Saturday, March 16, 2013

revision-unit2-gr7

އިސްލާމް / ގްރޭޑް 7 /ރިވިޝަން / ޔުނިޓު2 / ފުރަތަމަ ޓާރމް 2013
ނޯޓު: ޔުނިޓު ޓެސްޓު 2 ގައި މިސުވާލުތަކެއް މިގޮތަކަށް ނާންނާނެއެވެ. ނަމަވެސް މިއީ ފިލާވަޅުތައް ރިވައިސް ކޮށްލުމަށް ދެވިފައިވާ ސުވާލާ ޖަވާބުތަކެކެވެ. އަދި މީގެ އިތުރުން ފޮތުގެ މިޓޮޕިކްތައްވެސް ކިޔަންވާނެއެވެ.
ޤުރުއާނުގެބައި: ސޫރަތުއް ތަކާޘުރު ގެ މާނަ
1) ސޫރަތުއް ތަކާޘުރުގެ މައިގަނޑު މައުޟޫއަކީ ކޮބައިކަން ބުނެދޭށެވެ؟
ޖ: މުދާ ގިނަ ކުރުމުގެ ސަބަބުން ﷲ ހަނދުމަކުރުމުން އެއްކިބާވާ މީހާ މަރުވުމަށްފަހު އެކަމުގައި ހުރި ޢަޛާބު ދެކޭނެ ވާހަކައާއި ޤިޔާމަތް ދުވަހު އެދެއްވި މުދަލާ ދަރިންނާމެދު ސުވާލުކުރެވޭނެކަމެވެ.
2) ސޫރަތުއްތަކާޘުރުގެ ފުރަތަމައާޔަތުގައިވެއެވެ: [(މުދަލާއިދަރީން) ގިނަކަމަށް ގިނަކަމަށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ.] މިތަނުގައިމިވާ މަޝްޣޫލު ގެ މާނައަކީ ކޮބައިހެއްޔެވެ؟
ޖ: އެއްކިބާ ކުރުމެވެ.
3) ތަކާޘުރު ސޫރަތުގެ 2 ވަނަ އާޔަތުގައިވެއެވެ: [ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ] މިތަނުގައި މިބުނަނީ ކީކޭހެއްޔެވެ؟ އަދި "ޒިޔާރަތް" މިކަލިމަ އޮތުމުން ދޭހަވާކަމެއް ބުނެދޭށެވެ؟
ޖ: އެބުނަނީ މަރުވުމަށް ދާންދެނެވެ. "ޒިޔާރަތް" މިލަފްޒު އޮތުމުން ދޭހަވަނީ އެއީ ހަމައެކަނި ޒިޔާރަތަކަށް ވުމުން އަދި އަނބުރާ ދިރުއްވާނެކަމެވެ.
4) ތަކާޘުރު ސޫރަތުގެ 3 ވަނަ އާޔަތުގައި ވެއެވެ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.] މިތަނުގައި އެވާ އެނގޭނެ އެއްޗަކީ ކޮބައިހެއްޔެވެ؟
ޖ: އެފަދައިން ﷲ ހަނދުމަކުރުމުން ހަނދާން ނައްތާލާ މުދަލާހެދި ދަހިވެތިވުމުގެ ނުބައިކަން އެނގޭނެ ވާހަކައެވެ.
5) 5 ވަނަ އާޔަތުގައިވެއެވެ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭ ނަމައެވެ.] މިތަނުގައި އެނގޭ ނަމަ ވާނެ ގޮތެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ވީމާ އެނގޭ ނަމަގެ ޖަވާބުގައި އޮންނާނީ ކީކޭކަން ބުނެދޭށެވެ؟
ޖ: އެނގޭނަމަ އެމުދާތަކަށް ދަހިވެތިވުން ދޫކޮށް ﷲ ހަނދުމަކުރީހެވެ.
ޢަޤީދާގެބައި: މާތް ﷲ ގެ ސިފަފުޅުތައް
6) ﷲ އަށް ލިބިވޮޑިގެންވަނީ ކޮންފަދަ ނަންފުޅުތަކަކާއި ސިފަފުޅުތަކެއް ހެއްޔެވެ؟
ޖ: ރިވެތި ނަންފުޅުތަކާއި އެއްވެސް އުނިކަމެއް ނުވާ ފުރިހަމަ ސިފަފުޅުތަކެވެ.
7) ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތައް ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ކޮބައިހެއްޔެވެ؟
ޖ: ހަމައެކަނި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުންނެވެ.
8) ﷲ ގެ ހުރިހާ ނަންފުޅުތަކަކާއި ސިފަފުޅުތަކެއް އިންސާނާއަށް އެނގޭ ހެއްޔެވެ؟
ޖ: ނޭނގެއެވެ. އެއީ އެހުރިހާ ނަންފުޅުތަކާއި ސިފަފުޅުތައް އެކަލާނގެ އަހަރުމެންނަށް އަންގަވާފައި ނެތުމުންނެވެ.
