Thursday, May 16, 2013

revision2 ge jawaabuthah - grade 6

އިސްލާމް / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޢިބާދާތުގެ ބައި، ސީރަތުގެ ބައި، އަޚްލާޤުގެ ބައި
1) ނަޖިސްތަކެތީގެ ގޮތުގައި ކަނޑައެޅިފައިވާ ޢަފޫ ނުވާ ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކުރަންޖެހޭނީ ކޮންކަމެއްހެއްޔެވެ؟
ޖ: އެތަން ދޮންނަން ޖެހޭނެއެވެ.
2) ނަޖިސްތަކުގެ ތެރެއިން ޢަފޫވަނިވި ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކަންކުރަންޖެހޭ ގޮތަކީ ކޮބައިހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟
ޖ: އެތަން ނުދޮވުނަސް ކަމުދާނެއެވެ. އެއީ އެނަޖިހެއްގެ އަސަރު ގަޔަށް ނުވަތަ ހެދުމަށް ނުކުރާތީއެވެ.
3) މީހަކު ކުނިގޮނޑަށް ވަދެފައި ނިކުންނައިރު އެތަނުގައި ހުންނަ ހިރަފުސް ގައިގައި ހަރުލާފައިހުންނާނެކަން ޔަގީނެވެ. އަދި ނަޖިސްވަސް ދުވުމުން އެނގެނީ ނޭފަތުގައާއި އަދި ގައިގެ އެހެންތަންތަނުގައިވެސް ނަޖިސް ހުންނާނެކަމެވެ. ދެން ގޮނޑަށް ވަދެފައި ގެއަށްދާ ކޮންމެ ފަހަރަކު ފެންވަރަން ޖެހޭނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ފެންވަރާކަށް ނުޖެހޭނެއެވެ. އެއީ އެފަދަނަޖިހުން ރައްކާތެރިވުން އުނދަގޫ ތަކެތީގެ ތެރެއިން ޢަފޫކުރެވިފައިވާ ނަޖިހެވެ.
4) ކުރަފި ހޯނު އުކުނު ފަދަތަކެތީގެ ލޭ ދޮންނަން ޖެހޭ ނަޖިހުގެ ތެރޭގައި ނުހިމެނެނީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެތަކެތީގައި އޮހޮރޭ ލޭ ނުހުންނާތީވެ އެއީ ޢަފޫވަނިވި ނަޖިހެވެ.
5) ރިޝްވާން އަކީ ދަތުރުވެރިއެއް ނޫނެވެ. އޭނާ ފައި ދޮވެގެން ފުރިހަމަ ވުޟޫއެއް ކުރުމަށްފަހު އިސްޓާކީނަށް އަރައިގެން ސްކޫލަށް ދިޔައެވެ. އަދި މެންދުރުވަގުތު ޖެހުމުން ވުޟޫކުރިއިރު ފައިދޮވުމުނގެ ބަދަލުގައި އިސްޓާކީނުގައި ފެންފުހެގެން ވުޟޫކުރިއެވެ. ގެއަށްދެވުނީ ޢަޞްރުފަހުންނެވެ. އޭރުވެސް ވުޟޫގެއްލޭ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. ވީމާ ރިޝްވާނު ވުޟޫނުކޮށް އިސްޓާކީނުވެސް ނުބާލާ ނަމާދު ކުރިއެވެ. ތިރީގައި ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- ރިޝްވާނުގެ މެންދުރު ނަމާދު ރަނގަޅުހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. (އޭނައަށް އިސްޓާކީނުގައި ފެންފުހެވޭނެއެވެ)
ށ- ރިޝްވާނުގެ ޢަޞްރުނަމާދު ރަނގަޅުހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. (ވުޟޫގެއްލޭ އެއްވެސް ކަމެއް ދިމާނުވަންޏާ އަނެއްކާވުޟޫނުކޮށްވެސް ނަމާދު ރަނގަޅުވާނެ)
ނ- ރިޝްވާނަށް އެގޮތަށް އިސްޓާކީނަށް އަރައިގެން ކިހާދުވަހަކު އިސްޓާކީނުގައި ފެންފުހެވޭނެ ހެއްޔެވެ؟
ޖ: އެއްދުވަހާއި އެއްރެއެވެ. (ދަތުރުވެރިއެއް ނޫންވީމަ)
ރ- މިގޮތަށް އިސްލާމްދީނުގައި މިކަން ހުއްދަ ކުރައްވާފައި އޮތުމުން އެކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ދޭހަވަނީ: އިސްލާމްދީނުގައި މިފަދައިން ކަންކަން ލުއިފަސޭހަ ކޮށްދެއްވާފައިވާކަން
ބ- އިސްޓާކީނުގައި ފެންފުހުން ބާތިލުވާނީ ކިހިނެތް ވީމަހެއްޔެވެ؟
ޖ: އިސްޓާކީނު ބޭލީމައެވެ. ނުވަތަ ދަތުރުވެރިއެއް ނޫންނަމަ އެއްދުވަހާއި އެއްރޭވީމައެވެ. ނުވަތަ ދަތުރުވެރިއެއް ނަމަ ތިންރެއާ ތިންދުވަސްވުމުން ފެންފުހުން ބާތިލު ވާނެއެވެ.
