Monday, April 15, 2013

assingment-gr7-unit3 (due:25-4-2013)

ބިލަބޯންގް ހައި އީޕީއެސް އިންޓަރނޭޝަނަލް ސްކޫލް، މާލެ، ދިވެހިރާއްޖެ
އިސްލާމް މާއްދާގެ އެސައިންމަންޓް/ފުރަތަމަ ޓާރމް 2013 / ގްރޭޑް 7
މަސައްކަތް:  - ދެވޭ 2 ޓޮޕިކަކަށް ގްރޭޑް7 ގެ ފޮތާއި ގްރޭޑް 8 ގެ ފޮތް އަޅާކިޔުމަށްފަހު ލިޔުމެއް ލިޔުން
އެސައިމަންޓްގައި ހިމެނޭ ޓޮޕިކްތައް:

ޓޮޕިކް
ގްރޭޑް 7 ގެ ފޮތުގެ ސަފްޙާތައް
ގްރޭޑް 8 ގެ ފޮތުގެ ސަފްޙާތައް
1
ވިޔަފާރި
69، 70
104، 105، 106، 107
2
މައިންބަފައިންގެ ޙައްޤުތައް
112، 113
217، 218، 219، 220
މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ތަފްޞީލް:
* ކޮންމެ ޓޮޕިކެއްގެ ދަށުން ދެވިފައިވާ ސަފްޙާތައް، ގްރޭޑް 7 ގެ ފޮތުންނާއި ގްރޭޑް 8 ގެ ފޮތުން ރަނގަޅަށް ކިޔާނީއެވެ. (ދެވިފައިވާ ސަފްޙާތަކުގެ އިތުރަކަށް ކިޔާކަށް ނުޖެހޭނެއެވެ.) އެއަށްފަހު ކޮންމެ ޓޮޕިކެއްގެ ދަށުން ދެފޮތުގައިވާ ތަފާތުތައް ނޯޓުކުރާނީއެވެ. {ތަފާތުތައް ބަލާނެ މިންގަނޑަކީ: އެއްފޮތުގައިވާ މަޢުލޫމާތެއް އަނެއް ފޮތުގައި ނެތްނަމަ އެއީ ކޮން މަޢުލޫމާތެއް ކަން ބަޔާންކުރުން / ދެފޮތުގައި ވާ އެއް މަޢުލޫމާތެއް ތަފާތުވެއްޖެނަމަ އެކަން ބަޔާންކުރުން (އެތަފާތަކީ އެކައްޗެއް ދޭހަވާ ތަފާތު ދެޖުމްލައެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ސީދާ މަޢުލޫމާތު ތަފާތުވުމެވެ.) / ހެޑިންތަކާއި ސަބްހެޑިންތައް ތަފާތުނަމަ އެކަން ބަޔާންކުރުން. / ދަލީލުތަކުގައި ހުރި ތަފާތުތައް ބަޔާންކުރުން } މިބަޔަށް ކޮންމެ ޓޮޕިކަކަށް 8 މާރކްސް ލިބޭނެއެވެ. (8  2 = 16 މާރކްސް)
* ކޮންމެ ޓޮޕިކަކަށް ލިޔާނީ އޭ 4 ސައިޒްގެ އެއް ސަފްޙާއެވެ. ސަފްޙާގެ ބޯޑަރު ބައި (  ) އިންޗިއަށް ވުރެ ބޮޑުވެގެން ނުވާނެއެވެ. ކޮންމެ ޓޮޕިކަކަށް އެންމެ މަދުވެގެން 13 ފޮޅުވަތް ލިޔަންވާނެއެވެ. (މާބޮޑެތިކޮށް ހުސްދޭތެރެ މާދުރުކޮށްފައި ވާނަމަ މާރކްސް ކެނޑޭނެއެވެ) މިބޯޑަރަށް ކޮންމެ ޓޮޕިކަކަށް 1 މާރކްސް ލިބޭނެއެވެ. (1  2 = 2 މާރކްސް)
* އެއްވެސް ފޮޓޯއެއް ބޭނުމެއް ނުކުރާނެއެވެ. ނަމަވެސް ބޯޑަރުގެ ރީތިކަމާއި ނަލަކަމާއި، ލިޔުމުގެ އަދި ގަނޑުގެ ސާފުތާހިރުކަމަށް ބެލޭނެއެވެ. މިބަޔަށް ކޮންމެ ޓޮޕިކަކަށް 1 މާރކްސް ލިބޭނެއެވެ.(1  2 = 2 މާރކްސް)
* މުޅި ޖުމްލަ މާރކްސްއަކީ 20 މާރކްސް އެވެ.
