށްޓެއް ވަކިކުރުން / ހުވަނދުލުން / ޝިކާރަކުރުން /
މޫނުނިވާކުރުން / (ފިރިހެންކުއްޖެއްނަމަ) ބޯނިވާކުރުން އަދި ފަހާފައިހުރި ހެދުމެއް
ލުން
(ށ)
ނިޔަތްގަނެގެން ދާނީ ކޮންތަނަކަށް ހެއްޔެވެ؟
ޖ:
8 ވަނަ ދުވަހު ނިޔަތްގަނނެގެން ދާނީ މިނާއަށެވެ.
(ނ)
އަނެއް ދުވަހު ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެދުވަހު
އެތަނަށް ނުދެވިއްޖެނަމަ ޙައްޖަށް ވާނީ ކިހިނެއްހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ:
އަނެއްދުވަހު އެެއީ 9 ވަނަ ދުވަހު ދާނީ ޢަރަފާތަށެވެ. އެދުވަހު އެތަނަށް
ނުދެވިއްޖެނަމަ ޙައްޖު ކަމަކުނުދާނެއެވެ. އެއީ ޙައްޖުގެ ރުކުނެއް ވީމައެވެ.
(ރ)
9 ވަނަ ދުވަހުގެ ރޭ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އަދި އެތަނަށް ދިއުމުގެ ޙުކުމަކީ
ކޮބައިހެއްޔެވެ؟
ޖ:
9 ވަނަދުވަހުގެ ރޭ ދާނީ މުޒްދަލިފާއަށެވެ. އެއީ ވާޖިބެކެވެ.
(ބ)
10 ވަނަ ދުވަހު ޖަމްރާއަށް ހިލައުކާނެ ހެއްޔެވެ؟ އެއީ ކިތައް ޖަމްރާއަށް ހެއްޔެވެ؟
ޖ:
10 ވަނަ ދުވަހު ޖަމްރާއަށް ހިލައުކާނެއެވެ. އެއީ އެންމެ ޖަމްރާއަކަށެވެ.
(ހަމައެކަނި ބޮޑު ޖަމްރާއަށެވެ)
(ޅ)
10 ވަނަ ދުވަހު ކުރާނެ ހުރިހާ ވާޖިބު ކަންތައް ކިޔައިދޭށެވެ؟
ޖ:
10 ވަނަ ދުވަހު އަދާކުރާ ވާޖިބުތަކަކީ: ބޮޑުޖަމްރާއަށް އެކަނި ހިލައުކުން /
ހަދުޔުކަތިލުން
(ކ)
10 ވަނަ ދުވަހު ކުރާނެ ހުރިހާ ރުކުންތަކެއް ކިޔައިދޭށެވެ؟
ޖ:
10 ވަނަދުވަހު އަދާކުރާ ރުކުންތަކަކީ: ބޯކޮށުން ނުވަތަ ބޯބޭލުން /
ޠަވާފުލްއިފާޟާކުރުން / ސަޢުޔު ކުރުން
(އ)
ފުރަތަމަ ތަޙައްލުލް ވާނީ ކޮންކަމެއް ކުރުމަށްފަހުގައިހެއްޔެވެ؟
ޖ:
ޖަމްރާއަށް ހިލައުކާ ބޯބޭލުމަށްފަހު ފުރަތަމަ ތަޙައްލުލް ވީއެވެ.
(ވ)
ދެވަނަ ތަޙައްލުލް ވާނީ ކޮންކަމަކަށް ފަހުގައި ހެއްޔެވެ؟
ޖ:
ޠަވާފުލްއިފާޟާ ކޮށް ސަޢުޔު ކުރުމުން ދެވަނަ ތަޙައްލުލް ވީއެވެ.
(މ)
11 12 13 ތިންދުވަހު މިނާގައި ކުރުން ވާޖިބު ކަންކަން ބުނެދޭށެވެ؟
ޖ:
11، 12، 13 ތިން ދުވަހު މިނާގައި ކުރުން ވަޖިބުކަންކަމަކީ: އެތަނުގައި 3 ދުވަހު
ރޭކުރުން / ކޮންމެ ދުވަހަކު 3 ޖަމްރާއަށް ހިލައުކުން
(ފ)
13 ވަނަ ދުވަހު މިނާގައި މަޑުނުކުރުން ހުއްދަވާނީ ކިހިނެއްވީމާ ހެއްޔެވެ؟
ޖ:
13 ވަނަ ދުވަހު މިނާގައި މަޑުނުކުރުން ހުއްދަވާ ޙާލަތަކީ 12 ވަނަ ދުވަހު
އިރުއޮއްސުމުގެ ކުރިން މިނާ ދޫކޮށް ދިއުމެވެ.