9) ﷲ ވަޙީކުރައްވާފައިވެއެވެ: [އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެން ކަލާނގެއެވެ.] މިއާޔަތުން ސާބިތުވާ ﷲ ގެ 2 ސިފަފުޅަކާއި އެދެ ސިފަފުޅަށް އީމާންވުމުގައި ބަލަންޖެހޭ ދެ މިންގަޑު މިއާޔަތުގެ އަލީގައި ތަފްޞީލު ކޮށްދޭށެވެ؟
ޖ: ދެ ސިފަފުޅަކީ: އައްސަވާވޮޑިގަތުން އަދި ބައްލަވާވޮޑިގަތުމެވެ. އެކަލާނގެ އައްސަވާވޮޑިގަތުމާއި ބައްލަވާވޮޑިގަތުމަކީ އެއްވެސް އިނިކަމެއް ނުވާ އެންމެ ފުރިހަމަ ގޮތިގައިވާ ދެ  ސިފައެވެ. އަދި އެކަލާނގެ އައްސަވާ އަދި ބައްލަވާ ފަދައިން އައްސަވާ ބައްލަވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.
10) ﷲ ގެ ސިފަފުޅުތަކާއި ނަންފުޅުތައް ދެނެގަތުމުގެ 2 ބޭނުން ބުނެދޭށެވެ؟
ޖ: އެއީ ﷲ ދެނެގަތުމާއި އަދި ދުޢާކުރުމުގައި އެސަފަފުޅުތަކާއި ނަންފުޅުތައް ބޭނުންކުރުމެވެ.
ޢިބާދާތު: ޙައްޖާއި ޢުމްރާ
11) ޙައްޖުގެ ރުކުންތައް ބަޔާންކުރާށެވެ؟
ޖ: ނިޔަތްގަތުން، 9ވަނަދުވަހު ޢަރަފާތުގައި މަޑުކުރުން، ޠަވާފުލްއިފާޟާ ކުރުން، ސަޢުޔުކުރުން، ބޯކޮށުން ނުވަތަ ބޯބޭލުން.
12) ޙައްޖުގެ ވާޖިބުތައް ބަޔާންކުރާށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމްބަނދެ ނިޔަތް ގަތުން، އިޙްރާމްބަނދެގެން ހުރެ ކުރުން ޙަރާމްކަންކަމުން ދުރުހެލިވުން، މުޒްދަލިފާގައި ރޭކުރުން، ތިންޖަމްރާއަށް ހިލައުކުން، 11 12 އަދި 13 ވަނަ ދުވަހު މިނާގައި ރޭކުރުން، ވަދާޢުގެ ޠަވާފުކުރުން
13) ޢުމްރާގެ ރުކުންތައް ބަޔާންކުރާށެވެ؟
ޖ: ނިޔަތްގަތުން، ޢުމުރާގެ ޠަވާފު ކުރުން، ސަޢުޔުކުރުން، ބޯކޮށުން ނުވަތަ ބޯބޭލުން.
14) ޢުމްރާގެ ވާޖިބުތައް ބަޔާންކުރާށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމްބަނދެ ނިޔަތް ގަތުން، އިޙްރާމްބަނދެގެން ހުރެ ކުރުން ޙަރާމްކަންކަމުން ދުރުހެލިވުން
15) ޢުމްރާވާގޮތް ޚުލާޞާ ކޮށްދޭށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމް ބަނދެ ނިޔަތް ގަނެ، ތަލްބިޔާ ކިޔަމުން މައްކާއަށް ދެވުމުން، ޠަވާފުކޮށް ސަޢުޔުކޮށް ބޯކޮށާނީ ނުވަތަ ބޯބާލާނީއެވެ.
16) ޙައްޖުވާގޮތް ޚުލާޞާ ކޮށްދޭށެވެ؟
ޙައްޖުމަހުގެ 8ވަނަ ދުވަހު އިޙްރާމް ބަނދެ ނިޔަތް ގަނެ މިނާއަށް ދާނީއެވެ. އަދި 9 ވަނަ ދުވަހު ޢަރަފާތުގައި މަޑުކޮށް އިރުއޮއްސުމުން އެރޭ މުޒްދަލިފާގައި ރޭކުރާނީއެވެ. 10 ވަނަ ދުވަހު ބޮޑުޖަމްރާއަށް ހިލައުކާ ، ހަދުޔު ކަތިލާ، ބޯބޭލުމަށްފަހު މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށް ސަޢުޔުކުރާނީއެވެ. އަދި 11 12 އަދި 13 ވަނަ ދުވަހު ކޮންމެ ދުވަހަކު 3 ޖަމްރާއަށް ހިލައުކާ އެތިންރޭ މިނާގައި ރޭކުރާނީއެވެ. އަދި އެއަށްފަހު މައްކާދޫކޮށް ފުރަން ޖެހުމުން ޠަވާފުލް ވަދާޢުކުރާނީއެވެ.