ނޯޓު: ގްރޭޑް 8 ގެ ފޮތް ލިބޭނެގޮތެއް ނެތް ކުދިންނަށް އިސްލާމް ބްލޮގުން ގްރޭޑް8 ފޮތުގެ ދެވިފައިވާ ސަފްޙާތައް ފެންނަން ހުންނާނެއެވެ.
* ޙަވާލުކުރަންޖެހޭ އެންމެފަހު ތާރީޚް: 25 – އޭޕްރީލް – 2013 ވާ ބުރާސްފަތިދުވަސް.




Monday, April 8, 2013

surat Ghaashiya - gr11

ސޫރަތުލް ޣާޝިޔާ ގެ އިޖްމާލީ މާނަ / އިސްލާމް / ގްރޭޑް 11
ސޫރަތުގެ މާތްކަން: ރަސޫލާ صلى الله عليه وسلم ސޫރަތުލްއަޢުލާ އާއި ސޫރަތުލް ޣާޝިޔާ ޢީދު ނަމާދުގައާއި ހުކުރު ނަމާދުގައި ކިޔުއްވާކަމުގައިވެއެވެ.
ސޫރަތުގެ މައުޟޫޢު: ޤިޔާމާތް ދުވަހުގައި ނަރަކައަށް ދާމީހުންގެ ބައެއް ޙާލަތްތަކާއި ސުވަރުގެއަށް ދާމީހުންގެ ބައެއް ޙާލަތްތަކެވެ.
ސޫރަތުގެ މާނަ:
ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން (ފަށައިގަންނަމެވެ).
1- [ބަރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެން އަންނާނޭ ކަންތަކުގެ ވާހަކަ (އެބަހީ: ޤިޔާމަތުގެ ވާހަކަ) ކަލޭގެފަނާ ހަމައަށް އައިސްފައި ވޭތޯއެވެ؟]
* ކަންތަކުގެ ވާހަކަ ގެނައުމުގެ ކުރިން ސުވާލެއް ކުރެއްވުމުގެ ބޭނުމަކީ: ސަމާލުކަން ހޯއްދުން، ޝައުޤުވެރިކުރުވުން، ދައްކަން އުޅޭވާހަކައިގެ މުހިންމުކަން ހާމަކޮށްދިނުން
* ޣާޝިޔާ އަކީ ޤިޔާމަތް ދުވަހަށް ކިޔޭ ނަންތަކުގެ ތެރެއިން ނަމެވެ.
2- [އެދުވަހުން ދެރަވެ، ނިކަމެތިވެގެންވާ މޫނުތަކެއްވެއެވެ.]
* މޫނުތަކުގެ މާނަ: މީހުން
* ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން މޫނު މިތަނުގައި އައިސްފައިވުމުގެ ބޭނުން: އެއީ އިންސާނާގެ ދެރަވެ ނިކަމެތިވުމާއި އުފާވުމުގެ ޝުޢޫރު ފާޅުކޮށްދީ ދައްކުވައިދޭ ގުނަވަނެވެ.
* މިތަނުގައިވާ "އެދުވަހުން" އެއީ ޤިޔާމަތް ދުވަހެވެ. އެކަން އެނގެނީ ތިރީގައިވާ އާޔަތްތަކުންނެވެ.
3- [މަސައްކަތްތެރި ވަރިބަލި މޫނުތަކެކެވެ.]
* މާނައީ: ދުނިޔޭގައި ބޭކާރުކޮށް ގިނަހެޔޮޢަމަލުތައް ކޮށް ވަރުބަލިވެފައިވާ މީހުންނެވެ. (މިސާލަކަށް ނަޞާރާއިން ނާއި ޔަހޫދީންގެ އަޅުވެރިމީހުންނެވެ.)
4- [ހޫނުކަން ގަދަވެގެންވާ ނަރަކައަށް އެބައިމީހުން ވަންނާނެއެވެ.]
* ވީމާ އަދި ހަމަ ހެޔޮޢަމަލުތަކެއް ކުރުމަކުން ސުވަރުގެއަކަށް ނުދެވޭނެއެވެ. ކުރެވޭ ހެޔޮޢަމަލަކުން ޤިޔާމަތްދުވަހު ފައިދާވުމަށްޓަކައި 2 ޝަރުތެއް ކޮންމެ ޢަމަލެއްގައި ފުރިހަމަވާންޖެހޭނެއެވެ: ފުރަތަމައީ؛ އެޢަމަލީ ހަމައެކަނި ﷲ އަށްޓަކައި ކުރެވުނު ކަމަކަށް ވުމެވެ. ދެވަނައީ؛ ރަސޫލާ صلى الله عليه وسلم އަހަރުމެންނަށް އެކަމެއް ކުރުމަށް ދަސްކޮށްދެއްވި ގޮތަށް އެކަމެއް ކުރުމެވެ.