ޅ- އިސްޓާކީނުގައި ނުވަތަ ޚުއްފުގައި ފެންފުހުން ޞައްޙަވުމަށް އޭގައި ހުންނަންޖެހޭ ޝަރުތަކީ ކޮބައިހެއްޔެވެ؟
ޖ: އެޚުއްފެއް ނުވަތަ އެއިސްޓާކީނެއް ތަނބިކައްޓަށް ވުރެ މަތިވާންޖެހޭނެއެވެ.
6) ތަޔައްމުމް ކުރުމަކީ ކޮބާހެއްޔެވެ؟ އަދި އެއީ ކޮންކަމެއް ކުރުމުގެ ބަދަލުގައި ކުރާ ކަމެއް ހެއްޔެވެ؟
ޖ: ތަޔައްމުމް ކުރުމަކީ ވުޟޫކުރުމާއި ހިނައިގަތުމުގެ ބަދަލުގައި ޚާއްޞަވެގެންވާ ޝަރުތުތަކާއެކު މޫނާއި ދެއަތުގައި ވެލިފުހުމެވެ.
7) ތިޔަދަރިވަރު ފެނުގައި ޖެހެން ބޭނުން ނުވުމުން ތަޔައްމުމް ކުރެވޭނެހެއްޔެވެ؟ ތަޔައްމުމް ކުރެވޭނީ ކިހިނެތްވީމާކަން ބުނެދޭށެވެ؟
ޖ: ނުކުރެވޭނެއެވެ. ތަޔައްމުމް ކުރެވޭނީ: ފެންނެތުން / ބައްޔެއްގެ ސަބަބުން ފެންބޭނުންކުރުމަށް އުޒުރުވެރިވުން
8) އާސިމް ވެއްޓި ގައިގެ އެތަންމިތަން މަށައިގެން ދިޔުމުން ޑޮކްޓަރު އޭނާގެ ގައިގައި ބޭސްއަޅުމަށްފަހު، ގައިގެ އެއްވެސް ތަނެއްގައި ފެންޖެއްސުން މަނާކުރިއެވެ. ދެން ތަޔައްމުމު ކުރިފަހުން މަޣްރިބު ނަމާދު ވަގުތުވުމުން ނަމާދު ކުރިއެވެ. އަދި ހަމަ އެތަޔައްމުމްގައި ޢިޝާ ނަމާދު ކުރިއެވެ. ތިރީގައިވާ ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- އާސިމްގެ ތަޔައްމުމް އެކުރީ ތަޔައްމުމް ކުރެވޭނެ ކަހަލަ ޙާލަތެއްގައި ހެއްޔެވެ؟ އާއެކޭނަމަ، އޭގެ އިތުރަށް ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟ ނޫނެކޭނަމަ، ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟
ޖ:އާއެކެވެ. ޢާސިމް ތަޔައްމުމް އެކުރީ ތަޔައްމުމް ކުރެވޭނެ ކަހަލަ ޙާލަތެއްގައެވެ. އަދި އޭގެ އިތުރަށް ތަޔައްމުމް ކުރެވޭނެ ޙާލަތަކީ ފެންނެތުމެވެ.
ށ- އާސިމްގެ މަޣްރިބު ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: މަޣްރިބު ނަމާދު ރަނގަޅެއް ނޫނެވެ. އެއީ އޭނާ ތަޔައްމުމް ކުރީ މަޣްރިބު ނަމާދުވެގުތު ވުމުގެ ކުރިންނެވެ.
ނ- އާސިމްގެ ޢިޝާނަމާދު ރަނގަޅުހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ޢިޝާނަމާދުވެސް ރަނގަޅެއްނޫނެވެ. ސަބަބަކީ ކޮންމެ ނަމާދަކަށް ވަކިތަޔައްމުމެއް ކުރަންޖެހޭއިރު އޭނާ ޢިޝާނަމާދުވަގުތު ޖެހުމަށްފަހު ވަކި ތަޔައްމުމް އެއް ނުކުރެއެވެ.
