Saturday, March 16, 2013

revision-unit2-grade6

އިސްލާމް/ރިވިޝަން ޕޭޕަރު/ ޔުނިޓު2/ ފުރަތަމަ ޓާރމް 2013


  ނޯޓު: ޔުނިޓު ޓެސްޓު 2 ގައި ހަމައެކަނި މިސުވާލުތަކުގެ ތެރެއިން ނާންނާނެއެވެ. މީގެ އިތުރުން ފޮތްވެސް ކިޔާންވާނެއެވެ. އަދި މިތަނުގައި ވާ އެއްވެސް ސުވާލެއް މިތަނުގައި ވާ ގޮތަކަށް ޓެސްޓަކު ނާންނާނެއެވެ.
ޤުރުއާންގެ ބައި:
1) ޝަފަވީ އިޚްފާއު، ޝަފަވީ އިދްޣާމް އަދި ޝަފަވީ އިޘްހާރު ގެ ޙުކުމްތައް އަންނަނީ ކޮން އެއްޗެއްގެ ފަހަތަށް އަކުރެއް އައުމުން ހެއްޔެވެ؟
ޖ: މީމު ސުކުން
2) ޝަފަވީ އިޚްފާއުގެ އަކުރުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަން ކިޔާނީ ކިހިނެއްހެއްޔެވެ؟
ޖ: ބާ. ކިޔާނީ މީމުސުކުން ފޮތުވާލައިގެން ޣުންނަ ކޮށްގެންނެވެ.
3) ޝަފަވީ އިދްޣާމްގެ އަކުރުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަން ކިޔާނީ ކިހިނެއްހެއްޔެވެ؟
ޖ: މީމެވެ. ކިޔާނީ މީމުސުކުން ޖެހިގެން އޮތްމީމުގެ ތެރެއަށް ވައްދާލައިގެން ޣުންނަކޮށްގެންނެވެ.
4) ޝަފަވީ އިޘްހާރުގެ އަކުރުތަކަކީ ކޮބައިހެއްޔެވެ؟ އަދި އެތަން ކިޔާނީ ކިހިނެއްހެއްޔެވެ؟
ޖ: ބާ އަދި މީމު ފިޔަވާ އެހެންހުރިހާ އަކުރެކެވެ. ކިޔާނީ މީމު ސުކުން ފާޅުކޮށްގެން ޣުންނަ ނުކޮށެވެ.
5) އަންނަނިވި ތިން ކަލިމައިގެ މާނަ ލިޔާށެވެ: އިޚްފާއު ، އިދްޣާމް ، އިޘްހާރު
ޖ: އިޚްފާއު: ފޮރުވާލުން     އިދްޣާމް: އެއްކޮށްލުން              އިޘްހާރު: ފާޅުކުރުން
ޢަޤީދާގެ ބައި: ކައްވަޅުގެ ޢަޛާބާއި ޘަވާބު
6) ބަރުޒަޚަކީ ކޮބައިހެއްޔެވެ؟
ޖ: ބަރުޒަޚަކީ: އިންސާނާ މަރުވުމަށްފަހު އަލުންދިރުއްވަންދެން ފުރާނަ އޮންނަ ރޫޙާނީ ޢާލަމެވެ.
7) ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ: [ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެކެވެ. ނުވަތަ ނަރަކައިގެ އަނދަަވަޅު ތަކުގެ ތެރެއިން އަނދަވަޅެކެވެ.] މިޙަދީޘުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: މިއިން ދޭހަވަނީ ކަށްވަޅަކީ ޢަޛާބާއި ޘަވާބު ލިބުންވާ ތަނެއް ކަމެވެ.
8) ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންވުމުގެ މުހިންމުކަން އެނގޭ ގޮތެއް ބުނެދޭށެވެ؟
ޖ: އެއީ ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންނުވެ އާޚިރަތްދުވަހަށް އީމާންވީކަމަކަށް ނުބެލެވޭނެއެވެ. (އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެކެވެ)
9) ކަށްވަޅުގެ ޢަޛާބު ލިބޭ ކަންކަމުގެ ތެރެއިން 2 ރަސޫލާ صلى الله عليه وسلم އަންގަވާދެއްވިއެވެ. އެއީ ކޮން ދެ ކަމެއްހެއްޔެވެ؟
ޖ: ދެބައޮޑުވުމާއި، ކުޑަގިފިލިކޮށްގެން ރަނގަޅަށް ތާހިރުނުވުމެވެ.
10) ކަށްވަޅުގެ ޢަޛާބާއި ޘަވާބަކީ، ހަމައެކަނި ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ ފުރާނައާއިހަށިގަނޑަށް ކުރާ އަސަރެއްހެއްޔެވެ؟