5-6- ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެބައިމީހުންނަށް ބޯންދެވޭނެއެވެ.] [ކަށިހުރި ވިހަމޭވާ އަކުން މެނުވީ އެބައިމީހުންނަކަށް ކާނާއެއް ނުވެއެވެ.]
* މިއާޔަތްތަކުން ދޭހަވެއެވެ: ޤިޔާމަތްދުވަހުންވެސް އިންސާނާ ފެންބޮވާ ބަނޑުހައިވާނެއެވެ.
* އެދުވަހުގައި ޢަޛާބުތައް އެތައްގޮތަކުން ބޮޑުވެގެންދެއެވެ. ބަނޑުހައިވުމަކީ އަދި ފެންބޮވައިގަތުމަކީވެސް ޢަޛާބެކެވެ. އަދި އެކަންފިލުވުމަށް ބޭނުންވާނެ އެއްޗަކަށް ދަހިވެތިވެ ކެއްނުވުންވެސް އެއީ ޢަޛާބެކެވެ. އަދި ދަހިވެތިކަމާ ކެތްނުވުމުގެ ސަބަބުން ހޫނުފެނާއި ކަށިހުރި ވޭންދެނިވި އެއްޗެއް އަމިއްލައަށް ކާންބޭނުންވުންވެސް އެއީ ޢަޛާބެކެވެ. އަދި ވޭންދެނިވި ތަކެތި ކެއުމުން އެލިބިގެންދާ ވޭނަކީވެސް ޢަޛާބެކެވެ. އަދި އެކަމުން ސަލާމަތްނުވެ އެކަން އެޢަޛާބާއިއެކު އުފުލުމަކީވެސް ޢަޛާބެކެވެ. އަދި ބޭނުންވި ކަންކަން އެއްވެސް ވަރަކަށް ނުފުދުންވެސް އެއީ ޢަޛާބެކެވެ.
7- [(އެކެއުމަކުން) ހަށިގަނޑަކަށް ބާރެއް ނުދޭނެއެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ.]
* އެއްޗެއް ކެއުމުގެ 2 ބޭނުމެއްވެއެވެ: ބަނޑުހައިކަން ފިލުވުން އަދި ހަށިގަނޑުގައި ބާރުޖެއްސުމެވެ. މިދެކަމުން ކުރެ އެއްވެސް ކަމެއް ޙާޞިލްނުވާނެއެވެ.
8- [އެދުވަހުން ނިޢުމަތް ލިބިގެންވާ އުފަވެރި މޫނުތަކެއް ވެއެވެ]
* އެދުވަހަކީ އެއީ ޤިޔާމަތްދުވަހެވެ. އެކަން އެނގެނީ މިއާޔަތުގެ ތިރީގައިވާ ވާހަކަތަކުންނެވެ.
* މޫނުތަކަކީ؛ މީހުންގެވާހަކައެވެ. އަދި މޫނުގެނެސްފައިވަނީ އުފާވެރިކަމުގެ ޝުޢޫރު ފާޅުކޮށްދޭނީ މޫނުންކަމަށް ވާތީއެވެ.
9- [ދުނިޔޭގައި އެބައިމީހުން ކުޅަ މަސައްކަތަށް ރުހިގެންވެއެވެ]
10- [މަތިވެރިވެގެންވާ ސުވަރުގޭގައެވެ]
* ދޭހަވަނީ: ސުވަރުގޭގެ އަހުލުވެރިންގެ ކޮޓަރިތައް ހުންނާނީ އުފުލިގެންކަމެވެ.
11- [(ގެއްލުންދެނިވި) ބޭކާރު ވާހަކައެއް އެތާނގައި އެބައިމީހުން ނާހާނެއެވެ]
* ދޭހަވަނީ: އެތާނގައި އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާނެކަމެވެ.
