Monday, April 15, 2013

surat a'laa-gr11

ސޫރަތުލް އަޢްލާ ގެ އިޖްމާލީ މާނަ / އިސްލާމް / ގްރޭޑް 11
ސޫރަތުގެ މާތްކަން: ރަސޫލާ صلى الله عليه وسلم ސޫރަތުލްއަޢުލާ އާއި ސޫރަތުލް ޣާޝިޔާ ޢީދު ނަމާދުގައާއި ހުކުރު ނަމާދުގައި ކިޔުއްވާކަމުގައިވެއެވެ. އަދި ވިތުރީ ގައި ވެސް މިސޫރަތް ކިޔުން ސުންނަތްވެގެންވެއެވެ.
ސޫރަތުގެ މައުޟޫޢު: ﷲ ގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ބަޔާންކުރައްވާ، ޤުރުއާން ރައްކާތެރިކުރައްވާނެކަމާއި، އެޤުރުއާނަށް ތަބަޢަވީމީހާ ބާއްޖަވެރިވާނެކަމާއި އަދި އާޚިރަތް ދުނިޔެއަށްވުރެ ހެޔޮކަން ބޮޑުވުމާއެކުވެސް މިދުނިޔޭގެ ދަހިވެތިކަމުގައި ޖެހި އެކަލާނގެއަށް ތަބަޢަނުވާ މީހާ އަބާއްޖަވެރިވެއްޖެކަމާއި މިވާހަކަތައް ކުރިން ބާވާލެއްވުނު ފޮތްތަކުގަައިވެސް ވާކަމެވެ.
ސޫރަތުގެ މާނަ:
ރަޙްމާންވަންތަ ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން (ފަށައިގަންނަމެވެ).
1- [ކަލޭގެފާނުގެ ވެރި އެންމެ މަތިވެރި އިލާހުގެ އިސްމުފުޅުން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ!]
* މިތަން ބާވާލެއްވުމުން މިގޮތަށް ތަސްބީޙަ ރުކޫޢުގައާއި ސަޖިދައިގައި ކިޔުމަށް އަމުރުކުރެއްވިއެވެ. އަދި މިތަންކިޔަވާ ވިދާޅުވުމާއެކު "سُبْحَانِ رَبِّيَ الأَعْلَى" މިފަދައިން ކިޔުއްވާ ކަމުގައި ވެއެވެ. ވީމާ މިތަނުގައި ތަސްބީޙަ މާނައަކީ "سُبْحَانِ رَبِّيَ الأَعْلَى" މިއެވެ.
2-3  [އެކަލާނގެއީ، (އެންމެހައި ތަކެތި) ހައްދަވައި ދެން އެހެއްދެވުން ފުރިހަމަ ކުރެއްވި އިލާހެވެ] [އަދި އެކަލާނގެއީ (އެންމެހައި ތަކެތި) މިންވަރު ކުރައްވައި، ދެން (އެތަކެއްޗަށް) މަގުދެއްކެވި އިލާހެވެ]
* މިފަދައާޔަތްތަކަކީ އެކަލާނގެ ރުބޫބިއްޔަތަށް ދަލީލު ކޮށްދޭ އާޔަތްތަކެވެ. (ﷲ އަށް އީމާންވުމުގައި ތިން ކަމަކަށް އީމާންވާން ޖެހެއެވެ. އެއީ ތައުޙީދުއްރުބޫބިއްޔަ ، ތައުޙީދުލް އަސްމާ ވައްސިފާތު، އަދި ތައުޙީދުލްއުލޫހިއްޔާ، އެވެ. ތައުޙީދުއްރުބޫބިއްޔާ އަށް އީމާންވުމަކީ: އެންމެހާތަކެއްޗެއް އުފެއްދެވީ ﷲ ކަމާއި މަރުގެންދަވާ ދިރުއްވަނީ ﷲ ކަމާއި އެންމެހާ ކަންކަމެއް ބަލަހައްޓަވަނީ ﷲ ކަން ހިތުގެއަޑިން ޤަބޫލުކުރުމެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއީ ﷲ ކުރައްވާ އެންމެން ކަންކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ.)