(ދ)
ތިޔަދަރިވަރު ޙައްޖު ނިންމާ ރަށަށްދާން ފުރުމުގެ ކުރިން މައްކާގައި އެންމެ ފަހުން
ކުރަންޖެހޭ ކަމަކީ ކޮބައިހެއްޔެވެ؟ އެކަން ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ:
މައްކާއިން ފުރުމުގެ ކުރިން އެންމެ ފަހުން ކުރަންޖެހޭ ކަމަކީ ޠަވާފުލްވަދާޢު
ކުރުމެވެ. އެކަމުގެ ޙުކުމަކީ ޙައްޖުގެ ވާޖިބެކެވެ.
10)
ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [ވިޔަފާރިކުރުން ﷲ ވަނީ
ހުއްދަކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމްކުރައްވާފައެވެ] މިއާޔަތުން ދޭހަވާ 2
ކަމެއް ބުނެދޭށެވެ؟
ޖ:
މިއާޔަތުން ދޭހަވަނީ: ވިޔަފާރި ކުރުމަކީ މީސްތަކުންނަށް ފައިދާ ހުރި ކަމެއްކަމެވެ.
/ އަދި ރިބާއަކީ މީސްތަކުންނަށް ގެއްލުންބޮޑު ކަމެއްކަމެވެ.
11)
ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ
މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ
ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.]
މިއާޔަތުގައި ވިޔަފާރީގެ 3 ނުވަތަ 4 ރުކުނުގެ ތެރެއިން ރުކުނެއްގެ ވާހަކަ
އައިސްފައި ވެއެވެ. އެއީ ކޮން ރުކުނެއް ހެއްޔެވެ؟
ޖ:
ވިޔަފާރި އެރުކުނަކީ: ދެފަރާތުގެ ރުހުމުގެ ބަހެވެ.
12)
ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ
މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ
ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.]
މިއާޔަތުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
ޖ:
މިއާޔަތުން ދޭހަވަނީ ވިޔަފާރިކުރުން ހުއްދަކަމެވެ. / ރިބާ އަކީ ބާޠިލުގޮތުގައި
މުދާތައް ކެއުން ކަމަށްވީހިނދު އެއީ ދީނުގައި ޙަރާމްކަމެއްކަމެވެ. / ދެފަރާތުގެ
ރުހުމުގެ ބަހަކީ ވިޔަފާރީގައި ރުކުނެއްކަމެވެ.
13)
ވިޔަފާރި ކުރާ މުދަލުގައި ހުންނަންޖެހޭ ޝަރުތެއް ބުނެދޭށެވެ؟ ވީމާ ވިޔަފާރި ކުރުން
ޞައްޙަނުވާނެ މުދަލެއްގެ ނަން ބުނެދޭށެވެ؟
ޖ:
މުދަލަކީ ޙަލާލު މުދަލެއްކަމުގައި ވާންޖެހޭނެއެވެ. ވީމާ މަސްތުވާތަކެތި އެއީ
ވިޔަފާރިކުރުން ހުއްދަނޫން އެއްޗެކެވެ.
14)
ރަހުނު ދިނުމަކީ ދީނުގައި ހުއްދަ ކުރެވިފައި ނުވާ ކަމެއްނަމަ ދިރިއުޅުމުގެ
ކަންކަމުގައި ދިމާވާނެ ދަތިތަކާމެދު ވިސްނާލުމަށްފަހު އެކަމެއް ބުނެދޭށެވެ؟
ޖ:
ރަހުނު ދިނުމަކީ ދީނުގައި ހުއްދަކަމެއް ނޫންނަމަ މީސްތަކުންގެ ބޭނުންތަކެއް
ނުފުއްދޭނެއެވެ. އަތުގައި ފައިސާ ނެތް ނަމަ ދަރަނިދޭނެ މީހަކު ނެތް ނަމަ
ދިރިއުޅުމުގެ ކަންކަން ކުރަން ވަރަށް ދަތިވީހެވެ. ވީމާ އަހަރުމެންގެ ކަންކަން
ފުއްދައިދިނުމަށް އިސްލާމްދީން ބާރުއަޅައެވެ.
