Friday, May 17, 2013

islam revision 2- jawaabuthah- grade7


އިސްލާމް  ގްރޭޑް 7 / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޢިބާދާތުގެ ބައި
1) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.] މިއާޔަތާ ހިނައިގަތުމާ ހުރި ގުޅުމަކީ ކޮބައިކަން ބުނެދޭށެވެ؟
ޖ: ހިނައިގަތުމަކީ ނިޔަތާއި މުޅިގައިގައި ފެންޖެއްސުމެވެ. އެއީ ސާފު ޠާހިރު ވުމުގެ ތެރެއިން ވާކަމެކެވެ.
2) ހިނައިގަތުމަށްޓަކައި މޫދަށް ފުންމާލުމަށްފަހު އަޑިއަށް ގޮސް އަރާއިރު ހުންނާނީ ގައިގެ ހުރިހާ ނަޖިހެއް ފިލާފައެވެ. އަދި މުޅި ގައިގައި ފެންވެސް ޖެހިފައެވެ. ވީމާ އެއީ ހިނައިގަތުމަކަށް ފުދޭނެ ހެއްޔެވެ؟ ސަބަބަކީ ކޮބާހެއްޔެވެ؟
ޖ: ނުފުދޭނެއެވެ. ސަބަަބަކީ އޭނާ ނިޔަތް ނުގަނެއެވެ.
3) ޖުނުބުވެރިޔާ އާއި ޙައިޟުނިފާސްވެރިޔާގެ އެއްގޮތް ކަމަކާއި ތަފާތު ކަމެއް ބުނެދޭށެވެ؟
ޖ: އެއްގޮތްކަމަކީ ދެމީހުންވެސް އެތިބީ ބޮޑުޙަދަޘްވެރިވެފައެވެ. ތަފާތުކަމަކީ ޖުނުބުވެރި ވަނީ ފިރިހެނުންނާ އަންހެނުންނެވެ. ނަމަވެސް ޙައިޟުނިފާސް ވާނީ އަންހެނުން އެކަންޏެވެ.
4) ޖުނުބުވެރިޔާ އާއި ޙައުޟުނިފާސް ވެރިންނަށް ޙަރާމްވާން ކަންކަމުގައި އެއްގޮތްކަންކަމާއި ތަފާތު ކަންކަން ހުރެއެވެ. އޭގެ ތެރެއިން އެއްގޮތް 2 ކަންތަކާއި ތަފާތު 1 ކަންތައް ބުނެދޭށެވެ؟
ޖ: އެދެމީހުންނަށްވެސް ނަމާދެއް ޠަވާފެއް ނުކުރެވޭނެއެވެ. ޤުރުއާނުގައި ނުބީހެވޭނެއެވެ. މިސްކިތަކަށްވެސް ނޭރޭނެއެވެ.
ތަފާތު ކަމަކީ: ޖުނުބުވެރިޔާއަށް ރޯދައަށް ހުރެވުނަސް ޙައިޟުނިފާސްވެރިޔާއަށް ރޯދަ ނުހިފޭނެއެވެ.
5) ނަމާދު ޤަޞްރުކުރެވޭނީ ކޮންބަޔަކަށް ހެއްޔެވެ؟
ޖ: ނަމާދު ޤަޞްރުކުރެވޭނީ ދަތުރުވެރިންނަށެވެ.
6) ނަމާދު ޖަމްޢު ކުރެވޭނީ ކޮން ބަޔަކަށް ހެއްޔެވެ؟
ޖ: ނަމާދު ޖަމްޢުކުރެވޭނީ ދަތުރުވެރިންނަށާއި ބައްޔެއްފަދަ ބޮޑުކަމެއް ދިމާވާ ޢުޛުރުވެރިންނަށެވެ.
7) ޙައްޖާއި ޢުމްރާގެ ރުކުންތަކުގައި ހުރި ތަފާތުތައް ބުނެދޭށެވެ؟
ޖ: ޙައްޖުގައި ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތަށް ދިއުން އޮވެއެވެ. ނަމަވެސް ޢުމުރާގައި އެކަމެއް ނޯވެއެވެ.
8) ޙައްޖާއި ޢުމްރާގެ ވާޖިބުތަކުގައި ހުރި އެއްގޮތް ކަންތައް ކިޔައިދޭށެވެ؟
ޖ: ޙައްޖުގައާއި ޢުމްރާގައިވެސް މީގާތު ހުރަސްކުރުމުގެ ކުރިން ނިޔަތްގަތުމަކީ ވާޖިބެކެވެ. ޙައްޖުގައާއި ޢުމްރާގައިވެސް އިޙްރާމްބަނުމަށް ފަހު ކުރުން ޙަރާމް ކަންކަމުން ދުރުވެ ހުރުމަކީ ވާޖިބެކެވެ.
9) ތިރީގައިވާ ވާހަކަކޮޅު ކިޔުމަށްފަހު ހުރިހާ ސުވާލުތަކަށް ޖަވާބުލިޔާށެވެ:
 ތިޔަދަރިވަރު ޙައްޖުމަހުގެ 8 ވަނަދުވަހު ޙައްޖަށް ނިޔަތްގަނެ އިޙްރާމް ބަނީއެވެ.
(ހ) ދެން ތިޔަދަރިވަރަށް ނުކުރެވޭނެ 4 ކަމެއް ކިޔައިދޭށެވެ؟
ޖ: ނިޔަފަތިކެނޑުން / އިސްތަށްޓެއް ވަކިކުރުން / ހުވަނދުލުން / ޝިކާރަކުރުން / މޫނުނިވާކުރުން / (ފިރިހެންކުއްޖެއްނަމަ) ބޯނިވާކުރުން އަދި ފަހާފައިހުރި ހެދުމެއް ލުން
(ށ) ނިޔަތްގަނެގެން ދާނީ ކޮންތަނަކަށް ހެއްޔެވެ؟
ޖ: 8 ވަނަ ދުވަހު ނިޔަތްގަނނެގެން ދާނީ މިނާއަށެވެ.
(ނ) އަނެއް ދުވަހު ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެދުވަހު އެތަނަށް ނުދެވިއްޖެނަމަ ޙައްޖަށް ވާނީ ކިހިނެއްހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: އަނެއްދުވަހު އެެއީ 9 ވަނަ ދުވަހު ދާނީ ޢަރަފާތަށެވެ. އެދުވަހު އެތަނަށް ނުދެވިއްޖެނަމަ ޙައްޖު ކަމަކުނުދާނެއެވެ. އެއީ ޙައްޖުގެ ރުކުނެއް ވީމައެވެ.
(ރ) 9 ވަނަ ދުވަހުގެ ރޭ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އަދި އެތަނަށް ދިއުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: 9 ވަނަދުވަހުގެ ރޭ ދާނީ މުޒްދަލިފާއަށެވެ. އެއީ ވާޖިބެކެވެ.
