Wednesday, May 15, 2013

revision1 -jawaabuthakaaeku . gr6


އިސްލާމް / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޤުރުއާނުގެ ބައި ، ޢަޤީދާގެ ބައި
1) ((وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَة.)) މިއާޔަތުގައި އެވަނީ ކޮންކަހަލަ އިދްޣާމެއް ކަމާއި، މިއިދްޣާމް ކިޔާނެގޮތް ބުނެދޭށެވެ؟
ޖ: އެއީ ކާމިލް އިދްޣާމެކެވެ. (ތަންވީނުގެ ފަހަތަށް ލާމު އަންނާތީއެވެ) ، މިއިދްޣާމް ކިޔާނީ ޣުންނަ ނުކޮށެވެ.
2) ((الَّذِي جَمَع مَالاً وَّ عَدَّدَهُ)) މިއާޔަތުގައި އެވަނީ ކޮންކަހަލަ އިދްޣާމެއް ކަމާއި، މިއިދްޣާމް ކިޔާނެގޮތް ބުނެދޭށެވެ؟
ޖ: އެއީ ނާޤިޞް އިދްޣާމެވެ. (ތަންވީނުގެ ފަހަތަށް ވާވު އަންނާތީއެވެ)
3) ((تَرْمِيهِم بِـحِجَارَةٍ مِّن سِجِّيلٍ. فَجَعَلَهُمْ كَعَصْفٍ مَأْكُولٍ)) މިއާޔަތުގައި ޝަފަވީއިޚްފާއު ގެ ތަންކޮޅަކާއި ޝަފަވީ އިޘްހާރުގެ ތަންކޮޅެއްވެއެވެ. އެދެތަންކޮޅު ވަކިކޮށް އެދެތަން ކިޔާނެގޮތް ބުނެދޭށެވެ؟
ޖ: ޝަފަވީ އިޚްފާއު ގެ ތަންކޮޅަކީ: تَرْمِيهِم بِـحِجَارَةٍ މިތަން ކިޔާނީ މީމުސުކުން ފޮރުވައިގެން ޣުންނަކޮށްގެންނެވެ.
   ޝަފަވީ އިޘްހާތު ގެ ތަންކޮޅަކީ: فَجَعَلَهُمْ كَعَصْفٍ މިތަން ކިޔާނީ މީމުސުކުން ފާޅުކޮށް، ޣުންނަ ނުކޮށެވެ.
4) ޝަފަވީ އިދްޣާމްގެ ޙުކުމް އަންނަނީ މީމު ސުކުނެއްގެ ފަހަތަށް ކޮން އަކުރެއް އައުމުންހެޔެއްވެ؟ އަދި ކިޔާނީ ކިހިނެތްހެއްޔެވެ؟
ޖ: މީމު އައުމުންނެވެ. ކިޔާނީ އެއްކޮށްލައިގެން ޣުންނަކޮށްގެންނެވެ.
5) [ހަމަކަށަވަރުން ތިމަން އިލާހު ގިނަގުނަވެގެންވާ ހެޔޮކަން (އޭގެ ތެރޭގައި ކައުޘަރޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް ދެއްވީމެވެ] މިއާޔަތުގެ މާނައިން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ: ރަސޫލާގެ މާތަކަމާއި މަތިވެރިކަމެވެ.
6) ހަމައެކަނި އަޅުކަން ކުރުން ޙައްޤުވެގެންވަނީ ﷲ އަށްކަން އަންގައިދޭ އާޔަތެއް ކައުޘަރު ސޫރަތުގައިވެއެވެ. އެއާޔަތުގެ މާނައަކީ ކޮބާހެއްޔެވެ؟
ޖ: އެއާޔަތުގެ މާނައަކީ: [ފަހެ، ކަލޭގެފާނުގެ ވެރިއިލާހުއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ. އަދި ޤުރުބާން ކުރައްވާށެވެ]
7) ކައުޘަރު ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެއެވެ:[ހަމަކަށަވަރުން ކަލޭގެފާނު ކޯފާއިސްކުރައްވާ މީހާ، އެއީ ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ] މިއާޔަތް ތިޔަދަރިވަރު އުނގެނުމަށްފަހު ތިޔަދަރިވަރުގެ އުޅުމަށް އަންނާނެ ބަދަލެއް ބުނެދޭށެވެ؟
ޖ: އަޅުގަނޑު ރަސޫލާގެ ނުރުހުންތެރިވާނެ ކަހަލަ ކަންތަކެއް ނުކުރާނަމެވެ. އެގޮތުން އެކަލޭގެފާނު ނަހީކުރެއްވި ކަންކަމުން އަޅުގަނޑު ދުރަށް ދާނަމެވެ. އަދި އެކަލޭގެފާނު ކުރަން އެންގެވި ކަންކަން އަޅުގަނޑު ކުރާނަމެވެ.