15)
ޢަލީގެ އަތުގައި އޮތީ 100 ރުފިޔާ އެކަންޏެވެ. އެކަމަކު ތައުފީޤު ޢަލީއަތުގައި އޮތް
100 ރުފިޔާ ދަރަންޏެއްގެ ގޮތުގައި ކޮންމެހެންވެސް ބޭނުންވެއްޖެއެވެ. ދެން
ގަދަކަމުން ބިރުދެއްކުމަށްފަހު ރަހުނެއްގެ ގޮތުގައި ތައުފީޤުގެ އައިފޯނު ޢަލީއަށް
ދީފައި 100 ރުފިޔާ އަތުލައިފިއެވެ.
(ހ)
އެރަހުނު ބެހެއްޓި ގޮތް ކަމުދާނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ:
ކަމަކުނުދާނެއެވެ. އެއީ މަޖްބޫރުކޮށްގެން ބެހެއްޓީމައެވެ.
(ށ)
ޢަލީ އާއި ތައުފީޤާ ދެމީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ
ކޮބައިހެއްޔެވެ؟
ޖ:
ބާލިޣުވުން / ބުއްދިސަލާމަތުން ހުރުން / މުދާ ބެލެހެއްޓުމުގެ ކުޅަދާނަކަން
ލިބިފައިވުން
16)
މިވަގުތު ކެންޓީނު ހިންގަނީ އެންމެ މީހަކު ކުރާ ވިޔަފާރިއެއް ގޮތުގައެވެ. ނަމަވެސް
މިކަން ބަދަލުކޮށް 7 އޭ ބީ ގެ ހުރިހާ ކުދިން ބޭނުންވަނީ ކުންފުންޏެއް ހަދައިގެން
ކެންޓީނު ހިންގާށެވެ. (ރައުސު މާލު، ޙިއްސާދާރުން، ފައިދާ) މިތިން ބަސް
ބޭނުންކޮށްގެން މިކުންފުނި ހަދާނެ ގޮތް ބުނެދޭށެވެ؟ މިގޮތަށް ކެންޓީނު ހިންގަން
ފެށުމުން މިވަގުތު ކެންޓީނު ހިންގާ ގޮތާއި ހުރި އެންމެ ބޮޑު ތަފާތަކީ
ކޮބައިހެއްޔެވެ؟
ޖ:
7 އޭބީ ގެ ހުރިހާ ކުދިންނަކީ ޙިއްސާދާރުންނެވެ. ހުރިހާ ކުދިންވެސް އެކުއްޖަކަށް
ދެވުނު ޢަދަދެއްގެ ފައިސާ ދީގެން ފައިސާތަކެއް އެއްކުރާނީއެވެ. އެފައިސާ އަށް
ކިޔަނީ ރައުސުމާލެވެ. ދެން އެފައިސާއިން ކެންޓީނު ހިންގައިގެން ޚަރަދު ކުރިވަރަށް
ވުރެ އިތުރަށް ލިބޭ ބަޔަކީ ފައިދާއެވެ. އެފައިދާ ހުރިހާ ކުދިންގެ މެދުގައި ބެހުމަށް
ހުރިހާ ކުދިން އެއްބަސް ވާނީއެވެ. އެއީ ކުންފުންޏެވެ.
މިވަގުތު
ކެންޓީނު ހިންގާގޮތަކީ ވިޔަފާރިއެވެ. އޭގައި ލިބޭ ފައިދާ ލިބޭނީ އެހިންގާ މީހާއަށް
އެކަންޏެވެ. ނަމަވެސް 7 އޭބީ ގެ ހުރިހާ ކުދިން ކުންފުނި ހަދައިގެން ކެންޓީނު
ހިންގަން ފެށުމުން ބައިވަރު ކުދިންތަކަކަށް އޭގެ ފައިދާ އެބަކުރެއެވެ. ވީމާ އޭރުން
ގިނަ ބަޔަކަށް ފައިސާގެގޮތުން މާލީ ތަނަވަސް ކަން ލިބިގެންދާނެއެވެ.
No comments:
Post a Comment