17) ޙައްޖުގައި ވާޖިބެއް އަޅައިފި ނަމަ ކުރަންޖެހޭ ކަމަކީ ކޮބާހެއްޔެވެ؟
ޖ: ފިދުޔަ ކަތިލާނީއެވެ.
18) ޙައްޖުމަހުގެ 13 ވަނަ ދުވަހު މިނާގައިހުރެ ޖަމްރާއަށް ހިލައުކުން ވާޖިބު ނުވާ މީހުންނަކީ ކޮންބައެއް ހެއްޔެވެ؟
ޖ: އެއީ 12 ދުވަހު އިރުއޮއްސުމުގެ ކުރިން މިނާދޫކޮށް ދާމީހާއެވެ.
19) ޙައްޖުގެ ޠަވާފަށް ކިޔާ އެހެން ނަމެއް ބުނެދޭށެވެ؟
ޖ: ޠަވާފުލްއިފާޟާ އެވެ.
20) ޠަވާފުކުރުމަކީ ކޮބައިހެއްޔެވެ؟
ޖ: ގެފުޅު ވަށާ 7 ބުރު ޖެހުމެވެ.
21) ސަޢުޔު ކުރުމަކީ ކޮބައިހެއްޔެވެ؟
ޖ: ޞަފާ ފަރުބަދަ އާއި މަރުވާ ފަރުބަދަ އާ ދެމެދު 7 ފަހަރު ހިނގުމެވެ.
22) ޢަރަފާތުގައި މަޑުކުރަންޖެހޭ ދުވަހާއި ވަގުތަކީ ކޮބައިހެއްޔެވެ؟
ޖ: ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިންނެވެ.
23) ހަމައެކަނި ބޮޑުޖަމްރާ އަށް ހިލައުކަންޖެހޭ ދުވަހަކީ ކޮބައިހެއްޔެވެ؟
ޖ: ޙައްޖުމަހުގެ 10 ވަނަ ދުވަހު (ޢީދު ދުވަހު) އެވެ.
24) ކުޑަޖަމްރާ، މެދުޖަމްރާ އަދި ބޮޑުޖަމްރާ މިތިން ޖަމްރާއަށް ހިލައުކަން ޖެހޭ ދުވަސްތަކަކީ ކޮބައިހެއްޔެވެ؟
ޖ: 11، 12 އަދި 13 ވަނަ ދުވަހުއެވެ.
25) މުޒްދަލިފާ ގައި މަޑުކުރަންޖެހެނީ ކޮންދުވަހެއްގެ ކޮން ވަގުތަކު ހެެއްޔެވެ؟
ޖ: ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ.
ސީރަތު: ރަސޫލާ ސުވަރުގެ ވަޑައިގަތުން
26) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަންނަވަން ކައިރިވެއްޖެކަން އަޞްޙާބު ބޭކަލުންނަށް ފުރަތަމަ ދޭހަވެގެންދިޔައީ ކޮން ކަމަކުންހެއްޔެވެ؟
ޖ: އެކަލޭގެފާނު ހިޖްރީން 10 ވަނަ އަހަރު ކުރެއްވި ޙައްޖުގައި ދެއްވި ޚުތުބަތުލް ވަދާޢުންނެވެ.
27) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވީ ކޮން އަހަރެއްގެ ކޮން މަހެއްގަހެއްޔެވެ؟
ޖ: ހިޖްރީން 11 ވަނަ އަހަރުގެ ޞަފަރު މަހުއެވެ.
28) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އާލާސްކަންފުޅުޖެހިވަޑައިގެން އިމާމުވެ ނަމާދު ނުކުރެއްވޭ ވަރުވުމުން އިމާމުވެ ނަމާދު ކުރަން ޙަވާލު ކުރެއްވީ ކޮންބޭކަލަކާ ހެއްޔެވެ؟
ޖ: އަބޫބަކުރުގެފާނާއެވެ.
29) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަތީ ކޮން އަހަރެއްގެ ކޮންމަހެއްގެ ކޮންދުވަހަކުހެއްޔެވެ؟
ޖ: ހިޖްރީން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދަވަހުއެވެ.
30) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަވަހާރަވީއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟
ޖ: 63 އަހަރެވެ.
31) ރަސޫލާ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم މަދީނާގައި ދުނިޔޭގައި ހުންނަވާ އަބޫބަކުރުގެފާނާ އިމާމްވެ ނަމާދުކުރުމަށް ޙަވާލުކުރެއްވުމުން އެކަމުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: އަބޫބަކުރުގެފާނަކީ އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ މާތް ބާކަލުކަމެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަށްފަހު ވެރިކަން ޙައްޤުވަނީ އަބޫބަކުރުގެފާނަށް ކަމެވެ.
32) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަތުމުން އެކަމުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: ޤިޔާމަތް ކައިރިވެއްޖެކަމެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަކީ ﷲ ގެ އަޅެއް ކަމާއި އިންސާނެއް ކަމެވެ.

No comments:

Post a Comment