Monday, April 8, 2013

surat Ghaashiya - gr11

ސޫރަތުލް ޣާޝިޔާ ގެ އިޖްމާލީ މާނަ / އިސްލާމް / ގްރޭޑް 11
ސޫރަތުގެ މާތްކަން: ރަސޫލާ صلى الله عليه وسلم ސޫރަތުލްއަޢުލާ އާއި ސޫރަތުލް ޣާޝިޔާ ޢީދު ނަމާދުގައާއި ހުކުރު ނަމާދުގައި ކިޔުއްވާކަމުގައިވެއެވެ.
ސޫރަތުގެ މައުޟޫޢު: ޤިޔާމާތް ދުވަހުގައި ނަރަކައަށް ދާމީހުންގެ ބައެއް ޙާލަތްތަކާއި ސުވަރުގެއަށް ދާމީހުންގެ ބައެއް ޙާލަތްތަކެވެ.
ސޫރަތުގެ މާނަ:
ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން (ފަށައިގަންނަމެވެ).
1- [ބަރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެން އަންނާނޭ ކަންތަކުގެ ވާހަކަ (އެބަހީ: ޤިޔާމަތުގެ ވާހަކަ) ކަލޭގެފަނާ ހަމައަށް އައިސްފައި ވޭތޯއެވެ؟]
* ކަންތަކުގެ ވާހަކަ ގެނައުމުގެ ކުރިން ސުވާލެއް ކުރެއްވުމުގެ ބޭނުމަކީ: ސަމާލުކަން ހޯއްދުން، ޝައުޤުވެރިކުރުވުން، ދައްކަން އުޅޭވާހަކައިގެ މުހިންމުކަން ހާމަކޮށްދިނުން
* ޣާޝިޔާ އަކީ ޤިޔާމަތް ދުވަހަށް ކިޔޭ ނަންތަކުގެ ތެރެއިން ނަމެވެ.
2- [އެދުވަހުން ދެރަވެ، ނިކަމެތިވެގެންވާ މޫނުތަކެއްވެއެވެ.]
* މޫނުތަކުގެ މާނަ: މީހުން
* ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން މޫނު މިތަނުގައި އައިސްފައިވުމުގެ ބޭނުން: އެއީ އިންސާނާގެ ދެރަވެ ނިކަމެތިވުމާއި އުފާވުމުގެ ޝުޢޫރު ފާޅުކޮށްދީ ދައްކުވައިދޭ ގުނަވަނެވެ.
* މިތަނުގައިވާ "އެދުވަހުން" އެއީ ޤިޔާމަތް ދުވަހެވެ. އެކަން އެނގެނީ ތިރީގައިވާ އާޔަތްތަކުންނެވެ.
3- [މަސައްކަތްތެރި ވަރިބަލި މޫނުތަކެކެވެ.]
* މާނައީ: ދުނިޔޭގައި ބޭކާރުކޮށް ގިނަހެޔޮޢަމަލުތައް ކޮށް ވަރުބަލިވެފައިވާ މީހުންނެވެ. (މިސާލަކަށް ނަޞާރާއިން ނާއި ޔަހޫދީންގެ އަޅުވެރިމީހުންނެވެ.)
4- [ހޫނުކަން ގަދަވެގެންވާ ނަރަކައަށް އެބައިމީހުން ވަންނާނެއެވެ.]
* ވީމާ އަދި ހަމަ ހެޔޮޢަމަލުތަކެއް ކުރުމަކުން ސުވަރުގެއަކަށް ނުދެވޭނެއެވެ. ކުރެވޭ ހެޔޮޢަމަލަކުން ޤިޔާމަތްދުވަހު ފައިދާވުމަށްޓަކައި 2 ޝަރުތެއް ކޮންމެ ޢަމަލެއްގައި ފުރިހަމަވާންޖެހޭނެއެވެ: ފުރަތަމައީ؛ އެޢަމަލީ ހަމައެކަނި ﷲ އަށްޓަކައި ކުރެވުނު ކަމަކަށް ވުމެވެ. ދެވަނައީ؛ ރަސޫލާ صلى الله عليه وسلم އަހަރުމެންނަށް އެކަމެއް ކުރުމަށް ދަސްކޮށްދެއްވި ގޮތަށް އެކަމެއް ކުރުމެވެ.
5-6- ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެބައިމީހުންނަށް ބޯންދެވޭނެއެވެ.] [ކަށިހުރި ވިހަމޭވާ އަކުން މެނުވީ އެބައިމީހުންނަކަށް ކާނާއެއް ނުވެއެވެ.]
* މިއާޔަތްތަކުން ދޭހަވެއެވެ: ޤިޔާމަތްދުވަހުންވެސް އިންސާނާ ފެންބޮވާ ބަނޑުހައިވާނެއެވެ.