(ބ) 10 ވަނަ ދުވަހު ޖަމްރާއަށް ހިލައުކާނެ ހެއްޔެވެ؟ އެއީ ކިތައް ޖަމްރާއަށް ހެއްޔެވެ؟
ޖ: 10 ވަނަ ދުވަހު ޖަމްރާއަށް ހިލައުކާނެއެވެ. އެއީ އެންމެ ޖަމްރާއަކަށެވެ. (ހަމައެކަނި ބޮޑު ޖަމްރާއަށެވެ)
(ޅ) 10 ވަނަ ދުވަހު ކުރާނެ ހުރިހާ ވާޖިބު ކަންތައް ކިޔައިދޭށެވެ؟
ޖ: 10 ވަނަ ދުވަހު އަދާކުރާ ވާޖިބުތަކަކީ: ބޮޑުޖަމްރާއަށް އެކަނި ހިލައުކުން / ހަދުޔުކަތިލުން
(ކ) 10 ވަނަ ދުވަހު ކުރާނެ ހުރިހާ ރުކުންތަކެއް ކިޔައިދޭށެވެ؟
ޖ: 10 ވަނަދުވަހު އަދާކުރާ ރުކުންތަކަކީ: ބޯކޮށުން ނުވަތަ ބޯބޭލުން / ޠަވާފުލްއިފާޟާކުރުން / ސަޢުޔު ކުރުން
(އ) ފުރަތަމަ ތަޙައްލުލް ވާނީ ކޮންކަމެއް ކުރުމަށްފަހުގައިހެއްޔެވެ؟
ޖ: ޖަމްރާއަށް ހިލައުކާ ބޯބޭލުމަށްފަހު ފުރަތަމަ ތަޙައްލުލް ވީއެވެ.
(ވ) ދެވަނަ ތަޙައްލުލް ވާނީ ކޮންކަމަކަށް ފަހުގައި ހެއްޔެވެ؟
ޖ: ޠަވާފުލްއިފާޟާ ކޮށް ސަޢުޔު ކުރުމުން ދެވަނަ ތަޙައްލުލް ވީއެވެ.
(މ) 11 12 13 ތިންދުވަހު މިނާގައި ކުރުން ވާޖިބު ކަންކަން ބުނެދޭށެވެ؟
ޖ: 11، 12، 13 ތިން ދުވަހު މިނާގައި ކުރުން ވަޖިބުކަންކަމަކީ: އެތަނުގައި 3 ދުވަހު ރޭކުރުން / ކޮންމެ ދުވަހަކު 3 ޖަމްރާއަށް ހިލައުކުން
(ފ) 13 ވަނަ ދުވަހު މިނާގައި މަޑުނުކުރުން ހުއްދަވާނީ ކިހިނެއްވީމާ ހެއްޔެވެ؟
ޖ: 13 ވަނަ ދުވަހު މިނާގައި މަޑުނުކުރުން ހުއްދަވާ ޙާލަތަކީ 12 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިން މިނާ ދޫކޮށް ދިއުމެވެ.
(ދ) ތިޔަދަރިވަރު ޙައްޖު ނިންމާ ރަށަށްދާން ފުރުމުގެ ކުރިން މައްކާގައި އެންމެ ފަހުން ކުރަންޖެހޭ ކަމަކީ ކޮބައިހެއްޔެވެ؟ އެކަން ކުރުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟
ޖ: މައްކާއިން ފުރުމުގެ ކުރިން އެންމެ ފަހުން ކުރަންޖެހޭ ކަމަކީ ޠަވާފުލްވަދާޢު ކުރުމެވެ. އެކަމުގެ ޙުކުމަކީ ޙައްޖުގެ ވާޖިބެކެވެ.
10) ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [ވިޔަފާރިކުރުން ﷲ ވަނީ ހުއްދަކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމްކުރައްވާފައެވެ] މިއާޔަތުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: މިއާޔަތުން ދޭހަވަނީ: ވިޔަފާރި ކުރުމަކީ މީސްތަކުންނަށް ފައިދާ ހުރި ކަމެއްކަމެވެ. / އަދި ރިބާއަކީ މީސްތަކުންނަށް ގެއްލުންބޮޑު ކަމެއްކަމެވެ.
11) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.] މިއާޔަތުގައި ވިޔަފާރީގެ 3 ނުވަތަ 4 ރުކުނުގެ ތެރެއިން ރުކުނެއްގެ ވާހަކަ އައިސްފައި ވެއެވެ. އެއީ ކޮން ރުކުނެއް ހެއްޔެވެ؟
ޖ: ވިޔަފާރި އެރުކުނަކީ: ދެފަރާތުގެ ރުހުމުގެ ބަހެވެ.
12) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ބާޠިލުގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިއަކަށްވުން މެނުވީއެވެ.] މިއާޔަތުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
ޖ: މިއާޔަތުން ދޭހަވަނީ ވިޔަފާރިކުރުން ހުއްދަކަމެވެ. / ރިބާ އަކީ ބާޠިލުގޮތުގައި މުދާތައް ކެއުން ކަމަށްވީހިނދު އެއީ ދީނުގައި ޙަރާމްކަމެއްކަމެވެ. / ދެފަރާތުގެ ރުހުމުގެ ބަހަކީ ވިޔަފާރީގައި ރުކުނެއްކަމެވެ.
13) ވިޔަފާރި ކުރާ މުދަލުގައި ހުންނަންޖެހޭ ޝަރުތެއް ބުނެދޭށެވެ؟ ވީމާ ވިޔަފާރި ކުރުން ޞައްޙަނުވާނެ މުދަލެއްގެ ނަން ބުނެދޭށެވެ؟
ޖ: މުދަލަކީ ޙަލާލު މުދަލެއްކަމުގައި ވާންޖެހޭނެއެވެ. ވީމާ މަސްތުވާތަކެތި އެއީ ވިޔަފާރިކުރުން ހުއްދަނޫން އެއްޗެކެވެ.
14) ރަހުނު ދިނުމަކީ ދީނުގައި ހުއްދަ ކުރެވިފައި ނުވާ ކަމެއްނަމަ ދިރިއުޅުމުގެ ކަންކަމުގައި ދިމާވާނެ ދަތިތަކާމެދު ވިސްނާލުމަށްފަހު އެކަމެއް ބުނެދޭށެވެ؟
ޖ: ރަހުނު ދިނުމަކީ ދީނުގައި ހުއްދަކަމެއް ނޫންނަމަ މީސްތަކުންގެ ބޭނުންތަކެއް ނުފުއްދޭނެއެވެ. އަތުގައި ފައިސާ ނެތް ނަމަ ދަރަނިދޭނެ މީހަކު ނެތް ނަމަ ދިރިއުޅުމުގެ ކަންކަން ކުރަން ވަރަށް ދަތިވީހެވެ. ވީމާ އަހަރުމެންގެ ކަންކަން ފުއްދައިދިނުމަށް އިސްލާމްދީން ބާރުއަޅައެވެ.