* މިފަދަ ﷲ ގެ ރުބޫބިއްޔަތަށް ދަލީލުކޮށްދޭ އެންމެހާ އާޔަތްތަކުން ދަލީލުކޮށްދެނީ ﷲ ގެ ކުޅަދުންވަންތަ ކަމަށެވެ.
* މިފަދަ ﷲ ގެ ރުބޫބިއްޔަތަށް ދަލީލުކޮށްދޭ އާޔަތްތައް ގެންނެވުމުގެ ބޭނުމަކީ، ވީމާ އަޅުކަންކުރުން ހަމައެކަނި ޙައްޤުވަނީ ﷲ އަށް ކަން އެންގެވުމެވެ.
4-5 [އަދި އެކަލާނގެއީ ފަތްޕިލާވެލި ފެޅުއްވި ރަސްކަލާނގެއެވެ] [އަދި އެކަލާނގެ އެތަކެތި ކަޅުކުލައިގެ ހިކި ކުނޑިތަކެއް ކަމުގައި ލެއްވިއެވެ]
* މިދެއާޔަތުން ދޭހަކޮށްދެނީ: އަލުންދިރުއްވުމަށް ﷲ ކުޅަދުންވަންތަކަމާއި އެންމެ ހާ ތަކެއްޗެއް ދިރުއްވުމަށްފަހު އެތަކެތި ފަނާކުރައްވަނީވެސް އެކަލާނގެކަމެވެ.
* އާޔަތް (2،3) ގައި އެންމެހާ ތަކެއްޗެއް ފުރިހަމަ ކުރެއްވުމުގެ ވާހަކަ އޮވެ އެއަށްފަހު މިތަނުގައި ގަސްފަޅުއްވާ ވާހަކަ އޮތުމުން، މިއާ އެއާ ގުޅުވާލުމުން ދޭހަވެގެންދަނީ ބިމުން މިފަޅުއްވާ ހުރިހާ ތަކެއްޗެއް އުފެއްދެވީ އެތަކެއްޗަށްޓަކައި އެތަކެތީގެ ކާނާގެ ގޮތުގައި ކަމެވެ.
* އާޔަތް 2 ން 5 އަށް ބަޔާންކޮށްދެނީ ﷲ ގެ ކުޅަދުންވަންތަކަމެވެ.
6- [ތިމަންއިލާހުގެ ކަލޭގެފަނު ކިޔަވާވިދާޅުވާ ބޭކަލަކުކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެޤުރުއާން) ހަނދުމަފުޅެއް ނުނެތޭނެއެވެ]
* މިއާޔަތުން ދޭހަވަނީ: ކީރިތި ޤުރުއާން ރައްކާތެރި ކުރައްވާނެކަމެވެ.
* މުސްތަޤްބަލުގައިވާނޭކަންކަން ﷲ މޮޅަށް ދެނެވޮޑިގަންނަވާކަންވެސް މިއާޔަތުން ދޭހަވެއެވެ.
* މިއާޔަތުން ޤުރުއާނަކީ މުއުޖިޒާތެއްކަން ދަލީލުކޮށްދޭ 2 ކަމެއްވެއެވެ:
(1) ލިޔަންކިޔަން އެނގިވަޑައިނުގަންނަވާ ބޭފުޅަކަށް އެހާފުރިހަމައަށް މިޤުރުއާން ހިތުދަސްވުން
(2) މުސްތަޤްވަލުގައިވާނޭ ކަމަށް އެންގެވި ކަމެއް ފަހުން ހަމައެފަދައިން ވެގެން ދިޔުން: މިސޫރަތް ބާވާލެއްވުނީ އިސްލާމްދީނުގެ އެންމެ ކުރީކޮޅު، އަދި ފަހުން މިކަންވެގެންދިޔައީ ހަމަ މިގޮތަށެވެ.