8) މާޢޫނު ސޫރަތުގައި ބަޔާންވެގެންވާ މީހާ ކުރާ ބައެއްކަހަލަ ގޯސްކަންތައްތަކެއްގެ ވާހަކަ އައިސްފައިވެއެވެ. އެމީހަކު އެފަދަ ކަންކަން ކުރަނީ އޭނާގެ ހިތުގައި އޮންނަ ޤަބޫލުކުރުމެއްގެ ސަބަބުންނެވެ. އެއީ ކޮންކަމެއްހެއްޔެވެ؟
ޖ: އެއީ އޭނާ ޤިޔާމަތްދުވަސް އަންނާނެކަން ދޮގުކުރާތީއެވެ. (އެކަން ޤަބޫލުނުކުރާތީއެވެ)
9) މާޢޫނު ސޫރަތް އުނގެނުމަށްފަހު ﷲ އާއި ޤިޔާމަތްދުވަހަށް އީމާންވާ ކަމުގައި ވާނަމަ ތިޔަދަރިވަރުގެ އުޅުމަށް ބަދަލެއް އަންނާނެ އެވެ. އެގޮތުން އަންނާނެ 3 ބަދަލެއް ބުނެދޭށެވެ؟
ޖ: އަޅުގަނޑު ޔަތީމުކުދިންނަށް ހެޔޮކޮށް ކަންތައް ކުރާނަމެވެ. / އަޅުގަނޑު މިސްކީނުކުދިންނަށް ކާންދީ އެހީތެރިވާނަމެވެ. / ފަރުވާތެރިކޮށް ނަމާދު ކުރާނަމެވެ. / މީހުންނަށް ކަންދެއްކުމަށް ނަމާދު ނުކުރާނަމެވެ. / އަޅުގަނޑު އަތުގައި ހުންނަ ކުދިކުދި ހިފާގެންގުޅޭ ތަކެތި އެހެން ކުދިންނަށް ދޭނަމެވެ.
10) މާޢޫނު ސޫރަތުގައި އައިސްފައިވެއެވެ: [އެބައިމީހުންނަކީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.] މިތަނުގައި ކަންދެއްކުމަށް ނަމާދުކުރުން އައިސްފައި މިވަނީ ރަނގަޅުކަމެއްގެ ނުވަތަ ގޯސްކަމެއްގެ ގޮތުގައިހެއްޔެވެ؟ ތިހެންބުނި ސަބަބުވެސް ބުނެދޭށެވެ؟
ޖ: ގޯސްކަމެއްގެ ގޮތުގައެވެ. އެއީ އެގޮތަށް ނަމާދު ކުރާމީހާއަށް ހަލާކުހުރިކަމަށް ﷲ އަންގަވާފައިވާތީއެވެ.