ރ- ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެއްޔާއި ޠާހިރު ވެލީން ތިޔަބައިމީހުން ތަޔައްމުމް ކުރާށެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ: ތަޔައްމުމް ކުރުން ދީނުގައި ހުއްދަކަމެއް ކަމެވެ. / ތަޔައްމުމް ޞައްޙަވުމުގެ އެއް ޝަރުތަކީ ފެންނުލިބުންކަން މިއާޔަތުން އެނގެއެވެ. / ކޮންމެ ޙާލަތެއްގައިވެސް ނަމާދު ދޫކޮށްނުލާ ނަމާދުކުރަންޖެހޭ ކަން ދޭހަވެއެވެ. / އިސްލާމްދީނުގައި އަހަރުމެންނަށް ލުއިފަސޭހަގޮތް ކަނޑައަޅުއްވާދެއްވާކަން ދޭހަވެއެވެ.
ބ- ތަޔައްމުމް ކުރުމުގެ ކުރިން ހަށިގަނޑުގައި ހުރުން ލާޒިމް ޝަރުތެއް ބުނެދޭށެވެ؟
ޖ: ހަށިގަނޑުގައި އެއްވެސް ނަޖިހެއް ހުރެގެންނުވާނެއެވެ.
ޅ- ތަޔައްމުމް ކުރުމުގެ ކުރިން ވެލީގައި ހުންނަން ޖެހޭ 2 ޝަރުތު ބުނެދޭށެވެ؟
ޖ: ވެލި ހިރުފުސް ސާފުވެއްޔަށް ވާންވާނެއެވެ. / އެއްފަހަރު ބޭނުންކޮށްފައިވާ ވެއްޔަށް ވެގެން ނުވާނެއެވެ.
9) ދެޢީދު ދެނަމާދު ކުރުމަށް ޤުރުއާނުގެ ދަލީލަކާއި އަދި ރަސޫލާގެ ސުންނަތުގެ ދަލީލެއް ކިޔައިދޭށެވެ؟
ޖ: ދެޢީދު ދެނަމާދު ކުރުމުގެ ޤުރުއާނުގެ ދަލީލު: ކައުޘަރު ސޫރަތުގެ 2ވަނަ އާޔަތުގެ މާނައިގައިވެއެވެ: [ފަހެ ކަލޭގެފާނުގެ ވެރި އިލާހަށް ނަމާދުކުރައްވާށެވެ. އަދި ޤުރުބާންކުރައްވާށެވެ]
ޙަދީޘްގެ ދަލީލު: އެކަލޭގެފާނު ދުވަހަކުވެސް ޢީދުނަމާދު ދޫނުކުރައްވައެވެ.
10) އަންހެނުންނަށާއި ފިރިހެނުންނަށާއި ކުޑަކުދިންވެސް ޢީދު ނަމާދަށް ދިއުމަށް ރަސޫލާވަނީ އަމުރުކުރައްވާފައެވެ. މިކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: މިކަމުން ދޭހަވަނީ ޢީދުނަމާދު މުހިންމުކަމެވެ. / ޢީދުނަމާދަކީ ގަދަވެގެންވާ ސުންނަތެއް ކަމެވެ.
11) ދިވެހިރާއްޖޭގައި ކުޑަޢީދުގައިވެސް އަދި ބޮޑުޢީދުގައިވެސް ޢީދުނަމާދު ކުރަނީ ގަޑިން 7:30 ގައެވެ. ދީނުގައި ޢީދުނަމާދު ކުރުމަށް އަންގަވަނީ ކޮންވަގުތަކު ހެއްޔެވެ؟ ދިވެހިރާއްޖޭގައި ކުރާޢީދުނަމާދު ރަނގަޅުވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: އިރު ކޮންތި އަކަށް އެރީމައެވެ. ދިވެހިރާއްޖޭގައި ކުރާޢީދުނަމާދު 7:30 ގައި ކުރިއަސް ރަނގަޅުވާނެއެވެ. އެއީ ހެނދުނުވަގުތުގައި ކުރުމުން ރަނގަޅުވާނެތީ އެވެ.