7- [(ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން ފާޅުވެގެންވާ ކަންތަކާއި ވަންހަނާ ވެގެންވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ]
* އެކަލޭގެފާނު ހަނދުމަފުޅު ނެތުނުބައި ހަނދުމަފުޅު ނެތުނީ މަޞްލަޙަތަށްޓަކައެވެ.
* ޤުރުއާނުގައި ބާވާލެއްވުނު ބައެއް އާޔަތްތައް މަންސޫޚު ކުރެވުނުކަމާއި އަދި އެއާޔަތްތައް އެކަލޭގެފާނު ހަނދުމަފުޅުނެތުނުކަން މިއާޔަތުން ދޭހަވެގެންދެއެވެ: އެކަލޭގެފާނު މިފަދަ އާޔަތްތައް ހަނދުމަފުޅު ނެތުމަކީ ދީނުން ބައެއް އުނިވާނެ ކަމެއް ކަމަށް ނުބުނެވޭނެއެވެ. ސަބަބަކީ އެެފަދަ އާޔަތްތަކަކީ އިތުރަށް އޭގެ ޙުކުމް މުސްލިމްތަކުންނަށް ބޭނުންވާނެ އެއްޗަކަށް ނުވުމާއެކު، އެއާޔަތެއް ނުވަތަ ޙުކުމެއް އެކަލޭގެފާނު ހަނދުމަފުޅު ނެތުމަކީ އެއީ ދީން ފުރިހަމަގޮތުގައި ރައްކާތެރިވުން ކަމުގައި ވާތީއެވެ.
* އަދި މަންސޫޚު ކުރެވުނު އާޔަތްތައް މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.
8- [އަދި ފަސޭހަވެގެންވާ މަގަށް ތިމަންﷲ ކަލޭގެފާނަށްޓަކައި މަގުފަހިކޮށްދެއްވާހުށީމެވެ]
* އެކަލޭގެފާނަށް ޤުރުއާން ދަސްވުމުގައި އަދި އޭގެ މަތީގައި ސާބިތުވުމަށްޓަކައި ﷲ އެކަލޭގެފާނަށް ފަސޭހަކޮށްދެއްވާނެއެވެ.
* މަންސޫޚު ކުރެއްވުމުގެ އެއްޙިކްމަތަކީ ވެސް ލުއިފަސޭހަކޮށްދެއްވުން ކަން މިއާޔަތުން ދޭހަވެއެވެ.
9- [ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު (އެބައިމީހުންނަށް) ހަނދުމަކޮށްދެއްވާށެވެ!]
* ހަނދުމަކޮށްދިނުމުން ގޯސް އިތުރުވާނަމަ ހަނދުމަކޮށްދިނުމެއް ނުވާކަން މިއާޔަތުން ދޭހަވެއެވެ. ވީމާ ނުބައިކަންކަން މަނާކުރާނީވެސް އޭގެ ނަތީޖާ ރަނގަޅުނަމައެވެ. ނަތީޖާ ގޯސްވާނެ ކަންކަމުގައި ނުބައިކަމެއް މަނާކުރުމެއް ނުވެއެވެ.
* އަދި ނަޞޭޙަތްދެވޭ މީހާއަށް ފައިދާ ކުރާނެ މިންގަނޑަކަށް ނަޞޭޙަތްދިނުމަށްވެސް މިއާޔަތުން ދޭހަކޮށްދެއެވެ. މާނައަކީ މީސްތަކުންގެ ބުއްދިއަށް ވިސްނޭވަރަށް ވާހަކަ ދެއްކުމެވެ. މިސާލަކަށް ޣައިރުމުސްލިމަކަށް ދީނަށް ގޮވާލާއިރު ދީނުގެ ޙުކުމްތަކެއް ކިޔައެއް ނުދޭނެއެވެ. ސަބަބަކީ މީހާގައި ތައުޙީދު (އަޅުކަމުގައި ﷲ އެއްކައުވަންތަކުރުން) ނެތިއެއް ދީނުގެ އެހެން ޙުކުމްތައް އޭނާއަށް އެއްވެސްފައިދާއެއް ނުކުރާނެއެވެ. އަދި މީގެ ތެރޭގައި އެއްވެސް ޢިލްމެއް އެ ޢިލްމެއްގެ އަހުލުވެރިން ނޫން އެހެން މީހުންނަށް ނުދިނުން ވެސް ދޭހަވެއެވެ.