* އެދުވަހުގައި ޢަޛާބުތައް އެތައްގޮތަކުން ބޮޑުވެގެންދެއެވެ. ބަނޑުހައިވުމަކީ އަދި ފެންބޮވައިގަތުމަކީވެސް ޢަޛާބެކެވެ. އަދި އެކަންފިލުވުމަށް ބޭނުންވާނެ އެއްޗަކަށް ދަހިވެތިވެ ކެއްނުވުންވެސް އެއީ ޢަޛާބެކެވެ. އަދި ދަހިވެތިކަމާ ކެތްނުވުމުގެ ސަބަބުން ހޫނުފެނާއި ކަށިހުރި ވޭންދެނިވި އެއްޗެއް އަމިއްލައަށް ކާންބޭނުންވުންވެސް އެއީ ޢަޛާބެކެވެ. އަދި ވޭންދެނިވި ތަކެތި ކެއުމުން އެލިބިގެންދާ ވޭނަކީވެސް ޢަޛާބެކެވެ. އަދި އެކަމުން ސަލާމަތްނުވެ އެކަން އެޢަޛާބާއިއެކު އުފުލުމަކީވެސް ޢަޛާބެކެވެ. އަދި ބޭނުންވި ކަންކަން އެއްވެސް ވަރަކަށް ނުފުދުންވެސް އެއީ ޢަޛާބެކެވެ.
7- [(އެކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެއެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.]
* އެއްޗެއް ކެއުމުގެ 2 ބޭނުމެއްވެއެވެ: ބަނޑުހައިކަން ފިލުވުން އަދި ހަށިގަނޑުގައި ބާރުޖެއްސުމެވެ. މިދެކަމުން ކުރެ އެއްވެސް ކަމެއް ޙާޞިލްނުވާނެއެވެ.
8- [އެދުވަހުން ނިޢުމަތް ލިބިގެންވާ އުފަވެރި މޫނުތަކެއް ވެއެވެ]
* އެދުވަހަކީ އެއީ ޤިޔާމަތްދުވަހެވެ. އެކަން އެނގެނީ މިއާޔަތުގެ ތިރީގައިވާ ވާހަކަތަކުންނެވެ.
* މޫނުތަކަކީ؛ މީހުންގެވާހަކައެވެ. އަދި މޫނުގެނެސްފައިވަނީ އުފާވެރިކަމުގެ ޝުޢޫރު ފާޅުކޮށްދޭނީ މޫނުންކަމަށް ވާތީއެވެ.
9- [ދުނިޔޭގައި އެބައިމީހުން ކުޅަ މަސައްކަތަށް ރުހިގެންވެއެވެ]
10- [މަތިވެރިވެގެންވާ ސުވަރުގޭގައެވެ]
* ދޭހަވަނީ: ސުވަރުގޭގެ އަހުލުވެރިންގެ ކޮޓަރިތައް ހުންނާނީ އުފުލިގެންކަމެވެ.
11- [(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެއެވެ]
* ދޭހަވަނީ: އެތާނގައި އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާނެކަމެވެ.
12-16 [ހިނގަހިނގައި ހުންނަ ފެންއާރެއް އެތަނުގައިވެއެވެ] [އުފުލިގެންވާ ދާންތައް އެތަނުގައިވެއެވެ] [އަދި ބެހެއްޓިގެންވާ ތަށިތަކާއިއެވެ] [އަދި އެތުރިގެންވާ ބާލީސްތަކެވެ] [އަދި ފެތުރިގެންވާ ދޫލަތަކާއިއެވެ]
17- [ފަހެ ޖަމަލު (ހައްދަވައިފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު އެބައިމީހުން ޖަމަލަށް ނުބަލަނީ ހެއްޔެވެ؟]
* މިތަނުގައި ބެލުމުގެ ވާހަކައިގެ މާނައަކީ: ޚަލްޤުތަކާއި މެދު ވިސްނާ ފިކުރުކުރުމެވެ.
* ޖަމަލުގެ ވާހަކަ ޚާއްޞަ ކުރައްވާފައިވާ މިސާލުޖެއްސެވުމުގެ ސަބަބަކީ: ޤުރުއާން ބާވާލައްވަމުން ދިޔައީ ޢަރަބިންގެ ތެރެއިން އައިސްފައިވާ ރަސޫލަކަށެވެ. އެއީ ޢަރަބިންގެ ތެރޭގައި އެންމެ ޢާއްމު ޖަނަވާރު ކަމަށް ވީތީއެވެ. އަދި ޖަމަލަކީ އެހެން ޖަނަވާރުތަކާއި ޚިލާފު ޚާއްޞަ އެތައް އަޖައިބުވަނިވި ކަންތައްތަކެއް ލިބިގެންވާ ޖަނަވާރެކެވެ.
18-20 [އަދި އުޑު (އުފުއްލަވާފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން އުޑަށް ނުބަލަނީ ހެއްޔެވެ؟] [އަދި ފަރުބަދަތައް ކޮޅަށް (ނަންގަވާފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން ފަރުބަދަތަކަށް ނުބަލަނީ ހެއްޔެވެ؟] [އަދި ބިން (ފަތުރުއްވައިފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން ބިމަށް ނުބަލަނީ ހެއްޔެވެ؟]