15) ޢަލީގެ އަތުގައި އޮތީ 100 ރުފިޔާ އެކަންޏެވެ. އެކަމަކު ތައުފީޤު ޢަލީއަތުގައި އޮތް 100 ރުފިޔާ ދަރަންޏެއްގެ ގޮތުގައި ކޮންމެހެންވެސް ބޭނުންވެއްޖެއެވެ. ދެން ގަދަކަމުން ބިރުދެއްކުމަށްފަހު ރަހުނެއްގެ ގޮތުގައި ތައުފީޤުގެ އައިފޯނު ޢަލީއަށް ދީފައި 100 ރުފިޔާ އަތުލައިފިއެވެ.
(ހ) އެރަހުނު ބެހެއްޓި ގޮތް ކަމުދާނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ކަމަކުނުދާނެއެވެ. އެއީ މަޖްބޫރުކޮށްގެން ބެހެއްޓީމައެވެ.
(ށ) ޢަލީ އާއި ތައުފީޤާ ދެމީހުންގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ ކޮބައިހެއްޔެވެ؟
ޖ: ބާލިޣުވުން / ބުއްދިސަލާމަތުން ހުރުން / މުދާ ބެލެހެއްޓުމުގެ ކުޅަދާނަކަން ލިބިފައިވުން
16) މިވަގުތު ކެންޓީނު ހިންގަނީ އެންމެ މީހަކު ކުރާ ވިޔަފާރިއެއް ގޮތުގައެވެ. ނަމަވެސް މިކަން ބަދަލުކޮށް 7 އޭ ބީ ގެ ހުރިހާ ކުދިން ބޭނުންވަނީ ކުންފުންޏެއް ހަދައިގެން ކެންޓީނު ހިންގާށެވެ. (ރައުސު މާލު، ޙިއްސާދާރުން، ފައިދާ) މިތިން ބަސް ބޭނުންކޮށްގެން މިކުންފުނި ހަދާނެ ގޮތް ބުނެދޭށެވެ؟ މިގޮތަށް ކެންޓީނު ހިންގަން ފެށުމުން މިވަގުތު ކެންޓީނު ހިންގާ ގޮތާއި ހުރި އެންމެ ބޮޑު ތަފާތަކީ ކޮބައިހެއްޔެވެ؟
ޖ: 7 އޭބީ ގެ ހުރިހާ ކުދިންނަކީ ޙިއްސާދާރުންނެވެ. ހުރިހާ ކުދިންވެސް އެކުއްޖަކަށް ދެވުނު ޢަދަދެއްގެ ފައިސާ ދީގެން ފައިސާތަކެއް އެއްކުރާނީއެވެ. އެފައިސާ އަށް ކިޔަނީ ރައުސުމާލެވެ. ދެން އެފައިސާއިން ކެންޓީނު ހިންގައިގެން ޚަރަދު ކުރިވަރަށް ވުރެ އިތުރަށް ލިބޭ ބަޔަކީ ފައިދާއެވެ. އެފައިދާ ހުރިހާ ކުދިންގެ މެދުގައި ބެހުމަށް ހުރިހާ ކުދިން އެއްބަސް ވާނީއެވެ. އެއީ ކުންފުންޏެވެ.
މިވަގުތު ކެންޓީނު ހިންގާގޮތަކީ ވިޔަފާރިއެވެ. އޭގައި ލިބޭ ފައިދާ ލިބޭނީ އެހިންގާ މީހާއަށް އެކަންޏެވެ. ނަމަވެސް 7 އޭބީ ގެ ހުރިހާ ކުދިން ކުންފުނި ހަދައިގެން ކެންޓީނު ހިންގަން ފެށުމުން ބައިވަރު ކުދިންތަކަކަށް އޭގެ ފައިދާ އެބަކުރެއެވެ. ވީމާ އޭރުން ގިނަ ބަޔަކަށް ފައިސާގެގޮތުން މާލީ ތަނަވަސް ކަން ލިބިގެންދާނެއެވެ.


Thursday, May 16, 2013

revision2 ge jawaabuthah - grade 6

އިސްލާމް / ރިވިޝަން ޕޭޕަރު / ފުރަތަމަ ޓާރމް 2013  / ޢިބާދާތުގެ ބައި، ސީރަތުގެ ބައި، އަޚްލާޤުގެ ބައި
1) ނަޖިސްތަކެތީގެ ގޮތުގައި ކަނޑައެޅިފައިވާ ޢަފޫ ނުވާ ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކުރަންޖެހޭނީ ކޮންކަމެއްހެއްޔެވެ؟
ޖ: އެތަން ދޮންނަން ޖެހޭނެއެވެ.
2) ނަޖިސްތަކުގެ ތެރެއިން ޢަފޫވަނިވި ނަޖިހެއް ގައިގައި ނުވަތަ ހެދުމުގައި ޖެހިއްޖެނަމަ ކަންކުރަންޖެހޭ ގޮތަކީ ކޮބައިހެއްޔެވެ؟ އަދި އެއީ ކީއްވެހެއްޔެވެ؟
ޖ: އެތަން ނުދޮވުނަސް ކަމުދާނެއެވެ. އެއީ އެނަޖިހެއްގެ އަސަރު ގަޔަށް ނުވަތަ ހެދުމަށް ނުކުރާތީއެވެ.
3) މީހަކު ކުނިގޮނޑަށް ވަދެފައި ނިކުންނައިރު އެތަނުގައި ހުންނަ ހިރަފުސް ގައިގައި ހަރުލާފައިހުންނާނެކަން ޔަގީނެވެ. އަދި ނަޖިސްވަސް ދުވުމުން އެނގެނީ ނޭފަތުގައާއި އަދި ގައިގެ އެހެންތަންތަނުގައިވެސް ނަޖިސް ހުންނާނެކަމެވެ. ދެން ގޮނޑަށް ވަދެފައި ގެއަށްދާ ކޮންމެ ފަހަރަކު ފެންވަރަން ޖެހޭނެ ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ފެންވަރާކަށް ނުޖެހޭނެއެވެ. އެއީ އެފަދަނަޖިހުން ރައްކާތެރިވުން އުނދަގޫ ތަކެތީގެ ތެރެއިން ޢަފޫކުރެވިފައިވާ ނަޖިހެވެ.
4) ކުރަފި ހޯނު އުކުނު ފަދަތަކެތީގެ ލޭ ދޮންނަން ޖެހޭ ނަޖިހުގެ ތެރޭގައި ނުހިމެނެނީ ކީއްވެހެއްޔެވެ؟
ޖ: އެއީ އެތަކެތީގައި އޮހޮރޭ ލޭ ނުހުންނާތީވެ އެއީ ޢަފޫވަނިވި ނަޖިހެވެ.