12) ޢީދުނަމާދާއި ހުކުރުނަމާދާއި އިސްތިސްޤާ ނަމާދުގައި އެއްގޮތް ކަންތައްތަކަކާއި ތަފާތުވާ ކަންތައްތަކެއް ވެއެވެ. މިތިންނަމާދުގެ އެއްގޮތްކަމަކީ ކޮބާހެއްޔެވެ؟ އަދި މިތިން ނަމާދުގެ ތަފާތެއް ކިޔައިދޭށެވެ؟
ޖ: މިތިން ނަމާދުގެ އެއްގޮތްކަމަކީ: ތިންނަމާދުގައިވެސް ކުރަނީ 2 ރަކްޢަތެވެ. ތިން ނަމާދުގައިވެސް ޚުތުބާއެއް ކިޔައެވެ.
ތަފާތު ކަންކަމަކީ: ތަފާތުވަނީ ކުރާވަގުތުގައެވެ. ހުކުރު، ކޮންމެ ހުކުރުދުވަހަކު މެންދުރުއެވެ. ޢީދު، ދެޢީދު ދެދުވަހު ހެނދުނުއެވެ. އިސްތިސްޤާ ނަމާދު ފެނަށް ދަތިވާ ވަގުތުގައެވެ.
13) ތަރާވީޙުނަމާދަކީ ކޮންމަހެއްގައި ކުރާނަމާދެއްހެއްޔެވެ؟
ޖ: ރަމަޟާންމަހު ކުރާ ނަމާދެކެވެ. (ރޯދަމަހު)
14) ޔޫނުސް ރޯދަމަހު ދަންވަރު ތެދުވެ ތަރާވީޙުނަމާދު އެކަނިކުރިއެވެ. ޔޫނުސް އެކަނި އެނަމާދުކުރުމުން ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. އެއީ ތަރާވީޙްނަމާދު ޖަމާޢަތުގައިވެސް އަދި އެކަނިވެސް ކުރެވޭނެއެވެ.
15) ރަސޫލާ ޙަދީޘްކުރެއްވިއެވެ: ((مَن قَامَ رَمَضَانَ إِيْـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ﷲ ގެ ޙަޟްރަތުން ޘަވާބުލިބުމަށް އެދި އިޚްލާޞްތެރި ކަމާއެކު ރޯދަމަހުގެ ރޭއަޅުކަމުގައި ޤާއިމްވެ ހުރެއްޖެ މީހާގެ އިސްވެދިޔަ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ.] މިޙަދީޘުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ: ތަރާވީޙްނަމާދުގެ މާތްކަމާއި މަތިވެރިކަން / ތަރާވީޙްނަމާދަކީ ފާފަފުއްސަވާ ނަމާދެއްކަން / ނަމާދުކުރުމުގައި އިޚްލާޞްތެރިވުމުގެ މުހިންމުކަން / އިޚްލާޞްތެރިނުވާނަމަ އަޅުކަން ޤަބޫލުނުކުރެވޭނެކަން
16) "އިސްތިސްޤާ" އާއި "އިސްތިސްޤާ ނަމާދު" ގެ މާނައިގައި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟
ޖ: އިސްތިސްޤާ އަކީ ފެނަށް ދަތިވުމުން ފެނަށް އެދި ދުޢާކުރުމެވެ. އިސްތިސްޤާ ނަމާދަކީ ފެނަށްދަތިވުމުން ފެނަށް އެދި ދެއްނެވުމުގެ ގޮތުން ކުރާ ދެ ރަކްޢަތުގެ ނަމާދެކެވެ.
17) މާލެއަށް ވާރޭނުވެހި ދަތިވުމުން އިސްލާމިކް މިނިސްޓްރީން އިސްތިސްޤާ ނަމާދު ކުރުމަށް ނިންމައިފިއެވެ. މާލޭގައި އިސްތިސްޤާ ނަމާދު ކުރުން އެންމެ ރަނގަޅުވާނެ ތަންތަނުގެ ތެރެއިން ތަނެއް ބުނެދޭށެވެ؟ ތިޔަދަރިވަރު އެނަމާދަށް ނުގޮއްސިނަމަ ފާފަވެރި ވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ސްޓޭޑިއަމްއެވެ. ނުދިޔަޔަސް ފާފަވެރިއެއް ނުވާނެއެވެ. އެއީ ސުންނަތަކަށް ވީމައެވެ.
18) ސާރާގެފާނުގެ ވާހަކައިން އެކަމަނާ އިބްރާހިމްގެފާނަށްޓަކައި ޤުރުބާން ކުރެއްވި އަމިއްލަ އެދުމެއް ބުނެދޭށެވެ؟
ޖ: އެއީ އެކަމަނާގެ އަޅުއަންހެނެއް ކަމަށްވާ ހާޖަރު އާ އިބްރާހީމް ކައިވެނި ބައްލަވައިގަތުމަށް އެދި ދެންނެވުމެވެ.