* މިއާޔަތްތަކުގައި ﷲ ވަޙީކުރަައްވާފައި މިވަނީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ. ޤުރުއާނުގައި ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ތަކުރާރުކޮށް ބަޔާންުކަރެއްވުމުގެ މައިގަޑު ބޭނުމަކީ: ހަމައެކަނި އަޅުކަންކުރުން ޙައްްޤުވެގެންވަނީ އެއިލާހަށް އެކަނިކަން ސާބިތު ކޮށްދެއްވާ އެކަމަށް އަޅުތަކުންނަށް އެންގެވުމެވެ.
* ކުޅަދުންވަންތަކަމުގެ ހެކިތައް އެންގެވުމުގެ ޙިކްމަތްތައް:
- މަޚްލޫޤުން އުފެއްދަވާފައިލެއް ފުރިހަމަކަން އެނގުމުން އެތަކެތި އުފެއްދެވި ފަރާތަކީ އަދި ކިހާފުރިހަމަކަން ލިބިގެންވާ ފަރާތެއްކަން އެނގިގެންދިއުން
- މީސްތަކުން ވިސްނާފިކުރު ކުރުމަށް ބާރުއެޅުއްވުން
- ދީނަށް ގޮވާލުމުގައި މަޖުބޫރުކަމެއް ނެތުން
- ކަލަކު ވޮޑިގެންވާކަން ދެނެގަނެ އަޅުކަންކުރުން ޙައްޤުވަނީ އެކަލާނގެއަށްކަން އެނގުން
21-22 [ފަހެ ކަލޭގެފާނު (އެބައިމީހުންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ] [އެބައިމީހުންގެ މައްޗަށް، ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ]
* ރަސޫލާގެ ވާޖިބަކީ މީސްތަކުންނާ ހަމައަށް ދީން ފޯރުކޮށްދިނުމެވެ.
* އިސްލާމްދީނުގައި މީހުންނަށް މަޖުބޫރުކޮށްގެން ދީނަށް ވެއްދުމެއް ނޯންނަކަން މިއާޔަތުން ދޭހަވެއެވެ.
23-24 [ފުރަގަސްދީ ކާފިރުވީ މީހަކަށް މެނުވީއެވެ] [ފަހެ ﷲ އެމީހަކަށް ބޮޑުވެގެންވާ އަޛާބުން އަޛާބު ދެއްވާނެއެވެ]
* މިއާޔަތުން ދޭހަވަނީ ރަސޫލާގެ ދަޢުވަތު ޤަބޫލު ނުކޮށް އެކަލޭގެފާނަށް އީމާންނުވާ މީހާއަށް ޢަޛާބު ދެއްވުން ވަނީ އެކަލާނގެއަށް ކަމެވެ.
* ބޮޑުވެގެންވާ ޢަޛާބު ގެ މާނައިގައި ދެގޮތަކަށް ބުނެވެއެވެ:
      - އެއީ ދުނިޔޭގައި ބަނޑުހައިހޫނުކަމާއި އަނިޔާވެރިކަން ކުރިމަތިވެ ލިބުނު ކުދި ޢަޛާބަށް ފަހު ނަރަކައިން ލިބޭ ބޮޑު ޢަޛާބެވެ.
      - ކަށްވަޅުގައި ލިބުނު ކުދި ޢަޛާބަށްފަހު ނަރަކައިން ލިބޭ ބޮޑުވެގެންވާ ޢަޛާބެވެ.
25 [ހަމަކަށަވަރުން އެބައިމީހުން އެނބުރި އައުންވަނީ ތިމަން އިލާހުގެ ޙަޟްރަތަށެވެ]
* މިއާޔަތުން ދޭހަވަނީ: މަރުވެ އިންސާނާ ފަނާވުމަށްފަހު އެކަލާނގެ އެހަށިގަނޑު އަލުން އުފައްދަވާ އަލުން ދިރުއްވާނެކަމެވެ.
26 [ދެން އެބައިމީހުންގެ ޙިސާބު ބެއްލެވުންވަނީވެސް ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށެވެ]
* މިއާޔަތުގައި މިވަނީ އިންސާނާ ދުނިޔޭގައި ކޮށްއުޅުނު ޢަމަލުތަކުގެ ޙިސާބު ބައްލަވާ ވާހަކައެވެ.
* މިއާޔަތުން ދޭހަވެއެވެ: އިންސާނާ ދުނިޔޭގައި ކޮށްއުޅުނު ހުރިހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވާކަން
                އިންސާނުންނަށް އެމީހުންގެ ޙައްޤުތައް ޤިޔާމަތްދުވަހު ހޯދަވާދެވޭނެކަން

1 comment:

  1. varah reethi liyunkolheh. please visit my blog
    www.amazinglysuper.blogspot.com

    ReplyDelete