11) ޣައިބަށް އީމާންވުމުގައި ހިމެނޭ 4 ކަމެއް ބުނެދޭށެވެ؟
ޖ: ﷲ އަށް އީމާންވުން / މަލާއިކަތުންނަށް އީމާންވުން / ގިޔާމަތްދުވަހަށް އީމާންވުން / ރަސޫލުންނަށް އީމާންވުން / ބާވާލެއްވި ހުރިހާ ފޮތްތަކަށް އީމާންވުން / ﷲ ގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން
12) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައީ: [އެކަލާނގެއީ ﷲ އެވެ. އެކަލާނގެއީ އެކަލާނގެ ފިޔަވާ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާ އިލާހެވެ. ނުފެންނަ ކަންތަކާއި ފެންނަ ކަންތައް ދެނެވޮޑިގެންވާ އިލާހެވެ. އެކަލާނގެ އީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: ޣައިބަށް އީމާންވާންޖެހޭކަން / އަހަރުމެންނަށް ނުފެންނަ ޙިއްސުތަކަށް ނޭނގޭ ދުނިޔެއެއް އޮންނަކަން
13) އަހަރުމެން އުފަންވެ ބޮޑުވަނީ އިސްލާމްދީންމަތީގައެވެ. އަދި އަހަރުމެންގެ މައިންބަފައިންނާއި އެކިއެކި މީހުންގެ ފަރާތުން ދީނުގެ ވަރަށް ގިނަކަންކަން އަޑުއަހަމެވެ. އަދި އޭގެ ތެރެއިން ބައެއް ކަންކަމަކީ އަހަރުމެން ދުވަހަކުވެސް ލޮލުން ނުދެކޭ ކަންކަމުގެ ވާހަކައެވެ. އެކަންކަން މައިންބަފައިންނަށާއި އެހެން މީހުންނަށްވެސް އެނގިފައިވަނީ ކިހިނެތްހެއްޔެވެ؟
ޖ: ހަމައެކަނި ﷲ ގެ ވަޙީބަސްފުޅުންނެވެ. (ޤުރުއާނުންނާއި ޙަދީޘުންނެވެ)
14) "ޣައިބަށް އީމާންވުން" ގެ ޓޮޕިކުގައި އޮންނަ ގޮތުން ޣައިބަށް އީމާންވުމަކީ މިޒަމާނުގެ ޢިލްމީ ހޯދުންތަކުން އެނގިފައިވާ ގްރެވިޓީފޯސް ރޭޑިޔޯ ވޭވްސް ފަދަ އެތައްކަމަކަށް ބަލާއިރު ބުއްދީގެ ގޮތުންވެސް ޤަބޫލުކުރެވޭކަމެކެވެ. އެއީ ކިހިނެތްކަން ބުނެދޭށެވެ؟
ޖ: އެއީ ނުފެންނަ ކޮންމެ އެއްޗަކީ ނެތް އެއްޗެއް ނޫންކަމެވެ. އެގޮތުން ގްރެވިޓީފޯސް އާއި ރޭޑިޔޯވޭވްސް ފަދަ ތަކެތި ނުފެނުނު ކަމުގައިވިޔަސް އެތަކެތި ވާކަން އަހަރުމެން ޤަބޫލުކުރާ ފަދައިން ޣައިބުގައި ވާ ކަންކަންވެސް ﷲ ލައްވަވާފައިވާކަން ބުއްދިއަށް ޤަބޫލުކުރެވެއެވެ.
15) ބަރުޒަޚް ގެ މާނަ ބުނެދޭށެވެ؟
ޖ: ބަރުޒަޚަކީ މަރުވުމަށްފަހު އަލުން ދިރުއްވުމާއި ހަމައަށް އިންސާނާގެ ފުރާނަ އޮންނަ ރޫޙާނީ ޢާލަމަށް ދެވިފައިވާ ނަމެކެވެ.
16) ކަށްވަޅުގައި ލިބޭ ތަދާއި ވޭން އަދި އަރާމާއި އުފާ ލިބެނީ އިންސާނާގެ ކޮން އެއްޗަކަށްހެއްޔެވެ؟
ޖ: އިންސާނާގެ ފުރާނައާއި ހަށިގަނޑަށެވެ.
17) އަހަރުމެންނަށް މީހުން މަރުވާތަނާއި މަރުވެގެން ބާއްވާފައި އޮންނަތަނާއި ވަޅުލާތަނާއި މިތަންތަން ފެނެއެވެ. އެހެންނަމަވެސް އެމީހުންގެ ހަށިގަނޑަށް އެއްވެސް ކަމެއް ވާތަނެއް ނުފެނެއެވެ. ވީމާ ބަރުޒަޚަށް އީމާންވުމަކީ ކޮންކަމެއްގެ ތެރެއިންވާ ކަމެއްހެއްޔެވެ؟
ޖ: ބަރުޒަޚަށް އީމާންވުމަކީ ޣައިބަށް އީމާންވުމުގެ ތެރެއިން ވާ ކަމެކެވެ.