12-16 [ހިނގަހިނގައި ހުންނަ ފެންއާރެއް އެތަނުގައިވެއެވެ] [އުފުލިގެންވާ ދާންތައް އެތަނުގައިވެއެވެ] [އަދި ބެހެއްޓިގެންވާ ތަށިތަކާއިއެވެ] [އަދި އެތުރިގެންވާ ބާލީސްތަކެވެ] [އަދި ފެތުރިގެންވާ ދޫލަތަކާއިއެވެ]
17- [ފަހެ ޖަމަލު (ހައްދަވައިފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު އެބައިމީހުން ޖަމަލަށް ނުބަލަނީ ހެއްޔެވެ؟]
* މިތަނުގައި ބެލުމުގެ ވާހަކައިގެ މާނައަކީ: ޚަލްޤުތަކާއި މެދު ވިސްނާ ފިކުރުކުރުމެވެ.
* ޖަމަލުގެ ވާހަކަ ޚާއްޞަ ކުރައްވާފައިވާ މިސާލުޖެއްސެވުމުގެ ސަބަބަކީ: ޤުރުއާން ބާވާލައްވަމުން ދިޔައީ ޢަރަބިންގެ ތެރެއިން އައިސްފައިވާ ރަސޫލަކަށެވެ. އެއީ ޢަރަބިންގެ ތެރޭގައި އެންމެ ޢާއްމު ޖަނަވާރު ކަމަށް ވީތީއެވެ. އަދި ޖަމަލަކީ އެހެން ޖަނަވާރުތަކާއި ޚިލާފު ޚާއްޞަ އެތައް އަޖައިބުވަނިވި ކަންތައްތަކެއް ލިބިގެންވާ ޖަނަވާރެކެވެ.
18-20 [އަދި އުޑު (އުފުއްލަވާފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން އުޑަށް ނުބަލަނީ ހެއްޔެވެ؟] [އަދި ފަރުބަދަތައް ކޮޅަށް (ނަންގަވާފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން ފަރުބަދަތަކަށް ނުބަލަނީ ހެއްޔެވެ؟] [އަދި ބިން (ފަތުރުއްވައިފައި) ވަނީ ކޮންފަދައަކުން ކަމާއިމެދު، އެބައިމީހުން ބިމަށް ނުބަލަނީ ހެއްޔެވެ؟]
* މިއާޔަތްތަކުގައި ﷲ ވަޙީކުރަައްވާފައި މިވަނީ ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ. ޤުރުއާނުގައި ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ތަކުރާރުކޮށް ބަޔާންުކަރެއްވުމުގެ މައިގަޑު ބޭނުމަކީ: ހަމައެކަނި އަޅުކަންކުރުން ޙައްްޤުވެގެންވަނީ އެއިލާހަށް އެކަނިކަން ސާބިތު ކޮށްދެއްވާ އެކަމަށް އަޅުތަކުންނަށް އެންގެވުމެވެ.
* ކުޅަދުންވަންތަކަމުގެ ހެކިތައް އެންގެވުމުގެ ޙިކްމަތްތައް:
- މަޚްލޫޤުން އުފެއްދަވާފައިލެއް ފުރިހަމަކަން އެނގުމުން އެތަކެތި އުފެއްދެވި ފަރާތަކީ އަދި ކިހާފުރިހަމަކަން ލިބިގެންވާ ފަރާތެއްކަން އެނގިގެންދިއުން
- މީސްތަކުން ވިސްނާފިކުރު ކުރުމަށް ބާރުއެޅުއްވުން
- ދީނަށް ގޮވާލުމުގައި މަޖުބޫރުކަމެއް ނެތުން
- ކަލަކު ވޮޑިގެންވާކަން ދެނެގަނެ އަޅުކަންކުރުން ޙައްޤުވަނީ އެކަލާނގެއަށްކަން އެނގުން
21-22 [ފަހެ ކަލޭގެފާނު (އެބައިމީހުންނަށް) ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ] [އެބައިމީހުންގެ މައްޗަށް، ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ]
* ރަސޫލާގެ ވާޖިބަކީ މީސްތަކުންނާ ހަމައަށް ދީން ފޯރުކޮށްދިނުމެވެ.
* އިސްލާމްދީނުގައި މީހުންނަށް މަޖުބޫރުކޮށްގެން ދީނަށް ވެއްދުމެއް ނޯންނަކަން މިއާޔަތުން ދޭހަވެއެވެ.
23-24 [ފުރަގަސްދީ ކާފިރުވީ މީހަކަށް މެނުވީއެވެ] [ފަހެ ﷲ އެމީހަކަށް ބޮޑުވެގެންވާ އަޛާބުން އަޛާބު ދެއްވާނެއެވެ]
* މިއާޔަތުން ދޭހަވަނީ ރަސޫލާގެ ދަޢުވަތު ޤަބޫލު ނުކޮށް އެކަލޭގެފާނަށް އީމާންނުވާ މީހާއަށް ޢަޛާބު ދެއްވުން ވަނީ އެކަލާނގެއަށް ކަމެވެ.