* ހަނދުމަ ކޮށްދިނުމުގެ 3 ބޭނުމެއް ވެއެވެ: އެވާޖިބު އަދާކުރުމަށްޓަކައި / އަނެކާއަށް ފައިދާއެއް ކޮށްދިނުމަށް / އަނެކާގެ މައްޗަށް ޙުއްޖަތް ޤާއިމު ކުރުމަށް . މިއެވެ.
10- [(ﷲއަށް) ބިރުވެތިވާ މީހާ ހަނދުމަކޮށް އުޅޭނެއެވެ.]
* މިއީ ހަނދުމަކޮށްދިނުމުން ފައިދާ ކުރާ މީހާއެވެ.
11- [އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ އެކަމުން ދުރުހެލިވާނެއެވެ]
* މިއީ ހަނދުމަކޮށްދިނުމުން ފައިދާ ނުކުރާމީހާއެވެ.
12- [އެމީހަކީ ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ]
* ބޮޑުވެގެންވާ ނަރަކައަކީ: ނަރަކައިގެ އެންމެ އަޑިއެވެ. / ނުވަތަ: ކައްވަޅުގެ ޢަޛާބަށް ވުރެ ބޮޑުވެގެންވާ ޢަޛާބެވެ.
13- [ދެން އެމީހަކު އެތާނގައި މަރެއްވެސް ނުވާނެއެވެ. އަދި (އަރާމު ހުރި ދިރުމަކުން) ނުވެސް ދިރޭނެމެއެވެ.]
* ނަރަކައަކީ ފަނާވުމެއް ނެތް ތަނެއްކަން މިއިން ދޭހަވެއެވެ. އެތަނުގައި އަބަދު ތިބެންޖެހޭ މީހުން އަބަދަށް އެތަނުގައި ތިބޭނެއެވެ.
14-15 [(ކާފިރުކަމުން) ޠާހިރުވެ، އަދި އެމީހާގެ ވެރިއިލާހު އިސްމުފުޅު ހަނދުމަކޮށް، ނަމާދު ކުޅަމީހާ ކާމިޔާބު ވެއްޖެކަން ކަށަވަރެވެ]
* ނަމާދަކީ ﷲ ހަނދުމަކުރުމުގެ ބައެއްކަމަށް ވީއިރު، ހަނދުމަކުރުމުގެ ވާހަކައިގެ ފަހަތުން ނަމާދުގެ ވާހަކަ އައިސްފައިވުމުގެ ޙިކްމަތަކީ ނަމާދުގެ މުހިންމުކަން ބަޔާންކޮށްދެއްވުމެވެ.
* ނަމާދަކީ އެންމެ މަތިވެރިވެގެންވާ ހަނދުމަކުރުން ކަން ދޭހަވެއެވެ. / އަދި ނަމާދަކީ އެންމެ މުހިންމު އަޅުކަން ކަންވެސް މިއާޔަތުން ދޭހަވެއެވެ.
* ޠާހިރުކަން ދެބަޔަކަށް ބެހެއެވެ: އެއީ ޙިއްސީ ޠާހިރުކަމާއި މަޢްނަވީ ޠާހިރުކަމެވެ. ޙިއްސީ ޠާހިރުކަމަކީ ވުޟޫކުރުންފަދަ ކަންކަމެވެ. މިއާޔަތުގައި މިވަނީ މަޢުނަވީ ޠާހިރުކަމެވެ. އެއީ ކުފުރުން އިސްލާމްދީނަށް ވަނުމެވެ. ފާފަތަކުން ތައުބާވެ ހެޔޮ ޢަމަލުކުރުމެވެ.