5) ރިޝްވާން އަކީ ދަތުރުވެރިއެއް ނޫނެވެ. އޭނާ ފައި ދޮވެގެން ފުރިހަމަ ވުޟޫއެއް ކުރުމަށްފަހު އިސްޓާކީނަށް އަރައިގެން ސްކޫލަށް ދިޔައެވެ. އަދި މެންދުރުވަގުތު ޖެހުމުން ވުޟޫކުރިއިރު ފައިދޮވުމުނގެ ބަދަލުގައި އިސްޓާކީނުގައި ފެންފުހެގެން ވުޟޫކުރިއެވެ. ގެއަށްދެވުނީ ޢަޞްރުފަހުންނެވެ. އޭރުވެސް ވުޟޫގެއްލޭ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. ވީމާ ރިޝްވާނު ވުޟޫނުކޮށް އިސްޓާކީނުވެސް ނުބާލާ ނަމާދު ކުރިއެވެ. ތިރީގައި ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- ރިޝްވާނުގެ މެންދުރު ނަމާދު ރަނގަޅުހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. (އޭނައަށް އިސްޓާކީނުގައި ފެންފުހެވޭނެއެވެ)
ށ- ރިޝްވާނުގެ ޢަޞްރުނަމާދު ރަނގަޅުހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. (ވުޟޫގެއްލޭ އެއްވެސް ކަމެއް ދިމާނުވަންޏާ އަނެއްކާވުޟޫނުކޮށްވެސް ނަމާދު ރަނގަޅުވާނެ)
ނ- ރިޝްވާނަށް އެގޮތަށް އިސްޓާކީނަށް އަރައިގެން ކިހާދުވަހަކު އިސްޓާކީނުގައި ފެންފުހެވޭނެ ހެއްޔެވެ؟
ޖ: އެއްދުވަހާއި އެއްރެއެވެ. (ދަތުރުވެރިއެއް ނޫންވީމަ)
ރ- މިގޮތަށް އިސްލާމްދީނުގައި މިކަން ހުއްދަ ކުރައްވާފައި އޮތުމުން އެކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ދޭހަވަނީ: އިސްލާމްދީނުގައި މިފަދައިން ކަންކަން ލުއިފަސޭހަ ކޮށްދެއްވާފައިވާކަން
ބ- އިސްޓާކީނުގައި ފެންފުހުން ބާތިލުވާނީ ކިހިނެތް ވީމަހެއްޔެވެ؟
ޖ: އިސްޓާކީނު ބޭލީމައެވެ. ނުވަތަ ދަތުރުވެރިއެއް ނޫންނަމަ އެއްދުވަހާއި އެއްރޭވީމައެވެ. ނުވަތަ ދަތުރުވެރިއެއް ނަމަ ތިންރެއާ ތިންދުވަސްވުމުން ފެންފުހުން ބާތިލު ވާނެއެވެ.
ޅ- އިސްޓާކީނުގައި ނުވަތަ ޚުއްފުގައި ފެންފުހުން ޞައްޙަވުމަށް އޭގައި ހުންނަންޖެހޭ ޝަރުތަކީ ކޮބައިހެއްޔެވެ؟
ޖ: އެޚުއްފެއް ނުވަތަ އެއިސްޓާކީނެއް ތަނބިކައްޓަށް ވުރެ މަތިވާންޖެހޭނެއެވެ.
6) ތަޔައްމުމް ކުރުމަކީ ކޮބާހެއްޔެވެ؟ އަދި އެއީ ކޮންކަމެއް ކުރުމުގެ ބަދަލުގައި ކުރާ ކަމެއް ހެއްޔެވެ؟
ޖ: ތަޔައްމުމް ކުރުމަކީ ވުޟޫކުރުމާއި ހިނައިގަތުމުގެ ބަދަލުގައި ޚާއްޞަވެގެންވާ ޝަރުތުތަކާއެކު މޫނާއި ދެއަތުގައި ވެލިފުހުމެވެ.
7) ތިޔަދަރިވަރު ފެނުގައި ޖެހެން ބޭނުން ނުވުމުން ތަޔައްމުމް ކުރެވޭނެހެއްޔެވެ؟ ތަޔައްމުމް ކުރެވޭނީ ކިހިނެތްވީމާކަން ބުނެދޭށެވެ؟
ޖ: ނުކުރެވޭނެއެވެ. ތަޔައްމުމް ކުރެވޭނީ: ފެންނެތުން / ބައްޔެއްގެ ސަބަބުން ފެންބޭނުންކުރުމަށް އުޒުރުވެރިވުން
8) އާސިމް ވެއްޓި ގައިގެ އެތަންމިތަން މަށައިގެން ދިޔުމުން ޑޮކްޓަރު އޭނާގެ ގައިގައި ބޭސްއަޅުމަށްފަހު، ގައިގެ އެއްވެސް ތަނެއްގައި ފެންޖެއްސުން މަނާކުރިއެވެ. ދެން ތަޔައްމުމު ކުރިފަހުން މަޣްރިބު ނަމާދު ވަގުތުވުމުން ނަމާދު ކުރިއެވެ. އަދި ހަމަ އެތަޔައްމުމްގައި ޢިޝާ ނަމާދު ކުރިއެވެ. ތިރީގައިވާ ސުވާލުތަކަށް ޖަވާބު ލިޔާށެވެ:
ހ- އާސިމްގެ ތަޔައްމުމް އެކުރީ ތަޔައްމުމް ކުރެވޭނެ ކަހަލަ ޙާލަތެއްގައި ހެއްޔެވެ؟ އާއެކޭނަމަ، އޭގެ އިތުރަށް ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟ ނޫނެކޭނަމަ، ތަޔައްމުމް ކުރެވޭނެ ޙާލަތްތައް ކިޔައިދޭށެވެ؟
ޖ:އާއެކެވެ. ޢާސިމް ތަޔައްމުމް އެކުރީ ތަޔައްމުމް ކުރެވޭނެ ކަހަލަ ޙާލަތެއްގައެވެ. އަދި އޭގެ އިތުރަށް ތަޔައްމުމް ކުރެވޭނެ ޙާލަތަކީ ފެންނެތުމެވެ.
ށ- އާސިމްގެ މަޣްރިބު ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: މަޣްރިބު ނަމާދު ރަނގަޅެއް ނޫނެވެ. އެއީ އޭނާ ތަޔައްމުމް ކުރީ މަޣްރިބު ނަމާދުވެގުތު ވުމުގެ ކުރިންނެވެ.
ނ- އާސިމްގެ ޢިޝާނަމާދު ރަނގަޅުހެއްޔެވެ؟ ސަބަބަކީ ކޮބައިހެއްޔެވެ؟
ޖ: ޢިޝާނަމާދުވެސް ރަނގަޅެއްނޫނެވެ. ސަބަބަކީ ކޮންމެ ނަމާދަކަށް ވަކިތަޔައްމުމެއް ކުރަންޖެހޭއިރު އޭނާ ޢިޝާނަމާދުވަގުތު ޖެހުމަށްފަހު ވަކި ތަޔައްމުމް އެއް ނުކުރެއެވެ.