* ބޮޑުވެގެންވާ ޢަޛާބު ގެ މާނައިގައި ދެގޮތަކަށް ބުނެވެއެވެ:
      - އެއީ ދުނިޔޭގައި ބަނޑުހައިހޫނުކަމާއި އަނިޔާވެރިކަން ކުރިމަތިވެ ލިބުނު ކުދި ޢަޛާބަށް ފަހު ނަރަކައިން ލިބޭ ބޮޑު ޢަޛާބެވެ.
      - ކަށްވަޅުގައި ލިބުނު ކުދި ޢަޛާބަށްފަހު ނަރަކައިން ލިބޭ ބޮޑުވެގެންވާ ޢަޛާބެވެ.
25 [ހަމަކަށަވަރުން އެބައިމީހުން އެނބުރި އައުންވަނީ ތިމަން އިލާހުގެ ޙަޟްރަތަށެވެ]
* މިއާޔަތުން ދޭހަވަނީ: މަރުވެ އިންސާނާ ފަނާވުމަށްފަހު އެކަލާނގެ އެހަށިގަނޑު އަލުން އުފައްދަވާ އަލުން ދިރުއްވާނެކަމެވެ.
26 [ދެން އެބައިމީހުންގެ ޙިސާބު ބެއްލެވުންވަނީވެސް ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށެވެ]
* މިއާޔަތުގައި މިވަނީ އިންސާނާ ދުނިޔޭގައި ކޮށްއުޅުނު ޢަމަލުތަކުގެ ޙިސާބު ބައްލަވާ ވާހަކައެވެ.
* މިއާޔަތުން ދޭހަވެއެވެ: އިންސާނާ ދުނިޔޭގައި ކޮށްއުޅުނު ހުރިހާ ކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވާކަން
                އިންސާނުންނަށް އެމީހުންގެ ޙައްޤުތައް ޤިޔާމަތްދުވަހު ހޯދަވާދެވޭނެކަން

Saturday, March 16, 2013

revision-unit2-gr7

އިސްލާމް / ގްރޭޑް 7 /ރިވިޝަން / ޔުނިޓު2 / ފުރަތަމަ ޓާރމް 2013
ނޯޓު: ޔުނިޓު ޓެސްޓު 2 ގައި މިސުވާލުތަކެއް މިގޮތަކަށް ނާންނާނެއެވެ. ނަމަވެސް މިއީ ފިލާވަޅުތައް ރިވައިސް ކޮށްލުމަށް ދެވިފައިވާ ސުވާލާ ޖަވާބުތަކެކެވެ. އަދި މީގެ އިތުރުން ފޮތުގެ މިޓޮޕިކްތައްވެސް ކިޔަންވާނެއެވެ.
ޤުރުއާނުގެބައި: ސޫރަތުއް ތަކާޘުރު ގެ މާނަ
1) ސޫރަތުއް ތަކާޘުރުގެ މައިގަނޑު މައުޟޫއަކީ ކޮބައިކަން ބުނެދޭށެވެ؟
ޖ: މުދާ ގިނަ ކުރުމުގެ ސަބަބުން ﷲ ހަނދުމަކުރުމުން އެއްކިބާވާ މީހާ މަރުވުމަށްފަހު އެކަމުގައި ހުރި ޢަޛާބު ދެކޭނެ ވާހަކައާއި ޤިޔާމަތް ދުވަހު އެދެއްވި މުދަލާ ދަރިންނާމެދު ސުވާލުކުރެވޭނެކަމެވެ.
2) ސޫރަތުއްތަކާޘުރުގެ ފުރަތަމައާޔަތުގައިވެއެވެ: [(މުދަލާއިދަރީން) ގިނަކަމަށް ގިނަކަމަށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެއްތައި) މަޝްޣޫލުކޮށްފިއެވެ.] މިތަނުގައިމިވާ މަޝްޣޫލު ގެ މާނައަކީ ކޮބައިހެއްޔެވެ؟
ޖ: އެއްކިބާ ކުރުމެވެ.