16-17 [އަދި ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި ދެމިހުރުން ބޮޑުވެގެންވާ ހާލުވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ]
* އާޚިރަތުގައި ނިޢުމަތް ލިބުންވާކަމާއި އެނިޢުމަތްތަކަކީ ދެމިގެންދާ ނިޢުމަތެއް ކަން ދޭހަވެއެވެ. އަދި ދުނިޔޭގެ ދިރިއުޅުމަކީ ވަގުތީ އަރާމެއްކަންވެސް މިއާޔަތްތަކުން ދޭހަވެއެވެ. / ދުނިޔޭގެ ދިރިއުޅުމުގެ އިތުރުން އަދި އެހެން ދިރިއުޅުމެއް އަންނަން އެބައޮތްކަން ވެސް ދޭހަވެއެވެ.
18-19 [ހަމަކަށަވަރުން މިވާހަކަތައް އިހުގެ ފަތްފުށްތަކުގައި ވާކަން ކަށަވަރެވެ] [އިބްރާހީމްގެފާނާއި މޫސާގެފާނަށް ބާވައިލެއްވި ފަތްފުށްތަކުގައެވެ]
* "މިވާހަކަތައް" އެ އިޝާރާތް ކުރަނީ މިސާރަތުގައި ވާ ހުރިހާ ވާހަކައަކަށެވެ. ނުވަތަ 14 ވަނަ އާޔަތުން ފެށިގެން އޮތް ވާހަކައެވެ. (އެއީ: ކާފިރުކަމުން ޠާހިރުވެ ﷲ ހަނދުމަކޮށް ނަމާދުކުރި މީހުން ކާމިޔާބުވެއްޖެ ކަމާއި، އާޚިރަތްދުވަހުގެ ހެޔޮކަން ބޮޑު ކަމާއެކުވެސް މީސްތަކުން ދުނިޔޭގެ ޙަޔާތް އިސްކުރާކަމެވެ.)
* މިއާޔަތްތަކުން ދޭހަވަނީ: ހުރިހާ ރަސޫލުބޭކަލުންނަށްވެސް ފޮތް ބާވާލެއްވީ ﷲ ކަމެވެ. އަދި ހުރިހާ ރަސޫލުބޭކަލުންވެސް ގޮވާލެއްވީ އެއްކަމަކަށް ކަމެވެ. އަދި "ޞުޙުފު" ބާވާލެއްވުނީ އިބްރާހީމްގެފާނަށާއި މޫސާގެފާނަށްކަމެވެ.
ސޫރަތުން ލިބޭ ފައިދާތައް:
* ﷲ އަށް އުނިކަމެއް ލިބިގެން ނުވާކަމާއި ޚަލްޤު ކުރެއްވުމުގައި އެކަލާނގެ އެއްކައުވަންތަކަން.
* ރަސޫލާއަށް ވަޙީލިބުމުގައި އެކަލޭގެފާނަު ސާބިތުކޮށްދެއްވާނެކަން.
* ރަސޫލާ މީސްތަކުންނަށް ފޯތުކޮށްދެއްވާ ވަޙީއަކީ ބިރުވެތިވާ މީހާއަށް ހަނދުމަކޮށްދޭ ފައިދާ ހުރި އެއްޗެއްކަން
* ރަސޫލާ މީސްތަކުންނަށް ފޯތުކޮށްދެއްވާ ވަޙީއަކީ ދުނިޔޭގެ ޙަޔާތަށް އިސްކަންދޭ ނުބައިކަންވާ މީހާ މޫނު އަނބުރާލާ އެއްޗެއްކަން.
* ރަސޫލާއަށް ބާވާލެއްވި ކަންކަން ކުރީގެ ފޮތްތަކުގައިވެސް ވާކަން.


No comments:

Post a Comment