ރ- ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެއްޔާއި ޠާހިރު ވެލީން ތިޔަބައިމީހުން ތަޔައްމުމް ކުރާށެވެ.] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ: ތަޔައްމުމް ކުރުން ދީނުގައި ހުއްދަކަމެއް ކަމެވެ. / ތަޔައްމުމް ޞައްޙަވުމުގެ އެއް ޝަރުތަކީ ފެންނުލިބުންކަން މިއާޔަތުން އެނގެއެވެ. / ކޮންމެ ޙާލަތެއްގައިވެސް ނަމާދު ދޫކޮށްނުލާ ނަމާދުކުރަންޖެހޭ ކަން ދޭހަވެއެވެ. / އިސްލާމްދީނުގައި އަހަރުމެންނަށް ލުއިފަސޭހަގޮތް ކަނޑައަޅުއްވާދެއްވާކަން ދޭހަވެއެވެ.
ބ- ތަޔައްމުމް ކުރުމުގެ ކުރިން ހަށިގަނޑުގައި ހުރުން ލާޒިމް ޝަރުތެއް ބުނެދޭށެވެ؟
ޖ: ހަށިގަނޑުގައި އެއްވެސް ނަޖިހެއް ހުރެގެންނުވާނެއެވެ.
ޅ- ތަޔައްމުމް ކުރުމުގެ ކުރިން ވެލީގައި ހުންނަން ޖެހޭ 2 ޝަރުތު ބުނެދޭށެވެ؟
ޖ: ވެލި ހިރުފުސް ސާފުވެއްޔަށް ވާންވާނެއެވެ. / އެއްފަހަރު ބޭނުންކޮށްފައިވާ ވެއްޔަށް ވެގެން ނުވާނެއެވެ.
9) ދެޢީދު ދެނަމާދު ކުރުމަށް ޤުރުއާނުގެ ދަލީލަކާއި އަދި ރަސޫލާގެ ސުންނަތުގެ ދަލީލެއް ކިޔައިދޭށެވެ؟
ޖ: ދެޢީދު ދެނަމާދު ކުރުމުގެ ޤުރުއާނުގެ ދަލީލު: ކައުޘަރު ސޫރަތުގެ 2ވަނަ އާޔަތުގެ މާނައިގައިވެއެވެ: [ފަހެ ކަލޭގެފާނުގެ ވެރި އިލާހަށް ނަމާދުކުރައްވާށެވެ. އަދި ޤުރުބާންކުރައްވާށެވެ]
ޙަދީޘްގެ ދަލީލު: އެކަލޭގެފާނު ދުވަހަކުވެސް ޢީދުނަމާދު ދޫނުކުރައްވައެވެ.
10) އަންހެނުންނަށާއި ފިރިހެނުންނަށާއި ކުޑަކުދިންވެސް ޢީދު ނަމާދަށް ދިއުމަށް ރަސޫލާވަނީ އަމުރުކުރައްވާފައެވެ. މިކަމުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: މިކަމުން ދޭހަވަނީ ޢީދުނަމާދު މުހިންމުކަމެވެ. / ޢީދުނަމާދަކީ ގަދަވެގެންވާ ސުންނަތެއް ކަމެވެ.
11) ދިވެހިރާއްޖޭގައި ކުޑަޢީދުގައިވެސް އަދި ބޮޑުޢީދުގައިވެސް ޢީދުނަމާދު ކުރަނީ ގަޑިން 7:30 ގައެވެ. ދީނުގައި ޢީދުނަމާދު ކުރުމަށް އަންގަވަނީ ކޮންވަގުތަކު ހެއްޔެވެ؟ ދިވެހިރާއްޖޭގައި ކުރާޢީދުނަމާދު ރަނގަޅުވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: އިރު ކޮންތި އަކަށް އެރީމައެވެ. ދިވެހިރާއްޖޭގައި ކުރާޢީދުނަމާދު 7:30 ގައި ކުރިއަސް ރަނގަޅުވާނެއެވެ. އެއީ ހެނދުނުވަގުތުގައި ކުރުމުން ރަނގަޅުވާނެތީ އެވެ.
12) ޢީދުނަމާދާއި ހުކުރުނަމާދާއި އިސްތިސްޤާ ނަމާދުގައި އެއްގޮތް ކަންތައްތަކަކާއި ތަފާތުވާ ކަންތައްތަކެއް ވެއެވެ. މިތިންނަމާދުގެ އެއްގޮތްކަމަކީ ކޮބާހެއްޔެވެ؟ އަދި މިތިން ނަމާދުގެ ތަފާތެއް ކިޔައިދޭށެވެ؟
ޖ: މިތިން ނަމާދުގެ އެއްގޮތްކަމަކީ: ތިންނަމާދުގައިވެސް ކުރަނީ 2 ރަކްޢަތެވެ. ތިން ނަމާދުގައިވެސް ޚުތުބާއެއް ކިޔައެވެ.
ތަފާތު ކަންކަމަކީ: ތަފާތުވަނީ ކުރާވަގުތުގައެވެ. ހުކުރު، ކޮންމެ ހުކުރުދުވަހަކު މެންދުރުއެވެ. ޢީދު، ދެޢީދު ދެދުވަހު ހެނދުނުއެވެ. އިސްތިސްޤާ ނަމާދު ފެނަށް ދަތިވާ ވަގުތުގައެވެ.
13) ތަރާވީޙުނަމާދަކީ ކޮންމަހެއްގައި ކުރާނަމާދެއްހެއްޔެވެ؟
ޖ: ރަމަޟާންމަހު ކުރާ ނަމާދެކެވެ. (ރޯދަމަހު)
14) ޔޫނުސް ރޯދަމަހު ދަންވަރު ތެދުވެ ތަރާވީޙުނަމާދު އެކަނިކުރިއެވެ. ޔޫނުސް އެކަނި އެނަމާދުކުރުމުން ނަމާދު ރަނގަޅުހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ރަނގަޅުވާނެއެވެ. އެއީ ތަރާވީޙްނަމާދު ޖަމާޢަތުގައިވެސް އަދި އެކަނިވެސް ކުރެވޭނެއެވެ.
15) ރަސޫލާ ޙަދީޘްކުރެއްވިއެވެ: ((مَن قَامَ رَمَضَانَ إِيْـمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ﷲ ގެ ޙަޟްރަތުން ޘަވާބުލިބުމަށް އެދި އިޚްލާޞްތެރި ކަމާއެކު ރޯދަމަހުގެ ރޭއަޅުކަމުގައި ޤާއިމްވެ ހުރެއްޖެ މީހާގެ އިސްވެދިޔަ ފާފަތައް އެކަލާނގެ ފުއްސަވާނެތެވެ.] މިޙަދީޘުން ދޭހަވާ 3 ކަމެއް ބުނެދޭށެވެ؟
ޖ: ދޭހަވަނީ: ތަރާވީޙްނަމާދުގެ މާތްކަމާއި މަތިވެރިކަން / ތަރާވީޙްނަމާދަކީ ފާފަފުއްސަވާ ނަމާދެއްކަން / ނަމާދުކުރުމުގައި އިޚްލާޞްތެރިވުމުގެ މުހިންމުކަން / އިޚްލާޞްތެރިނުވާނަމަ އަޅުކަން ޤަބޫލުނުކުރެވޭނެކަން
16) "އިސްތިސްޤާ" އާއި "އިސްތިސްޤާ ނަމާދު" ގެ މާނައިގައި ހުރި ތަފާތަކީ ކޮބައިހެއްޔެވެ؟
ޖ: އިސްތިސްޤާ އަކީ ފެނަށް ދަތިވުމުން ފެނަށް އެދި ދުޢާކުރުމެވެ. އިސްތިސްޤާ ނަމާދަކީ ފެނަށްދަތިވުމުން ފެނަށް އެދި ދެއްނެވުމުގެ ގޮތުން ކުރާ ދެ ރަކްޢަތުގެ ނަމާދެކެވެ.