3) ތަކާޘުރު ސޫރަތުގެ 2 ވަނަ އާޔަތުގައިވެއެވެ: [ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ] މިތަނުގައި މިބުނަނީ ކީކޭހެއްޔެވެ؟ އަދި "ޒިޔާރަތް" މިކަލިމަ އޮތުމުން ދޭހަވާކަމެއް ބުނެދޭށެވެ؟
ޖ: އެބުނަނީ މަރުވުމަށް ދާންދެނެވެ. "ޒިޔާރަތް" މިލަފްޒު އޮތުމުން ދޭހަވަނީ އެއީ ހަމައެކަނި ޒިޔާރަތަކަށް ވުމުން އަދި އަނބުރާ ދިރުއްވާނެކަމެވެ.
4) ތަކާޘުރު ސޫރަތުގެ 3 ވަނަ އާޔަތުގައި ވެއެވެ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.] މިތަނުގައި އެވާ އެނގޭނެ އެއްޗަކީ ކޮބައިހެއްޔެވެ؟
ޖ: އެފަދައިން ﷲ ހަނދުމަކުރުމުން ހަނދާން ނައްތާލާ މުދަލާހެދި ދަހިވެތިވުމުގެ ނުބައިކަން އެނގޭނެ ވާހަކައެވެ.
5) 5 ވަނަ އާޔަތުގައިވެއެވެ: [ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭ ނަމައެވެ.] މިތަނުގައި އެނގޭ ނަމަ ވާނެ ގޮތެއް ބަޔާންކުރައްވާފައެއް ނުވެއެވެ. ވީމާ އެނގޭ ނަމަގެ ޖަވާބުގައި އޮންނާނީ ކީކޭކަން ބުނެދޭށެވެ؟
ޖ: އެނގޭނަމަ އެމުދާތަކަށް ދަހިވެތިވުން ދޫކޮށް ﷲ ހަނދުމަކުރީހެވެ.
ޢަޤީދާގެބައި: މާތް ﷲ ގެ ސިފަފުޅުތައް
6) ﷲ އަށް ލިބިވޮޑިގެންވަނީ ކޮންފަދަ ނަންފުޅުތަކަކާއި ސިފަފުޅުތަކެއް ހެއްޔެވެ؟
ޖ: ރިވެތި ނަންފުޅުތަކާއި އެއްވެސް އުނިކަމެއް ނުވާ ފުރިހަމަ ސިފަފުޅުތަކެވެ.
7) ﷲ ގެ ނަންފުޅުތަކާއި ސިފަފުޅުތައް ދެނެގަނެވޭނެ ހަމައެކަނި ގޮތަކީ ކޮބައިހެއްޔެވެ؟
ޖ: ހަމައެކަނި ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުންނެވެ.
8) ﷲ ގެ ހުރިހާ ނަންފުޅުތަކަކާއި ސިފަފުޅުތަކެއް އިންސާނާއަށް އެނގޭ ހެއްޔެވެ؟
ޖ: ނޭނގެއެވެ. އެއީ އެހުރިހާ ނަންފުޅުތަކާއި ސިފަފުޅުތައް އެކަލާނގެ އަހަރުމެންނަށް އަންގަވާފައި ނެތުމުންނެވެ.
9) ﷲ ވަޙީކުރައްވާފައިވެއެވެ: [އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެން ކަލާނގެއެވެ.] މިއާޔަތުން ސާބިތުވާ ﷲ ގެ 2 ސިފަފުޅަކާއި އެދެ ސިފަފުޅަށް އީމާންވުމުގައި ބަލަންޖެހޭ ދެ މިންގަޑު މިއާޔަތުގެ އަލީގައި ތަފްޞީލު ކޮށްދޭށެވެ؟
ޖ: ދެ ސިފަފުޅަކީ: އައްސަވާވޮޑިގަތުން އަދި ބައްލަވާވޮޑިގަތުމެވެ. އެކަލާނގެ އައްސަވާވޮޑިގަތުމާއި ބައްލަވާވޮޑިގަތުމަކީ އެއްވެސް އިނިކަމެއް ނުވާ އެންމެ ފުރިހަމަ ގޮތިގައިވާ ދެ  ސިފައެވެ. އަދި އެކަލާނގެ އައްސަވާ އަދި ބައްލަވާ ފަދައިން އައްސަވާ ބައްލަވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ.
10) ﷲ ގެ ސިފަފުޅުތަކާއި ނަންފުޅުތައް ދެނެގަތުމުގެ 2 ބޭނުން ބުނެދޭށެވެ؟
ޖ: އެއީ ﷲ ދެނެގަތުމާއި އަދި ދުޢާކުރުމުގައި އެސަފަފުޅުތަކާއި ނަންފުޅުތައް ބޭނުންކުރުމެވެ.