19) ސާރާގެފާނާއި އިބްރާހީމްގެފާނާ ދެބޭފުޅުންނަށް ﷲ ދެއްކެވި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކެއް ބުނެދޭށެވެ؟
ޖ: އެދެބޭފުޅުންވެސް ވަރަށް މުސްކުޅިފުޅު ވެފައިވަނިކޮށް ﷲ އެދެބޭފުޅުންނަށް ދަރިއަކުދެއްވިއެވެ.
20) ސާރާ ބިންތު ހާރާނު ހައްރާނުން ހިޖުރަކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ އެހިޖުރަ ކުރެއްވީ ކީއްވެހެއްޔެވެ؟
ޖ: މިޞްރަށެވެ. އެއީ ހައްރާނަށް ކުރިމަތިވި ހަނަފަސްކަމާއި ތަދުމަޑުކަމުން ސަލާމަތްވެވަޑައިގަތުމަށެވެ.
21) ސާރާ ބިންތު ހާރާނު ގެ ޢިއްފަތްތެރިކަން ހާމަވާ ވާހަކައެއް ކިޔައިދޭށެވެ؟
ޖ: ފިރުޢައުނު އެކަމަނާއާ އެކަހެރިކޮށް ބައްދަލުކުރެއްވި ނަމަވެސް އެކަމަނާ ފިރުޢައުނުގެ މުއްސަދިކަމާއި ޖާހަށް (ވެރިކަމަށް) ހެއްލިވަޑައިނުގެން ރައްދުކުރެއްވިއެވެ.
22) ހާޖަރުގެފާނުގެ ކެތްތެރިކަމާއި ޢަޒުމްވަރުގަދަކަމާއި އީމާންކަމުގެ ވަރުގަދަކަން އަންގައިދޭ ޙާދީޘާ އެއް ކިޔައިދޭށެވެ؟
ޖ: އެއީ އިބްރާހީމްގެފާނު އެކަމަނާ އާއި އެކަމަނާގެ ތުއްޕުޅުދަރިކަލުން އިސްމާޢީލު މައްކާގެ ހަނަފަސް ސަހަރާއަށްވެސް ދޫކޮށްލައްވާ ވަޑައިގަތުމުންވެސް އެއީ ﷲ ގެ އަމުރުފުޅެއްކަން އެނގިވަޑައިގެންނެވުމުން އެކަމާ އެއްވެސް ޝަކުވާއެއް ނުކުރައްވާ ކެތްތެރިވަޑައިގެން ﷲ ގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަމުގެ ޢަޒްމުގައި ހުންނެވިއެވެ.
23) ހާޖަރުގެފާނަކީ އިބްރާހީމްގެފާނާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ކޮން ދަރަޖައެއްގެ ބޭކަނބަލެއްހެއްޔެވެ؟ އަދި މިކަމުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އެއީ އަޅުއަންހެން ބޭކަނބަލެކެވެ. މިކަމުން ދޭހަވަނީ : އިސްލާމްދީނުގައި ޢިއްޒަތާއި ޝަރަފު ކަނޑައަޅަނީ މީހާގެ ހަސަބާނަސަބުން (ދުނިޔޭގައި އޭނާ ހުންނަ ދަރަޖަ) އަކުން ނޫންކަން އަދި އެކަން ކަނޑައަޅަނީ މީހާގެ އީމާންތެރިކަމުންނެވެ. / އަދި މިކަމުން ދޭހަވާ އެހެންކަމަކީ އިބްރާހީމްގެފާނު އިންސާނިއްޔަތަށް ހުންނަ އޯގާތެރިކަމެވެ.
24) ހާޖަރުގެފާނާއި އިސްމާޢީލުގެފާނު މައްކާ އަށް ވަޑައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަނަށް އެތައް ޤަބީލާތަކެއް އައިސް އެތަން އާބާދުވުމުގެ މަގު ﷲ ތަނަވަސްކޮށްދެއްވިއެވެ. އެމަގު ﷲ ތަނަވަސްކޮށްދެއްވީ ކިހިނެއްހެއްޔެވެ؟
ޖ: އެމަގު ﷲ ތަނަވަސްކޮށްދެއްވީ އިސްމާޢީލްގެފާނުގެ ފައިންޕުޅުން ނެރެދެއްވި ފެންއާރަކުންނެވެ. / ޒަމްޒަމް ފެނުންނެވެ.