17) މާލެއަށް ވާރޭނުވެހި ދަތިވުމުން އިސްލާމިކް މިނިސްޓްރީން އިސްތިސްޤާ ނަމާދު ކުރުމަށް ނިންމައިފިއެވެ. މާލޭގައި އިސްތިސްޤާ ނަމާދު ކުރުން އެންމެ ރަނގަޅުވާނެ ތަންތަނުގެ ތެރެއިން ތަނެއް ބުނެދޭށެވެ؟ ތިޔަދަރިވަރު އެނަމާދަށް ނުގޮއްސިނަމަ ފާފަވެރި ވާނެހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: ސްޓޭޑިއަމްއެވެ. ނުދިޔަޔަސް ފާފަވެރިއެއް ނުވާނެއެވެ. އެއީ ސުންނަތަކަށް ވީމައެވެ.
18) ސާރާގެފާނުގެ ވާހަކައިން އެކަމަނާ އިބްރާހިމްގެފާނަށްޓަކައި ޤުރުބާން ކުރެއްވި އަމިއްލަ އެދުމެއް ބުނެދޭށެވެ؟
ޖ: އެއީ އެކަމަނާގެ އަޅުއަންހެނެއް ކަމަށްވާ ހާޖަރު އާ އިބްރާހީމް ކައިވެނި ބައްލަވައިގަތުމަށް އެދި ދެންނެވުމެވެ.
19) ސާރާގެފާނާއި އިބްރާހީމްގެފާނާ ދެބޭފުޅުންނަށް ﷲ ދެއްކެވި އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެއްކެއް ބުނެދޭށެވެ؟
ޖ: އެދެބޭފުޅުންވެސް ވަރަށް މުސްކުޅިފުޅު ވެފައިވަނިކޮށް ﷲ އެދެބޭފުޅުންނަށް ދަރިއަކުދެއްވިއެވެ.
20) ސާރާ ބިންތު ހާރާނު ހައްރާނުން ހިޖުރަކުރެއްވީ ކޮންތަނަކަށް ހެއްޔެވެ؟ އެހިޖުރަ ކުރެއްވީ ކީއްވެހެއްޔެވެ؟
ޖ: މިޞްރަށެވެ. އެއީ ހައްރާނަށް ކުރިމަތިވި ހަނަފަސްކަމާއި ތަދުމަޑުކަމުން ސަލާމަތްވެވަޑައިގަތުމަށެވެ.
21) ސާރާ ބިންތު ހާރާނު ގެ ޢިއްފަތްތެރިކަން ހާމަވާ ވާހަކައެއް ކިޔައިދޭށެވެ؟
ޖ: ފިރުޢައުނު އެކަމަނާއާ އެކަހެރިކޮށް ބައްދަލުކުރެއްވި ނަމަވެސް އެކަމަނާ ފިރުޢައުނުގެ މުއްސަދިކަމާއި ޖާހަށް (ވެރިކަމަށް) ހެއްލިވަޑައިނުގެން ރައްދުކުރެއްވިއެވެ.
22) ހާޖަރުގެފާނުގެ ކެތްތެރިކަމާއި ޢަޒުމްވަރުގަދަކަމާއި އީމާންކަމުގެ ވަރުގަދަކަން އަންގައިދޭ ޙާދީޘާ އެއް ކިޔައިދޭށެވެ؟
ޖ: އެއީ އިބްރާހީމްގެފާނު އެކަމަނާ އާއި އެކަމަނާގެ ތުއްޕުޅުދަރިކަލުން އިސްމާޢީލު މައްކާގެ ހަނަފަސް ސަހަރާއަށްވެސް ދޫކޮށްލައްވާ ވަޑައިގަތުމުންވެސް އެއީ ﷲ ގެ އަމުރުފުޅެއްކަން އެނގިވަޑައިގެންނެވުމުން އެކަމާ އެއްވެސް ޝަކުވާއެއް ނުކުރައްވާ ކެތްތެރިވަޑައިގެން ﷲ ގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަމުގެ ޢަޒްމުގައި ހުންނެވިއެވެ.
23) ހާޖަރުގެފާނަކީ އިބްރާހީމްގެފާނާ ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ކޮން ދަރަޖައެއްގެ ބޭކަނބަލެއްހެއްޔެވެ؟ އަދި މިކަމުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އެއީ އަޅުއަންހެން ބޭކަނބަލެކެވެ. މިކަމުން ދޭހަވަނީ : އިސްލާމްދީނުގައި ޢިއްޒަތާއި ޝަރަފު ކަނޑައަޅަނީ މީހާގެ ހަސަބާނަސަބުން (ދުނިޔޭގައި އޭނާ ހުންނަ ދަރަޖަ) އަކުން ނޫންކަން އަދި އެކަން ކަނޑައަޅަނީ މީހާގެ އީމާންތެރިކަމުންނެވެ. / އަދި މިކަމުން ދޭހަވާ އެހެންކަމަކީ އިބްރާހީމްގެފާނު އިންސާނިއްޔަތަށް ހުންނަ އޯގާތެރިކަމެވެ.
24) ހާޖަރުގެފާނާއި އިސްމާޢީލުގެފާނު މައްކާ އަށް ވަޑައިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަނަށް އެތައް ޤަބީލާތަކެއް އައިސް އެތަން އާބާދުވުމުގެ މަގު ﷲ ތަނަވަސްކޮށްދެއްވިއެވެ. އެމަގު ﷲ ތަނަވަސްކޮށްދެއްވީ ކިހިނެއްހެއްޔެވެ؟
ޖ: އެމަގު ﷲ ތަނަވަސްކޮށްދެއްވީ އިސްމާޢީލްގެފާނުގެ ފައިންޕުޅުން ނެރެދެއްވި ފެންއާރަކުންނެވެ. / ޒަމްޒަމް ފެނުންނެވެ.
25) އާސިޔަތުގެ އީމާންކަމުގެ ވަރުގަދަކަން ހާމަވާ ގޮތެއްބުނެދޭށެވެ؟
ޖ: އާސިޔަތަށް ފިރުޢައުނު ތަފާތު އަނިޔާތައް ދިނުމުންވެސް އެކަމަނާ ﷲ އަށް އޮތް އީމާންދޫކޮށް ނުލައްވައެވެ. އަދި އެކަމަށްޓަކައި ފުރާނަފުޅުވެސް ޤުރުބާންކުރެއްވިއެވެ.