ޖ: އެއީ ފުރާނައާއި ހަށިގަނޑަށް ކުރާ އަސަރެކެވެ.
11) ކަށްވަޅުގައި ސުވާލުކުރައްވާ ދެ މަލާއިކަތުންނަށް ކިޔާ ނަންފުޅަކީ ކޮބައިހެއްޔެވެ؟
ޖ: ނަކީރު އަދި މުންކަރު އެވެ.
12) [އާޚިރަތް ދުވަހަށް އީމާންވުމަކީ އީމާންކަމުގެ 6 ރުކުނުގެ ތެރެއިން ރުކުނެކެވެ. އަދި އާޚިރަތްދުވަހަށް އީމާންވުމުގެ ތެރޭގައި ކަށްވަޅުގައި އިންސާނާގެ ފުރާނައާއި ހަށިގަނޑަށް ޢަޛާބު ނުވަތަ އަރާމު ލިބޭނެކަން ޤަބޫލުކުރުން ހިމެނެއެވެ.] މިޢިބާރާތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންވުމުގެ މުހިންމުކަމެވެ. / ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންނުވެ އީމާންވެވުނު ކަމަކަށް ނުވާނެއެވެ.
13) [މަރުވެފައިވާ ހަށިގަނޑު ވީރާނަވެ ހަލާކުވެދެއެވެ. ދެން ނެތް ހަށިގަނޑަކަށް ޢަޛާބު ލިބޭނީ ކިހިނެތްހެއްޔެވެ؟ އަދި މަރުވެފައި އޮންނަ މީހަކަށް ޢަޛާބު ނުވަތަ ޘަވާބު ލިބޭތަނެއް ނުފެނެއެވެ.] މިފަދައިން ބުނާމީހަކަށް ދޭނެ ޖަވާބެއް ބުނެދޭށެވެ؟
ޖ: ކަށްވަޅުގެ ޢަޛާބާއި ޘަވާބަށް އީމާންވުމަކީ ހިއްސުތަކަށް ނޭނގޭ ޣައިބަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ. ވީމާ އެކަން ވަނީ ކިހިނެތްކަން ހަމައެކަނި ދެނެވޮޑިގެންވަނީ ﷲ އެވެ. ﷲ އިރާދަކުރެއްވި ގޮތަކަށް އެކަންކުރައްވާނެކަން ހިތުގެ އަޑިން ޤަބޫލުކުރަންޖެހެއެވެ.
ޢިބާދާތު: ތަޔައްމުމް
14) ތަޔައްމުމް ކުރުމަކީ ކޮބާ؟
ޖ: ވަކި ޝަރުތުތަކަކާއި އެކު ނިޔަތާއެކު ވަކިގޮތަކަށް މޫނާއި ދެއަތުގައި ވެލި ހޭކުމެވެ.
15) ތަޔައްމުމް ކުރަނީ ކޮން ބޭނުމެއްގައި ހެއްޔެވެ؟
ޖ: ތަޔައްމުމް ކުރުމާއި ވުޟޫކުރުމުގެ ބޭނުމަކީ ވެސް އެއީ އެއްބޭނުމެކެވެ. އެއީ ނަމާދު ކުރުމާއި އެފަދަ ބައެއް އަޅުކަން ކުރުމެވެ.
16) ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާއި ޠާހިރުވެލީން ތިޔަަބައިމީހުން ތަޔައްމުމް ކުރާާށެވެ...] މިއާޔަތުން ދޭހަވަނީ ކޮންކަމެއްހެއްޔެވެ؟
ޖ: ތަޔައްމުމް ކުރުމަކީ ހުއްދަ ކަމެއް ކަމެވެ. / އިސްލާމްދީނުގައި ލުއިފަސޭހަގޮތް ވެއެވެ. / ކޮންމެ ޙާލަތެއްގައިވެސް ނަމާދު ދޫކޮށްނުލެވޭނެކަމެވެ.
17) ތަޔައްމުމް ކުރުމަކީ ކޮންކަމެއްގެ ބަދަލުގައި ކުރާ ކަމެއްހެއްޔެވެ؟
ޖ: ވުޟޫކުރުމުގެ ބަދަލުގައި ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ކުރާކަމެކެވެ.
18) ތަޔައްމުމް ކުރުން ހުއްދަވާނެ ޝަރުތުތަކަކީ ކޮބައިހެއްޔެވެ؟
ޖ: 1- ފެން ނުލިބުން     2- ބައްޔެއްގެ ސަބަބުން ފެން ބޭނުންކުރުމަށް ޢުޛުރުވެރިވުމެވެ.
19) ތަޔައްމުމް ކުރުމުގައި ބަލަންޖެހޭ މުހިންމު 5 ކަމެއް ލިޔާށެެވެ؟