18) ކަށްވަޅުގައި ދެމަލާއިކަތަކު ސުވާލު ކުރައްވާނެއެެވެ. އެދެމަލާއިކަތުންގެ ނަންފުޅަކީ ކޮބާހެއްޔެވެ؟
ޖ: މުންކަރު އަދި ނަކީރު އެވެ.
19) ކަށްވަޅުގައި ސުވާލުކުރާ ދެ މަލާއިކަތުންނަށް ރަނގަޅަށް ޖަވާބު ދެވޭނީ އަދި ކަށްވަޅުގައި އަރާމާއި އުފާ ލިބުން ވަނީ ކޮންކަހަލަ ބަޔަކަށް ހެއްޔެވެ؟
ޖ: އެއީ ދުނިޔޭގައި އުޅުނުއިރު ﷲ އަށާއި ރަސޫލާއަށް އީމާންވެ ހެޔޮ ޢަމަލު ކުރި މީހުންނަށެވެ.
20) ކަށްވަޅަކީ ބައެއްމީހުންނަށް އަރާމު އަދި އަނެއްބަޔަކަށް ދަތިއުނދަގޫ ތަނެއްކަން އަންގައިދޭ ރަސޫލާr ގެ ޙަދީޘްފުޅެއްގެ މާނަ ލިޔާށެވެ؟
ޖ: ޙަދީޘްފުޅުގެ މާނައީ: [ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. ނުވަތަ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅެކެވެ.]
21) ކަށްވަޅަކީ ޢަޛާބު ލިބޭތަނެކެވެ. އެޢަޛާބުން ސަލާމަތްވުމަށް ބައެއްކަހަލަ ފާފަތަކުން ދުރަށް ދާންޖެހެއެވެ. އޭގެ ތެރެއިން 2 ކަމެއް ބުނެދޭށެވެ؟
ޖ: ގުޑަގިފިލި ކޮށް ފައި ތާހިރު ވާންޖެހެއެވެ. / ދިބައޮޑުވުމުން ދުރުވާންޖެހެއެވެ.
22) ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންވާމީހަކާއި އީމާންނުވާ މީހެއްގެ އުޅުން ވަރަށް ތަފާތުވާނެއެވެ. އޭގެ ތެރެއިން 2 ތަފާތެއް ބުނެދޭށެވެ؟
ޖ: އެކަމަށް އީމާންވާމީހާ ﷲ ލޯބިވާގޮތަށް އުޅޭނެއެވެ. ކެތްތެރިވާނެއެވެ. ދުނިޔޭގައި ލިބޭ އަނިޔާގެ ބަދަލު އެދުވަހުގައި ލިބުމަށް އެދޭނެއެވެ. އެއާޚިލާފަށް އީމާންނުވާ މީހާ ﷲ އެންގެވިގޮތަކަށް ނޫޅޭނެއެވެ. އަދި ކެތްތެރިއެއް ނުވާނެއެވެ. އަދި މީހުންނަށް ދުނިޔޭގައި އަނިޔާވަރިވާނެއެވެ.
23) އާޚިރަތް ދުވަހާ އެދުވަހަށް އީމާންވުމާއި ހުރި ތަފާތަކީ ކޮބާހެއްޔެވެ؟
ޖ: އާޚިރަތް ދުވަހަކީ: ﷲ ފިޔަވާ ހުރިހާ ތަކެއްޗެއް ފަނާވާ ދުވަހެވެ. އެދުވަހަށް އީމާންވުމަކީ: ﷲ ފިޔަވާ ހުރިހާ ތަކެއްޗެއް ފަނާވާނެ ދުވަހެއް އަންނާނެ ކަމާއި އެދުވަހުން ވާނެކަމަށް އަންގަވައިފައިވާ ހުރިހާކަމެއް ހިތުގެ އަޑިން ޤަބޫލުކުރުމެވެ.
24) އާޚިރަތްދުވަހަށް އީމާންވުމުގެ ޙުކުމަކީ ކޮބައިކަން ބުނެދޭށެވެ؟
ޖ: އެއީ އީމާންކަމުގެ ރުކުނެކެވެ.
25) އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ 5 ކަމެއް ބުނެދޭށެވެ؟
ޖ: ﷲ ފިޔަވާ ހުރިހާ އެއްޗެއް ފަނާވާނެކަން / މަރުވުމަށްފަހު އަލުން ދިރުއްވާނެކަން / މަޙްޝަރުކުރެއްވޭނެކަން / ހިސާބުބެއްލެވުން /  ސިރާތުމަގު ހުރަސްކުރުން / ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް އަދި ނަރަކައިގެ އަހުލުވެރިން ނަރަކައަށް ދާނެކަން
26) އާޚިރަތް ދުވަހުގައި އަހަރުމެންނާއި އެކު ހަމައެކަނި ވަނީ އަހަރުމެން މިދުނިޔޭގައި ކުރާ ޢަމަލެކެވެ. ވީމާ އެދުވަހު ބާއްޖަވެރި ކުރަން ބޭނުންނަމަ އަހަރުމެން މިހާރު އުޅެންޖެހޭނީ ކިހިނެތް ހެއްޔެވެ؟
ޖ: ހެޔޮ ޢަމަލުކޮށްގެންނެވެ.
27) އަލުންދިރުއްވުމަކީ ކޮބާހެއްޔެވެ؟ އަދި އެކަމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
ޖ: އަލުންދިރުއްވުމަކީ ފަނާވެފައިވާ ހަށިތަށް އަލުން އުފައްދަވާ އެއަށް ދިރުންދެއްވުމެވެ. އެކަމުގެ ބޭނުމަކީ: ޢަމަލުތަކުގެ ޙައްޤު ޖަޒާ ދެއްވުމާއި، ﷲ ގެ ޢަދުލުވެރިކަން މީސްތަކުންނަށް ހާމަވެގެން ދިއުމެވެ.
28) އަލުންދިރުއްވުމަކީ ބުއްދިއަށްވެސް ޤަބޫލުކުރެވޭ ކަމެއް ކަމަށް ވަނީ ކިހިނެތްހެއްޔެވެ؟
ޖ: ހަނަފަސް ބިންތައް ވާރޭވެހުމުން އަލުން ދިރިގެންގޮސް ގަސްފަޅައެވެ. / މަރުވެފައިވާ ތަކެތި އަހަރުމެން ކެއުމުން އެތަކެތިން އަހަރުމެންގެ ހަށިގަނޑުތަކަށް ދިރުން ލިބެއެވެ.  / އިންސާނުން ފުރަތަމަ އުފެއްދެވި އިލާހުއަށް އެކަން ދެވަނަފަހަރު ކުރެއްވުމަކީ އެކަލާނގެ އަށް ވަރަށް ފަސޭހަކަމެއްކަން އެނގެއެވެ.
29) ﷲ ވަޙީކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ:[އަދި އެކަލާނގެއީ (ނެތުމުގެ ތެރެއިން) ޚަލްޤުތައް އުފައްދަވާ ދެން އަލުން އެއިޢާދަ ކުރައްވާ އިލާހެވެ.] މިއާޔަތުން ﷲ އިންސާނުން އަލުން ދިރުއްވާނެކަން ދޭހަވާ ގޮތެއް ބުނެދޭށެވެ؟
ޖ: "އަލުން އެއިޢާދަ ކުރައްވާ" މިޢިބާރާތުން ދޭހަވަނީ އެކަން ﷲ ދެވަނަފަހަރު ކުރައްވާނެއެވެ. މާނައަކީ ދެވަނަފަހަރު އުފައްދަވާނެކަމެވެ.
30) އަލުންދިރުއްވުމަކީ އީމާންކަމުގެ ރުކުނެއް ނޫނެވެ. ނަމަވެސް އެކަމަކީ އާޚިރަތްދުވަހަށް އީމާންވުމުގެ ތެރެއިންވާކަމެކެވެ. އެހެންވަނީ ކިހިނެތްހެއްޔެވެ؟
ޖ: އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ. އަދި އަލުންދިރުއްވުމަށް އީމާންވުމަކީ އެދުވަހަށް އީމާންވާން ވުމުގެ ތެރެއިން ވާ ކަމެކެވެ.

No comments:

Post a Comment