26) އާސިޔަތުގެ ފިރިކަލުން އަންހެން ކުދިން ނުމަރާ ހަމައެކަނި ފިރިހެން ކުދިން މެރީ ކީއްވެހެއްޔެވެ؟ އަދި ފިރިހެންކުދީންގެ ތެރެއިން ހަމައެކަނި ބަނީއިސްރާއީލްގެ ކުދިން މެރީ ކީއްވެހެއްޔެވެ؟
ޖ: އެއީ ރަސޫލުންނާއި ނަބީން އަންނަނީ ފިރިހެނުންގެ ތެރެއިން ކަމަށްވާތީއެވެ. އަދި ބަނީއިސްރާއީލްގެ ކުދިން އެކަނި މެރީ މޫސާގެފާނު އަންނާނެ ކަމަށްވަނީ ބަނީއިސްރާއިލުގެ ދަރިފަސްކޮޅުން ކަމަށްވާތީއެވެ.
27) މަރިޔަމް ބިންތު ޢިމްރާނުގެ ޢިއްފަތްތެރިކަން ހާމަކޮށްދޭ ޙާދިޘާ އެއް ބުނެދޭށެވެ؟
ޖ: މަރިޔަމްގެފާނު ގެ އަރިހަށް ޖިބްރީލްގެފާނު ފިރިހެނެއްގެ ސިފައިގައި ވަޑައިގެންނެވުމުން އެއީ ކާކުކަން އެނގިވަޑައިނުގެން ވިދާޅުވިއެވެ: ތިބާގެ ކިބައިން ތިމަން ރައްކާތެރިކޮށްދެއްވުން ﷲ ގެ ޙަޟްރަތުން އެދެމެވެ.
28) މަރިޔަމްގެފާނު ތުއްޕުޅު ޢީސާގެފާނު ވިހައިގެން ޔަހޫދީންގެ ތެރެއަށް ނިކުތުމުން އެމީހުން އެކަމަނާގެ ބޮލުގައި ތަފާތު ތުހުމަތުތައް އެޅުވިއެވެ. ނަމަވެސް ﷲ އެމީހުންގެ އެތުހުމަތުތަކުން އެކަމަނާ ސަލާމަތްކޮށްދެއްވުމުގެ ގޮތުން ޔަހޫދީންނަށް ވަރަށް އާދަޔާޚިލާފުކަމެއް ދެއްކެވިއެވެ. އެކަމަނާ އެކަމުން ސަލާމަތް ކޮށްދެއްވި ގޮތް ކިޔައިދޭށެވެ؟
ޖ: ތުއްޕުޅު ޢީސާ އެމީހުންނާ ވާހަކަދެއްކެވިއެވެ. އަދި ޙަޤީޤަތް އެމީހުންނަށް ބަޔާންކޮށްދެއްވިއެވެ.
29) ކަރާމާތަކީ ރަސޫލުންނާ ނަބީބޭކަލުން ނޫން އެހެން މީހުންނަށް ﷲ ދައްކަވާ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެވެ. ރަސޫލުބޭކަލުންނާ ނަބީބޭކަލުންނަށް ދައްކަވާ އާދަޔާ ޚިލާފު ކަންތައްތަކަށް ކިޔަނީ މުޢުޖިޒާތެވެ. މަރިޔަމްގެފާނަށްވެސް ﷲ ވަނީ ވަރަށް އާދަޔާ ޚިލާފު ކަންތައްތަކެއް ދައްކަވާފައެވެ. އެކަންކަމަށް ކިޔާނީ މުޢުޖިޒާތް ހެއްޔެވެ؟ އެއީ ކީއްވެހެއްޔެވެ؟
ޖ: އެއީ މުޢުޖިޒާތެއް ނޫނެވެ. އެއީ މަރިޔަމްއަކީ ރަސޫލެއް ނުވަތަ ނަބީއެއްވެސް ނޫނެވެ.
30) މަރިޔަމްގެފާނަށް ދެއްކެވި އާދަޔާޚިލާފު ކަންކަމަށް ކިޔާނީ ކޮންނަމެއްހެއްޔެވެ؟ އެފަދަ ކަންކަމުގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ކަންތައް ބުނެދޭށެވެ؟
ޖ: އެއީ ކަރާމާތެވެ. އެކަމަނާއަށް ދެއްކެވި އެންމެ އާދަޔާ ޚިލާފު ކަމަކީ ފިރިހެނެއްގެ ގައިގައި ނުބީހެނީސް ދަރިކަލަކު ލިބުމެވެ.
31) މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާމެދު ނަޞާރާއިންނާއި މުސްލިމުން ޤަބޫލުކުރާގޮތް ތަފާތެވެ. އެތަފާތު ބުނެދޭށެވެ؟
ޖ: މުސްލިމުން ދެކެނީ އެއީ ﷲ ގެ ކުޅަދުންވަންތަކަމުން ބައްޕައަކާ ނުލާ ދެއްވި ދަރިއެކެވެ. އަދި އެއީ ﷲ ގެ އަޅެކެވެ. އަދި ރަސޫލެކެވެ. ނަމަވެސް ނަޞާރާއިން ޤަބޫލުކުރަނީ އެކަލޭގެފާނު ދުނިޔެއަށް އުފަންވީ ބައްޕައަކު ނެތި ކަމަށްވުމާއިއެކު އެކަލޭގެފާނަކީ ﷲ ގެ ދަރިކަލެއްކަމަށެވެ. އެގޮތުން އެމީހުން އެކަލޭގެފާނު ވެސް އިލާހަކަށް ހަދައެވެ.
32) ޢީސާގެފާނާއި މެދު ނަޞާރާއިން ބުނާގޮތަކީ ވަރަށް ހަމަނުޖެހޭ ބާޠިލް ގޮތެއްކަން ބުއްދިން އެކަނި ވިސްނާލިޔަސް އެނގެއެވެ. އެއީ ކިހިނެތްކަން ބުނެދޭށެވެ؟
ޖ: އެއީ ޢީސާގެފާނު ބައްޕައަކު ނެތި އުފަންވުމުން އެއީ ﷲ ގެ ދަރިކަލެކޭ ބުނާކަމުގައި ވާނަމަ ، އެގޮތަށް އާދަމްގެފާނާއި މެދު ބުނުން މާރަނގަޅުވާނެއެވެ. އެއީ އާދަމްގެފާނަކީ މަންމައެއްވެސް ބައްޕައެއްވެސް ނެތި އައި ފުރަތަމަ އިންސާނާއެވެ. / އަދި ދަރިއެއް ލިބުމަކީ އިލާހުވަންތަކަމާ އެކަށީގެންނުވާ އައިބު ސިފައެކެވެ. ﷲ އެންމެ މަތިވެރި އެންމެހާ އައިބު ސިފަތަކުން ހުސްޠޯހިރުވަންތަ އިލާހެވެ.