ޢިބާދާތު: ޙައްޖާއި ޢުމްރާ
11) ޙައްޖުގެ ރުކުންތައް ބަޔާންކުރާށެވެ؟
ޖ: ނިޔަތްގަތުން، 9ވަނަދުވަހު ޢަރަފާތުގައި މަޑުކުރުން، ޠަވާފުލްއިފާޟާ ކުރުން، ސަޢުޔުކުރުން، ބޯކޮށުން ނުވަތަ ބޯބޭލުން.
12) ޙައްޖުގެ ވާޖިބުތައް ބަޔާންކުރާށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމްބަނދެ ނިޔަތް ގަތުން، އިޙްރާމްބަނދެގެން ހުރެ ކުރުން ޙަރާމްކަންކަމުން ދުރުހެލިވުން، މުޒްދަލިފާގައި ރޭކުރުން، ތިންޖަމްރާއަށް ހިލައުކުން، 11 12 އަދި 13 ވަނަ ދުވަހު މިނާގައި ރޭކުރުން، ވަދާޢުގެ ޠަވާފުކުރުން
13) ޢުމްރާގެ ރުކުންތައް ބަޔާންކުރާށެވެ؟
ޖ: ނިޔަތްގަތުން، ޢުމުރާގެ ޠަވާފު ކުރުން، ސަޢުޔުކުރުން، ބޯކޮށުން ނުވަތަ ބޯބޭލުން.
14) ޢުމްރާގެ ވާޖިބުތައް ބަޔާންކުރާށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމްބަނދެ ނިޔަތް ގަތުން، އިޙްރާމްބަނދެގެން ހުރެ ކުރުން ޙަރާމްކަންކަމުން ދުރުހެލިވުން
15) ޢުމްރާވާގޮތް ޚުލާޞާ ކޮށްދޭށެވެ؟
ޖ: މީގާތު ހުރަސްކުރުމުގެ ކުރިން އިޙްރާމް ބަނދެ ނިޔަތް ގަނެ، ތަލްބިޔާ ކިޔަމުން މައްކާއަށް ދެވުމުން، ޠަވާފުކޮށް ސަޢުޔުކޮށް ބޯކޮށާނީ ނުވަތަ ބޯބާލާނީއެވެ.
16) ޙައްޖުވާގޮތް ޚުލާޞާ ކޮށްދޭށެވެ؟
ޙައްޖުމަހުގެ 8ވަނަ ދުވަހު އިޙްރާމް ބަނދެ ނިޔަތް ގަނެ މިނާއަށް ދާނީއެވެ. އަދި 9 ވަނަ ދުވަހު ޢަރަފާތުގައި މަޑުކޮށް އިރުއޮއްސުމުން އެރޭ މުޒްދަލިފާގައި ރޭކުރާނީއެވެ. 10 ވަނަ ދުވަހު ބޮޑުޖަމްރާއަށް ހިލައުކާ ، ހަދުޔު ކަތިލާ، ބޯބޭލުމަށްފަހު މައްކާއަށް ގޮސް ޠަވާފުލްއިފާޟާ ކޮށް ސަޢުޔުކުރާނީއެވެ. އަދި 11 12 އަދި 13 ވަނަ ދުވަހު ކޮންމެ ދުވަހަކު 3 ޖަމްރާއަށް ހިލައުކާ އެތިންރޭ މިނާގައި ރޭކުރާނީއެވެ. އަދި އެއަށްފަހު މައްކާދޫކޮށް ފުރަން ޖެހުމުން ޠަވާފުލް ވަދާޢުކުރާނީއެވެ.
17) ޙައްޖުގައި ވާޖިބެއް އަޅައިފި ނަމަ ކުރަންޖެހޭ ކަމަކީ ކޮބާހެއްޔެވެ؟
ޖ: ފިދުޔަ ކަތިލާނީއެވެ.
18) ޙައްޖުމަހުގެ 13 ވަނަ ދުވަހު މިނާގައިހުރެ ޖަމްރާއަށް ހިލައުކުން ވާޖިބު ނުވާ މީހުންނަކީ ކޮންބައެއް ހެއްޔެވެ؟
ޖ: އެއީ 12 ދުވަހު އިރުއޮއްސުމުގެ ކުރިން މިނާދޫކޮށް ދާމީހާއެވެ.
19) ޙައްޖުގެ ޠަވާފަށް ކިޔާ އެހެން ނަމެއް ބުނެދޭށެވެ؟
ޖ: ޠަވާފުލްއިފާޟާ އެވެ.