ޖ: ސާފުހިރަފުސް ވެލިކަމުގައިވުން، އެއްފަހަރު ބޭނުންކޮށްފައިވާ ވެލިކަމުގައި ނުވުން، ހަށިގަނޑުގައި ނަޖިހެއްވާނަމަ ތަޔައްމުމް ކުރުމުގެ ކުރިން ފިލުވާލުން، ފަރުޟު ނަމާދު ވަގުތުގައި ތަޔައްމުމް ކުރުން އަދި ފަރުޟު ކޮންމެ ނަމާދަކަށް ވަކި ތަޔައްމުމެއް ކުރުން، މިއެވެ.
20) އިސްލާމްދީނުގައި ސާފުތާހިރު ވުމަށް ބޭނުންކުރެވޭ ވަޞީލަތްތަކަކީ ކޮބައިހެއްޔެވެ؟
ޖ: ފެން  އަދި  ވެއްޔެވެ.
އަޚްލާޤު: ޢަދުލުވެރިކަން / ތެދުވެރިކަން
21) ޢަދުލުވެރިކަމަކީ ކޮބައިހެއްޔެވެ؟
ޖ: އެންމެން މެދުގައި ހަމަހަމައަށް އިންސާފު ޤާއިމް ކުރުމެވެ.
22) ޢަދުލުވެރިކަން ޤާއިމްކުރަން ބޭނުންވަނީ ކޮން އެއްޗެއްހެއްޔެވެ؟
ޖ: ބޭނުންވަނީ ބާރެކެވެ. އެބާރަކީ: ހަމަޖެހޭ އުޞޫލުތަކަކާއި ޤާނޫނުތަކަކާއި ޤަވާޢިދުތަކެވެ.
23) [އިސްލާމްދީނަކީ އެދީނަކާއި އެއްގޮތަށް ޢަމަލު ކުރުމުން އެންމެފުރިހަމައަށް ޢަދުލުވެރިކަން ޤާއިމްކުރެވޭނެއެވެ.] މިޢިބާރާތުން ދޭހަވާ އެއްޗެއް ބުނެދޭށެވެ؟
ޖ: މިއިން ދޭހަވަނީ އެންމެ ހަމަޖެހޭ އުޞޫލުތަކާއި ޤަވާޢިދުތައް ހުރީ އިސްލާމްދީނުގައި ކަމެވެ.
24) ކުށްކުރާމީހުންނަށް އަދަބު ދޭނީ ކޮންގޮތަކަށް ބަލައިގެންހެއްޔެވެ؟
ޖ: މީހުންނަށް އަދަބުދޭނީ މީހުންނަށް ބަލައިގެންނެއް ނޫނެވެ. ނަމަވެސް އަދަބުދޭނީ ކުރި ކުށަށް ބަލައިގެންނެވެ. ކޮންމެފަދަ ދެމީހަކަސް އެއްކުށެއް ކޮށްފިނަމަ ލިބެންޖެހޭނީ އެއް އަދަބެކެވެ.
25) ޤުރުއާނުގައި ޢަދުލުވެރިވުމާ ބެހޭގޮތުން އައިސްފައިވާ އާޔަތެއްގެ މާނަލިޔާށެވެ؟
ޖ: [އަދި އަހުރެންނަށް އަމުރު ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ޢަދުލުވެރި ގޮތުގައި ކަންތައް ކުރުމަށެވެ.]
26) ތެދުވެރިކަމަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ތެދުބުނުމެވެ. ޙަޤީޤަތް ހާމަކުރުމެވެ. މަކަރުނެހެދުމެވެ. އޮޅުވާނުލުމެވެ.
27) ތެދުވެރިކަމުގެ އިދިކޮޅު ސިފައަކީ ކޮބައިހެއްޔެވެ؟
ޖ: ދޮގުހެދުމެވެ. އޮޅުވާލުމެވެ. މަކަރުހެދުމެވެ.
28) ތެދުވެރިވުމަށްޓަކައި ސްކޫލުކުއްޖަކަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ކޮބައިހެއްޔެވެ؟
ޖ: ޓެސްޓުތަކުގައި ކޮޕީ ނުކޮށް ތެދުވެރިކަމާއި އެކު ޓެސްޓުތައްހެދުމެވެ.
29) ތެދުވެރީންނަކީ ކޮބައިހެއްޔެވެ؟
ޖ: އެއީ ބުނާބަހާއި ޢަމަލާ ދިމާވާ މީހުންނެވެ. އަދި ތިމާގެ އަމިއްލަ ފައިދާއަށް ވިސްނާފަދައިން އެހެންމީހުންގެ ފައިދާއަށްވެސް ވިސްނާމީހުންނެވެ.
30) ތެދުވެރިކަމާއިމެދު ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނަލިޔާށެވެ؟
ޖ: [ތެދުވެރިކަން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހެޔޮކަންތައް ސުވަރުގެއަށް މަގުދައްކައެވެ.]

ނޯޓު: އަދި މީގެ އިތުރަށް ސީރަތުގެ ބައިން ސާރާގެފާނާއި ހާޖަރުގެފާނު ގެ ޓޮޕިކް މިރިވިޝަންގެ ތެރެއަށް ވަންނާނެއެވެ. އެބައިގެ ތެރެއިން 35 ސުވާލު ބްލޮގް ގައި އޮންނާނެއެވެ.

No comments:

Post a Comment