33) ފާޠިމަތުގެފާނަކީ މިއުންމަތުގެ އަންހެން ބޭކަނބަލުންނަށް ވާ ނަމޫނާ ބޭކަނބަލަކަށް ވަނީ ކީއްވެގެންކަން ބުނެދޭށެވެ؟
ޖ: އެއީ އެކަމަނާ ތަރުބިއްޔަތުވެ ވަޑައިގެންނެވީ ސީދާ ރަސޫލާގެ އަރިހުގައެވެ. އަދި އެކަމަނާއަކީ ރަސޫލާއަށް ވަރަށް ފުރިހަމައަށް ތަބަޢަވެ ވަޑައިގެންނެވި ބޭކަނބަލެކެވެ.
34) ފާޠިމަތުގެފާނުގެ ފިލާވަޅުން ތިޔަދަރިވަރަށް ލިބޭ 5 ފިލާވަޅެއް (މޯރަލް) ބުނެދޭށެވެ؟
ޖ: ފިލާވަޅުތަކަކީ: ﷲ އަށާއި ރަސޫލާއަށް ކިޔަމަންތެރިވުމުގެ މުހިންމުކަން / ކިތަންމެ ބުރަކޮށް އުޅުނަސް ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުން / ގޭތެރޭގެ މަސައްކަތް އަމިއްލަ އަށް ކުރުން / ފިރިމީހާއާއި ދަރިންގެ ކަންކަންވެސް އަމިއްލައަށް އަދާކުރުން / މަންމައާއި ބައްޕަގެ ޚިދުމަތުގައި ދެމިހުރުން / ދުނިޔޭގެ އުނދަގޫތަކަށް ކެތްތެރިވުން
35) އުންމު އައިމަން މާތް އަންހެން ބޭކަނބަލަކަށް ވި 4 ސަބަބެއް ލިޔާށެވެ؟
ޖ: އެކަމަނާ ރަސޫލާ ތުއްޕުޅު އިރުއްސުރެ ގެންގުޅެ ބޮޑުކުރެއްވީމަ / ރަސޫލާ އެކަމަނާ މިނިވަން ކުރެއްވުމުންވެސް ރަސޫލާގެ އަރިހުގައި ޚިދުމަތް ކުރެއްވުމަށް މަޑުކުރަން ނިންމުން / ހަނގުރާމަ ތަކުގައިވެސް ރަސޫލާގެ އަރިހުގައި ލަޝްކަރަށް ޚިދުމަތް ކުރެއްވުމަށް ހުންނެވުން / ހަނގުރާމައިގައި ޒަޚަމްވާ މީހުންނަށް ބޭސްފަރުވާ ކޮށްދެއްވުން
36) ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ: [އޭ އީމާންވީ މީހުންނެވެ! އެކަލާނގެއަށް ތަޤްވާވެރިވުން ޙައްޤުގޮތުގައި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ!] ތަޤްވާވެރިވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ އަދި ތިޔަދަރިވަރު ތަޤްވާވެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައް ބުނެދޭށެވެ؟
ޖ: ތަޤްވާވެރިވުމަކީ ބިރުވެތިވެ ރައްކާތެރިވުމެވެ. އަޅުގަނޑު ތަޤްވާވެރިވުމަށްޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުވާން ޖެހޭނެއެވެ.
37) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރިގޮތުގައި ކަންތައް ކުރުމަށެވެ] މިއާޔަތުން ދޭހަވާކަމެއް ބުނެދޭށެވެ؟
ޖ: ޢަދުލުވެރިވުމަކީ ވާޖިބެއްކަން / ރަސޫލާވެސް ކަންކަން ކުރައްވަނީ ﷲ ގެ އަމުރުފުޅާ އެއްގޮތަށްކަން އަދި އަމިއްލަފުޅަށް ނޫންކަން
38) އިސްލާމްދީނަކީ އެންމެ ޢަދުލުވެރި ދީންކަމުގައި ވަނީ ކީއްވެގެން ހެއްޔެވެ؟
ޖ: އެއީ އެންމެ ހަރުދަނާ އުޞޫލުތަކާއި ޤަވާޢިދުތައް ހުރީ އެދީނުގައި ކަމަށްވާތީއެވެ.
39) ފޮތުގައި ތެދުވެރިކަމާ ބެހޭ ގޮތުން އޮވެއެވެ: [ތެދުވެރިކަން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހެޔޮކަންތައް ސުވަރުގެއަށް މަގުދައްކައެވެ] މިއީ ޤުރުއާނުގެ އާޔަތެއް ހެއްޔެވެ؟ ނުވަތަ ރަސޫލާގެ ޙަދީޘްފުޅެއްހެއްޔެވެ؟ އަދި ބަސްފުޅުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: މިއީ ޤުރުއާނުގެ އާޔަތެއް ނޫނެވެ. މިއީ ރަސޫލާގެ ޙަދީޘްފުޅެކެވެ.
މިބަސްފުޅުން ދޭހަވަނީ: ތެދުވެރިކަމުގެ މުހިންމުކަމެވެ. / ތެެދުވެރިކަމަކީ ސުވަރުގެއަށް ގެންގޮސްދޭ ކަމެއްކަމެވެ.
40) ތިޔަދަރިވަރު އަމާނާތްތެރި ކުއްޖަކަށް ވުމަށްޓަކައި ކުރެވިދާނެ ތަފާތު 3 ކަމެއް ބުނެދޭށެވެ؟
ޖ: އަޅުގަނޑު އަމާނާތްތެރިވުމަށްޓަަކައި ކުރެވިދާނެ ކަންކަން: މީހަކު އަޅުގަނޑުގެ އަތަށް ރައްކާކުރަން ދޭ އެއްޗެއް ސަލާމަތުން އަނބުރާ އޭނާއަށް ރައްދުކުރުން / އަޅުގަނޑަށް ދަސްވާ ކަންތައްތައް އެހެންމީހުންނަށް ކިޔައިދިނުން، ޚާއްޞަކޮށް އަޅުގަނޑުގެ ކޮއްކޮމެންނަށް އެތަކެތި ކިޔައިދީ އެކުދިންނަށް ދަސްކޮށްދިނުން / އަޅުގަނޑު އެޅޭ ވެށި ހަލާކުވެދާނެކަހަލަ ކަންކަން މިސާލަކަށް ޕްލާސްޓިކް ތަކެތި މޫދަށާއި އެއްގަމަށް ނުއުކުން
41) ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [ހަމަކަށަވަރުން އަމާނަތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ] މިއާޔަތުން ދޭހަވާ ކަމެއް ބުނެދޭށެވެ؟
ޖ: އާޔަތުން ދޭހަވަނީ: އަމާނާތްތަކަށް ރައްކާތެރިވުމަކީ ވާޖިބެއްކަން / ޚިޔާނާތްތެރިވުމަކީ ގޯސްކަމެއްކަން- ދީނުގައި ހުއްދަކަމެއް ނޫންކަން / އިސްލާމްދީނަކީ ހުރިހާ މީހުންނަށްވެސް ފައިދާހުރި ރަނގަޅުގޮތަށް އަމުރުކުރައްވާ ދީނެއްކަން