20) ޠަވާފުކުރުމަކީ ކޮބައިހެއްޔެވެ؟
ޖ: ގެފުޅު ވަށާ 7 ބުރު ޖެހުމެވެ.
21) ސަޢުޔު ކުރުމަކީ ކޮބައިހެއްޔެވެ؟
ޖ: ޞަފާ ފަރުބަދަ އާއި މަރުވާ ފަރުބަދަ އާ ދެމެދު 7 ފަހަރު ހިނގުމެވެ.
22) ޢަރަފާތުގައި މަޑުކުރަންޖެހޭ ދުވަހާއި ވަގުތަކީ ކޮބައިހެއްޔެވެ؟
ޖ: ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިންނެވެ.
23) ހަމައެކަނި ބޮޑުޖަމްރާ އަށް ހިލައުކަންޖެހޭ ދުވަހަކީ ކޮބައިހެއްޔެވެ؟
ޖ: ޙައްޖުމަހުގެ 10 ވަނަ ދުވަހު (ޢީދު ދުވަހު) އެވެ.
24) ކުޑަޖަމްރާ، މެދުޖަމްރާ އަދި ބޮޑުޖަމްރާ މިތިން ޖަމްރާއަށް ހިލައުކަން ޖެހޭ ދުވަސްތަކަކީ ކޮބައިހެއްޔެވެ؟
ޖ: 11، 12 އަދި 13 ވަނަ ދުވަހުއެވެ.
25) މުޒްދަލިފާ ގައި މަޑުކުރަންޖެހެނީ ކޮންދުވަހެއްގެ ކޮން ވަގުތަކު ހެެއްޔެވެ؟
ޖ: ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ.
ސީރަތު: ރަސޫލާ ސުވަރުގެ ވަޑައިގަތުން
26) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަންނަވަން ކައިރިވެއްޖެކަން އަޞްޙާބު ބޭކަލުންނަށް ފުރަތަމަ ދޭހަވެގެންދިޔައީ ކޮން ކަމަކުންހެއްޔެވެ؟
ޖ: އެކަލޭގެފާނު ހިޖްރީން 10 ވަނަ އަހަރު ކުރެއްވި ޙައްޖުގައި ދެއްވި ޚުތުބަތުލް ވަދާޢުންނެވެ.
27) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވީ ކޮން އަހަރެއްގެ ކޮން މަހެއްގަހެއްޔެވެ؟
ޖ: ހިޖްރީން 11 ވަނަ އަހަރުގެ ޞަފަރު މަހުއެވެ.
28) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އާލާސްކަންފުޅުޖެހިވަޑައިގެން އިމާމުވެ ނަމާދު ނުކުރެއްވޭ ވަރުވުމުން އިމާމުވެ ނަމާދު ކުރަން ޙަވާލު ކުރެއްވީ ކޮންބޭކަލަކާ ހެއްޔެވެ؟
ޖ: އަބޫބަކުރުގެފާނާއެވެ.
29) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަތީ ކޮން އަހަރެއްގެ ކޮންމަހެއްގެ ކޮންދުވަހަކުހެއްޔެވެ؟
ޖ: ހިޖްރީން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދަވަހުއެވެ.
30) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަވަހާރަވީއިރު އެކަލޭގެފާނުގެ ޢުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟
ޖ: 63 އަހަރެވެ.
31) ރަސޫލާ ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم މަދީނާގައި ދުނިޔޭގައި ހުންނަވާ އަބޫބަކުރުގެފާނާ އިމާމްވެ ނަމާދުކުރުމަށް ޙަވާލުކުރެއްވުމުން އެކަމުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: އަބޫބަކުރުގެފާނަކީ އަޞްޙާބު ބޭކަލުންގެ ތެރެއިން އެންމެ މާތް ބާކަލުކަމެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަށްފަހު ވެރިކަން ޙައްޤުވަނީ އަބޫބަކުރުގެފާނަށް ކަމެވެ.
32) ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم ސުވަރުގެ ވަޑައިގަތުމުން އެކަމުން ދޭހަވާ 2 ކަމެއް ބުނެދޭށެވެ؟
ޖ: ޤިޔާމަތް ކައިރިވެއްޖެކަމެވެ. އަދި ރަސޫލާ صَلَّى اللهُ عَلَيهِ وَسَلَّم އަކީ ﷲ ގެ އަޅެއް ކަމާއި އިންސާނެއް ކަމެވެ.