25) އާސިޔަތުގެ އީމާންކަމުގެ ވަރުގަދަކަން ހާމަވާ ގޮތެއްބުނެދޭށެވެ؟
ޖ: އާސިޔަތަށް ފިރުޢައުނު ތަފާތު އަނިޔާތައް ދިނުމުންވެސް އެކަމަނާ ﷲ އަށް އޮތް އީމާންދޫކޮށް ނުލައްވައެވެ. އަދި އެކަމަށްޓަކައި ފުރާނަފުޅުވެސް ޤުރުބާންކުރެއްވިއެވެ.
26) އާސިޔަތުގެ ފިރިކަލުން އަންހެން ކުދިން ނުމަރާ ހަމައެކަނި ފިރިހެން ކުދިން މެރީ ކީއްވެހެއްޔެވެ؟ އަދި ފިރިހެންކުދީންގެ ތެރެއިން ހަމައެކަނި ބަނީއިސްރާއީލްގެ ކުދިން މެރީ ކީއްވެހެއްޔެވެ؟
ޖ: އެއީ ރަސޫލުންނާއި ނަބީން އަންނަނީ ފިރިހެނުންގެ ތެރެއިން ކަމަށްވާތީއެވެ. އަދި ބަނީއިސްރާއީލްގެ ކުދިން އެކަނި މެރީ މޫސާގެފާނު އަންނާނެ ކަމަށްވަނީ ބަނީއިސްރާއިލުގެ ދަރިފަސްކޮޅުން ކަމަށްވާތީއެވެ.
27) މަރިޔަމް ބިންތު ޢިމްރާނުގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ޙާދިޘާ އެއް ބުނެދޭށެވެ؟
ޖ: މަރިޔަމްގެފާނު ގެ އަރިހަށް ޖިބްރީލްގެފާނު ފިރިހެނެއްގެ ސިފައިގައި ވަޑައިގެންނެވުމުން އެއީ ކާކުކަން އެނގިވަޑައިނުގެން ވިދާޅުވިއެވެ: ތިބާގެ ކިބައިން ތިމަން ރައްކާތެރިކޮށްދެއްވުން ﷲ ގެ ޙަޟްރަތުން އެދެމެވެ.
28) މަރިޔަމްގެފާނު ތުއްޕުޅު ޢީސާގެފާނު ވިހައިގެން ޔަހޫދީންގެ ތެރެއަށް ނިކުތުމުން އެމީހުން އެކަމަނާގެ ބޮލުގައި ތަފާތު ތުހުމަތުތައް އެޅުވިއެވެ. ނަމަވެސް ﷲ އެމީހުންގެ އެތުހުމަތުތަކުން އެކަމަނާ ސަލާމަތްކޮށްދެއްވުމުގެ ގޮތުން ޔަހޫދީންނަށް ވަރަށް އާދަޔާޚިލާފުކަމެއް ދެއްކެވިއެވެ. އެކަމަނާ އެކަމުން ސަލާމަތް ކޮށްދެއްވި ގޮތް ކިޔައިދޭށެވެ؟
ޖ: ތުއްޕުޅު ޢީސާ އެމީހުންނާ ވާހަކަދެއްކެވިއެވެ. އަދި ޙަޤީޤަތް އެމީހުންނަށް ބަޔާންކޮށްދެއްވިއެވެ.
29) ކަރާމާތަކީ ރަސޫލުންނާ ނަބީބޭކަލުން ނޫން އެހެން މީހުންނަށް ﷲ ދައްކަވާ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެވެ. ރަސޫލުބޭކަލުންނާ ނަބީބޭކަލުންނަށް ދައްކަވާ އާދަޔާ ޚިލާފު ކަންތައްތަކަށް ކިޔަނީ މުޢުޖިޒާތެވެ. މަރިޔަމްގެފާނަށްވެސް ﷲ ވަނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކަވާފައެވެ. އެކަންކަމަށް ކިޔާނީ މުޢުޖިޒާތް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: އެއީ މުޢުޖިޒާތެއް ނޫނެވެ. އެއީ މަރިޔަމްއަކީ ރަސޫލެއް ނުވަތަ ނަބީއެއްވެސް ނޫނެވެ.
30) މަރިޔަމްގެފާނަށް ދެއްކެވި އާދަޔާޚިލާފު ކަންކަމަށް ކިޔާނީ ކޮންނަމެއްހެއްޔެވެ؟ އެފަދަ ކަންކަމުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ކަންތައް ބުނެދޭށެވެ؟
ޖ: އެއީ ކަރާމާތެވެ. އެކަމަނާއަށް ދެއްކެވި އެންމެ އާދަޔާ ޚިލާފު ކަމަކީ ފިރިހެނެއްގެ ގައިގައި ނުބީހެނީސް ދަރިކަލަކު ލިބުމެވެ.
31) މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާމެދު ނަޞާރާއިންނާއި މުސްލިމުން ޤަބޫލުކުރާގޮތް ތަފާތެވެ. އެތަފާތު ބުނެދޭށެވެ؟
ޖ: މުސްލިމުން ދެކެނީ އެއީ ﷲ ގެ ކުޅަދުންވަންތަކަމުން ބައްޕައަކާ ނުލާ ދެއްވި ދަރިއެކެވެ. އަދި އެއީ ﷲ ގެ އަޅެކެވެ. އަދި ރަސޫލެކެވެ. ނަމަވެސް ނަޞާރާއިން ޤަބޫލުކުރަނީ އެކަލޭގެފާނު ދުނިޔެއަށް އުފަންވީ ބައްޕައަކު ނެތި ކަމަށްވުމާއިއެކު އެކަލޭގެފާނަކީ ﷲ ގެ ދަރިކަލެއްކަމަށެވެ. އެގޮތުން އެމީހުން އެކަލޭގެފާނު ވެސް އިލާހަކަށް ހަދައެވެ.
32) ޢީސާގެފާނާއި މެދު ނަޞާރާއިން ބުނާގޮތަކީ ވަރަށް ހަމަނުޖެހޭ ބާޠިލް ގޮތެއްކަން ބުއްދިން އެކަނި ވިސްނާލިޔަސް އެނގެއެވެ. އެއީ ކިހިނެތްކަން ބުނެދޭށެވެ؟
ޖ: އެއީ ޢީސާގެފާނު ބައްޕައަކު ނެތި އުފަންވުމުން އެއީ ﷲ ގެ ދަރިކަލެކޭ ބުނާކަމުގައި ވާނަމަ ، އެގޮތަށް އާދަމްގެފާނާއި މެދު ބުނުން މާރަނގަޅުވާނެއެވެ. އެއީ އާދަމްގެފާނަކީ މަންމައެއްވެސް ބައްޕައެއްވެސް ނެތި އައި ފުރަތަމަ އިންސާނާއެވެ. / އަދި ދަރިއެއް ލިބުމަކީ އިލާހުވަންތަކަމާ އެކަށީގެންނުވާ އައިބު ސިފައެކެވެ. ﷲ އެންމެ މަތިވެރި އެންމެހާ އައިބު ސިފަތަކުން ހުސްޠޯހިރުވަންތަ އިލާހެވެ.
33) ފާޠިމަތުގެފާނަކީ މިއުންމަތުގެ އަންހެން ބޭކަނބަލުންނަށް ވާ ނަމޫނާ ބޭކަނބަލަކަށް ވަނީ ކީއްވެގެންކަން ބުނެދޭށެވެ؟
ޖ: އެއީ އެކަމަނާ ތަރުބިއްޔަތުވެ ވަޑައިގެންނެވީ ސީދާ ރަސޫލާގެ އަރިހުގައެވެ. އަދި އެކަމަނާއަކީ ރަސޫލާއަށް ވަރަށް ފުރިހަމައަށް ތަބަޢަވެ ވަޑައިގެންނެވި ބޭކަނބަލެކެވެ.
34) ފާޠިމަތުގެފާނުގެ ފިލާވަޅުން ތިޔަދަރިވަރަށް ލިބޭ 5 ފިލާވަޅެއް (މޯރަލް) ބުނެދޭށެވެ؟
ޖ: ފިލާވަޅުތަކަކީ: ﷲ އަށާއި ރަސޫލާއަށް ކިޔަމަންތެރިވުމުގެ މުހިންމުކަން / ކިތަންމެ ބުރަކޮށް އުޅުނަސް ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުން / ގޭތެރޭގެ މަސައްކަތް އަމިއްލަ އަށް ކުރުން / ފިރިމީހާއާއި ދަރިންގެ ކަންކަންވެސް އަމިއްލައަށް އަދާކުރުން / މަންމައާއި ބައްޕަގެ ޚިދުމަތުގައި ދެމިހުރުން / ދުނިޔޭގެ އުނދަގޫތަކަށް ކެތްތެރިވުން
35) އުންމު އައިމަން މާތް އަންހެން ބޭކަނބަލަކަށް ވި 4 ސަބަބެއް ލިޔާށެވެ؟
ޖ: އެކަމަނާ ރަސޫލާ ތުއްޕުޅު އިރުއްސުރެ ގެންގުޅެ ބޮޑުކުރެއްވީމަ / ރަސޫލާ އެކަމަނާ މިނިވަން ކުރެއްވުމުންވެސް ރަސޫލާގެ އަރިހުގައި ޚިދުމަތް ކުރެއްވުމަށް މަޑުކުރަން ނިންމުން / ހަނގުރާމަ ތަކުގައިވެސް ރަސޫލާގެ އަރިހުގައި ލަޝްކަރަށް ޚިދުމަތް ކުރެއްވުމަށް ހުންނެވުން / ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް ބޭސްފަރުވާ ކޮށްދެއްވުން
36) ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [އޭ އީމާންވީ މީހުންނެވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ!] ތަޤްވާވެރިވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި ތިޔަދަރިވަރު ތަޤްވާވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައް ބުނެދޭށެވެ؟
ޖ: ތަޤްވާވެރިވުމަކީ ބިރުވެތިވެ ރައްކާތެރިވުމެވެ. އަޅުގަނޑު ތަޤްވާވެރިވުމަށްޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުވާން ޖެހޭނެއެވެ.
37) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި ކަންތައް ކުރުމަށެވެ] މިއާޔަތުން ދޭހަވާކަމެއް ބުނެދޭށެވެ؟
ޖ: ޢަދުލުވެރިވުމަކީ ވާޖިބެއްކަން / ރަސޫލާވެސް ކަންކަން ކުރައްވަނީ ﷲ ގެ އަމުރުފުޅާ އެއްގޮތަށްކަން އަދި އަމިއްލަފުޅަށް ނޫންކަން
38) އިސްލާމްދީނަކީ އެންމެ ޢަދުލުވެރި ދީންކަމުގައި ވަނީ ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ އެންމެ ހަރުދަނާ އުޞޫލުތަކާއި ޤަވާޢިދުތައް ހުރީ އެދީނުގައި ކަމަށްވާތީއެވެ.
39) ފޮތުގައި ތެދުވެރިކަމާ ބެހޭ ގޮތުން އޮވެއެވެ: [ތެދުވެރިކަން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހެޔޮކަންތައް ސުވަރުގެއަށް މަގުދައްކައެވެ] މިއީ ޤުރުއާނުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ރަސޫލާގެ ޙަދީޘްފުޅެއްހެއްޔެވެ؟ އަދި ބަސްފުޅުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: މިއީ ޤުރުއާނުގެ އާޔަތެއް ނޫނެވެ. މިއީ ރަސޫލާގެ ޙަދީޘްފުޅެކެވެ.
މިބަސްފުޅުން ދޭހަވަނީ: ތެދުވެރިކަމުގެ މުހިންމުކަމެވެ. / ތެެދުވެރިކަމަކީ ސުވަރުގެއަށް ގެންގޮސްދޭ ކަމެއްކަމެވެ.
40) ތިޔަދަރިވަރު އަމާނާތްތެރި ކުއްޖަކަށް ވުމަށްޓަކައި ކުރެވިދާނެ ތަފާތު 3 ކަމެއް ބުނެދޭށެވެ؟
ޖ: އަޅުގަނޑު އަމާނާތްތެރިވުމަށްޓަަކައި ކުރެވިދާނެ ކަންކަން: މީހަކު އަޅުގަނޑުގެ އަތަށް ރައްކާކުރަން ދޭ އެއްޗެއް ސަލާމަތުން އަނބުރާ އޭނާއަށް ރައްދުކުރުން / އަޅުގަނޑަށް ދަސްވާ ކަންތައްތައް އެހެންމީހުންނަށް ކިޔައިދިނުން، ޚާއްޞަކޮށް އަޅުގަނޑުގެ ކޮއްކޮމެންނަށް އެތަކެތި ކިޔައިދީ އެކުދިންނަށް ދަސްކޮށްދިނުން / އަޅުގަނޑު އެޅޭ ވެށި ހަލާކުވެދާނެކަހަލަ ކަންކަން މިސާލަކަށް ޕްލާސްޓިކް ތަކެތި މޫދަށާއި އެއްގަމަށް ނުއުކުން
41) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އާޔަތުން ދޭހަވަނީ: އަމާނާތްތަކަށް ރައްކާތެރިވުމަކީ ވާޖިބެއްކަން / ޚިޔާނާތްތެރިވުމަކީ ގޯސްކަމެއްކަން- ދީނުގައި ހުއްދަކަމެއް ނޫންކަން / އިސްލާމްދީނަކީ ހުރިހާ މީހުންނަށްވެސް ފައިދާހުރި ރަނގަޅުގޮތަށް އަމުރުކުރައްވާ ދީނެއްކަން

No comments:

Post a Comment